ENGLISH

01 ޑިސެމްބަރު 2025

Advertisement

ލަންކާގެ މޫސުމީ ކާރިސާ؛ މަރުވި އަދަދު 334 އަށް، ގެއްލިގެން 370 މީހުން ހޯދަނީ

01 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

އަވައްޓެރި ސްރީ ލަންކާއަށް ކުރިމަތިވި މޫސުމީ ކާރިސާގައި މިހާތަނަށް 334 މީހަކު މަރުވެ، 370 މީހަކު ގެއްލިފައިވާކަމަށް އެޤައުމުން ރިޕޯޓްކޮށްފިއެވެ. 

ލަންކާއަށް ކުރިމަތިވި "ދީތުވާ" ތޫފާނުގެ ސަބަބުން އެގައުމަށް ބޮޑެތި ގެއްލުންތައް ވަނީ ވެފައެވެ. ޚާއްޞަކޮށް ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމާއެކު، މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ވަނީ އަސަރުކޮށްފައެވެ. 

ތޭވީސް މިލިއަން މީހުންގެ އާބާދީގެ މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ކާރިސާގެ އަސަރުކޮށްފައިވެއެވެ. އެކި ސިޓީތަކަށް ބަލާއިރު އެއީ ތިންލައްކައަށް ވުރެ ގިނަ އާއިލާއެވެ. 

ރޭގެ ނިޔަލަށް މޫސުމީ ކާރިސާގެ އަސަރު 309،607 އާއިލާއެއްގެ 1،118،929 މީހަކަށް ކޮށްފައިވާކަމަށް އެޤައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އަދި، ވަގުތީ ބޯހިޔާވަހިކަން 55،747 އާއިލާއަކަށް ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ވަގުތީ ރައްކާތެރިކަން 196،790 މީހަކަށް ވަނީ ފޯރުކޮށްދީފައެވެ. 

ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރީ ގެމްޕަހާ އާއި ކޮލަމްބޯ އަދި ޕުތަލަމް އަށެވެ. ގެމްޕަހާއިން 236،498 މީހުންނަށް ތޫފާނުގެ އަސަރުކުރިއިރު ކޮލަމްބޯއިން 218،123 މީހަކަށް ވަނީ އަސަރުކޮށްފައެވެ. އަދި، ޕުތަލަމްއިން 135،922 މީހަކަށް މޫސުމީ ކާރިސާގެ އަސަރުކޮށްފައިވެއެވެ. 

އިމަޖެންސީ ޓީމުތަކުން އަންނަނީ އަސްކަރިއްޔާގެ އެހީގައި ހާލުގައި ޖެހިފައިވާ މީހުންނަށް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ކާބޯތަކެއްޗާއި، ބޭހާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޓީމުތައް އަންނަނީ ހަރަކާތްތެރިވަމުންނެވެ. 

ތޫފާނުގެ ސަބަބުން ބޮޑެތި ގެއްލުންތައް ވެފައިވުމާއެކު، ބައެއް ސަރަޙައްދުތަކަށް އެތެރެވުމަކީ ބޮޑު ގޮންޖެހުމެކެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، މަގުތައް ހަލާކުވެ، އެސަރަޙައްދުތަކަށް ވަނުމުގައި އުނދަގޫވުމެވެ. 

ތޫފާން "ދީތުވާ" ލަންކާއަށް ދުރަށް ދިޔަ ނަމަވެސް، ވިއްސާރައިގެ ސަބަބުން ކޯރުތައް ބަންޑުންވުމުގެ ބިރު އަދިވެސް އެބައޮތް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެހެންކަމުން، އެޤައުމުގެ ޙާލަތު އަދިވެސް އޮތީ ނުރައްކާތެރި ޙާލަތެއްގައި ކަމަށް ލަންކާއިން ވަނީ ބުނެފައެވެ. 

ލަންކާއިން ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެދުމާއެކު ގިނަ ޤައުމުތަކަކުން އަންނަނީ އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން، ދިވެހި ސަރުކާރުން ވަނީ ލަންކާއަށް 50،000 ޑޮލަރާއި 25،000 މަސްދަޅު ހަދިޔާކުރަން ނިންމައިފައެވެ. އަދި، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ކުރިއަށްގެންދާ ޓެލެތޯންގައި މިހާތަނަށް 5.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 

އެހެން ޤައުމުތަކަށް ބަލާއިރު، އިންޑިއާއިން ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ހިފައިގެން ލަންކާއަށް އެތެރެވެފައެވެ. ނޭޕާލުން އިއްޔެ ވަނީ ލަންކާއަށް ދެލައްކަ ޑޮލަރުގެ އެހީއެއް ދީފައެވެ. ޕާކިސްތާނުން ވަނީ ލަންކާއަށް ރެސްކިއު ޓީމެއް ފޮނުވަން ނިންމައިފައެވެ. 

ޗައިނާއިން އެއްލައްކަ ޑޮލަރު އަދި ހާލުގައި ޖެހިފައިވާ ސިޓީތަކަށް އެހީ ފޯރުކޮށްދިނުމަށް 10 މިލިއަން ރުޕީސް ވަނީ ހަދިޔާކޮށްފައެވެ. އަދި، އޮސްޓްރޭލިއާއިން ވަނީ އެއް މިލިއަން އޮސްޓްރޭލިއަން ޑޮލަރުގެ އެހީ ލަންކާއަށް ފޯރުކޮށްދީފައެވެ. 

ކިޔުންތެރިންގެ ހިޔާލު