ENGLISH

27 ނޮވެމްބަރު 2025

Advertisement

އަނިޔާވި މުވައްޒަފުގެ ފަރުވާގެ ހުރިހާ ކަމެއް ގާތުން ދަނީ ބަލަމުން: ސްޓެލްކޯ

26 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ހުޅުމާލޭގައި ހުންނަ ބެކަޕް ޕަވަރޕްލާންޓް. ހާދިސާ ހިނގީ ހުޅުމާލެ ބާ އިންޖީނުގޭގަ. ފޮޓޯ: ސްޓެލްކޯ

ހުޅުމާލޭ ބާ އިންޖީނުގޭގެ ސްވިޗު ގިޔަރަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައިދިޔަ ހާދިސާއެއްގައި މިއަދު ސްޓެލްކޯގެ މުވައްޒަފެއްގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، އެ މުވައްޒަފުގެ ފަރުވާގެ ހުރިހާ ކަމެއް ވަރަށް ގާތުން ބަލަމުންގެންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. 

ހާދިސާގައި އަނިޔާވީ 43 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. 

މުވައްޒަފަށް ލިބުނު ގެއްލުމާއި ގުޅޭގޮތުން ސްޓެލްކޯއިން މިއަދު ހަވީރު ވަނީ ބަޔާނެއް އާއްމުކޮށްފައެވެ. އެކުންފުނީގެ ބަޔާނުގައި ބުނީ އަނިޔާ ލިބުނު މުވައްޒަފަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ސްޓެލްކޯއިން ބުނީ ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އެމުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.  

"މި ހާދިސާއާއި ގުޅިގެން އަނިޔާވި މުވައްޒަފުގެ ފަރުވާއާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލައި، ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުވައްޒަފުގެ ޢާއިލާއާއި ގުޅިގެން މި ދަނީ މަސައްކަތް ކުރަމުން" - ސްޓެލްކޯ

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާކަމަށް ބުނެފައިވެއެވެ. އަދި، މި ހާދިސާގެ މިނިވަން ތަޙުޤީޤެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ފަށާފައިވާތީ، އެ ފަރާތަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް އެކުންފުނިން ދެމުންގެންދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

" މި ނާޒުކު ޙާލަތުގައި، އަނިޔާވި މުވައްޒަފުގެ ޢާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިދާނެފަދަ ހުރިހާ ޢަމަލަކުން ދުރުހެލިވުމަށާއި، ކަމާގުޅޭ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައިނުވާ މަޢުލޫމާތު ފެތުރުމުންވެސް ދުރުހެލިވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަން" - ސްޓެލްކޯ

އަނިޔާވި މުވައްޒަފުގެ ސިއްޙީ ޙާލަތާއި ގުޅޭ މަޢުލުމާތު ލިބެމުންދާވަރަކުން ރަސްމީ އިދާރާތަކުންނާއި އެކުންފުނީގެ ފަރާތުން ހާމަކުރާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

"އަދި އަޅުގަނޑުމެންގެ އިހުލާސްތެރި ދުޢާ އަކީ އެ މުވައްޒަފަށް މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އަވަސް ޝިފާއެއް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދިނުން" - ސްޓެލްކޯ

ކިޔުންތެރިންގެ ހިޔާލު