ENGLISH
26 ނޮވެމްބަރު 2025
ގޯތި ދީފަ ހުރީ ނުހިއްކާ ތަންތަނުން، ހިއްކާ ނިންމައި އެންމެންނަށް ގޯތި ޙަވާލުކުރާނަން: ރައީސް
25 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މައްޗަންގޮޅި ރައްޔިތުންނާ ބަދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
މިދިޔަ ސަރުކާރުން ގޯތިދީފައި ހުރި ގިނަ ތަންތަނަކީ ނުހިއްކާ ހުރި ތަންތަން ކަމަށާއި، އެ ހުރިހާ ސަރަޙައްދެއް ހިއްކުމަށް ފަހު މި ސަރުކާރުން ގޯތި ޙަވާލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މަންޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ އަމީނިއްޔާ ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބައްދަލުވުމުގައި ގިނަ ބަޔަކު ވަނީ ގޯއްޗާއި ފްލެޓާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. އަދި، އެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ތަފްސީލުކޮށް ޖަވާބުދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ނިމުނު ވެރިކަމުގައި ގޯއްޗާއި ފްލެޓްތައް ދޭން ނިންމާފައިވާ ގޮތަށް އެކަންކަން ކުރައްވަމުންގެންދަވާ ކަމަށެވެ.
ގޯތިތައް ދީފައިވާ ގިނަ ތަންތަނަކީ ނުހިއްކާ ހުރި ތަންތަންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ނުނިމި އޮތްއިރު ގިރާފަޅު އަދި ގުޅިފަޅު ވެސް ހިއްކާ ނިންމާފައިނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އޭރު ހިއްކާފައި އޮތް ތަންތަނުން ލިބިފައިވާ ގޯތިތައް ދިނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެކަމަކު ނުހިއްކާ އޮތް ތަންތަން ހިއްކުމަށްފަހު ކުރިން ގޯތި ލިބިފައި ތިބި އެންމެންނަށް ގޯތި ޙަވާލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ލިބިފައިވާ ގޯތިތަކުގައި އިމާރާތް ނުކުރެވޭ މައްސަލައާ ގުޅޭގޮތުން ކުރި ސުވާލުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަމާ ގުޅޭ އިދާރާތަކާއެކު މަޝްވަރާކުރައްވައި އެމައްސަލައަށް ޙައްލު ގެނެސްދެއްވާނެ ކަމަށެވެ.
ގޯތި އިތުރަށް ދިނުމަސްޓަކައި ގުޅިފަޅުގެ ފުން ސަރަޙައްދު ހިއްކުމާއި އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް އަވަހަށް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފްލެޓްތައް ޙަވާލުކުރަނީ ލިސްޓުގައި އޮތްގޮތަށް ކަމަށާއި، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަންނަނީ އެ ސަރަޙައްދުގައި ކުރަންޖެހޭ ކަންކަން ކުރަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަމާޒަކީ ޑިސެމްބަރު ނިމުމުގެ ކުރިން ނިމިފަ ހުރި ތަންތަން ދިނުމަށްފަހު، ދިރާސީ އަހަރު ފެށެންވާއިރަށް އެންމެން އެ ފްލެޓްތަކަށް ވެއްދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.