ENGLISH
22 ނޮވެމްބަރު 2025
ދަރަނި އަދާކުރުމުގެ ހަރަދު 8 ބިލިއަނުން މައްޗަށް، ޑެފިސިޓު %91.1 ދަށަށްް
22 ނޮވެމްބަރު 2025
|
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ދައުލަތުގެ ދަރަނި އަދާކުރުމަށް މި އަހަރު ސަރުކާރުން ކުރި ހަރަދު އަށް ބިލިއަން ރުފިޔާ ފަހަނައަޅައި ގޮސްފައިވާއިރު، ދައުލަތުގެ ބަޖެޓުގެ ޑެފިސިޓު ނިމުނު އަހަރަށްވުރެ 91.1 އިންސައްތަ ދަށްވެފައިވާކަން މާލީ ވުޒާރާގެ ހިސާބުތަކުން ދައްކަައިފިއެވެ.
މާލީ ވުޒާރާއިން ހަފުތާއަކު އެއްފަހަރު އާއްމުކުރާ ދައުލަތުގެ ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތައް ދަައްކާ ގޮތުން މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ނޮވެންބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 33.2 ބިލިއަން ރުފިޔާއެވެ. އެއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބުނު އާންދަނީއަށްވުރެ ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އާމްދަނީއަށް ބަލާއިރު ޓެކުހުގެ ގޮތުގައި ނިމުނު އަހަރުގެ އެ މުހުލަތުގައި 23 ބިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު 24.7 ބިލިއަން ރުފިޔާ ލިބުނެވެ. އަދި ޓެކުސް ނޫން ގޮތްގޮތުން ނިމުނު އަހަރު 6.6 ބިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު 8.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ނިމުނު އަހަރު ޖުމްލަ 39.3 ބިލިއަން ރުފިޔާ ދައުލަތުގެ ހަރަދުތަކަށް ހޭދަވި ނަމަވެސް މި އަހަރު ހަރަދު ކުޑަކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ޖުމްލަ ހަރަދުތައްވަނީ 34 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ. އެއީ ގާތްގަނޑަކަަށް 13 އިންސައްތައިގެ ދަށްވުމެކެވެ.
ދައުލަތުގެ ހަރަދުތަކަށް ބަލާއިރު ރިކަރަންޓު ހަރަދުތަކަށް މި އަހަރުގެ ނޮވެންބަރު 13 ވަނަ ދުވަހުގެ ނިޔަލަަށް ހޭދަވީ 29.1 ބިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ހަރަދުތަކަށް ހޭދަވެފައިވަނީ 4.8 ބިލިއަން ރުފިޔާއެވެ.
ދަރަނި އަދާކުރުމުގެ ހަރަދުތަކަށް ބަލާއިރު، ފައިނޭންސިން އަދި އިންޓަރެސްޓު ހަރަދުތަކުގެ ގޮތުގައި 3.9 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، ލޯނު އަނބުރާ ދެއްކުމަށް 4.4 ބިލިއަން ރުފިޔާ ހޭދަވިއެވެ. އެހެންކަމުން ދަރަނި އަދާކުރުމުގެ ހަރަދުތަކަށް ޖުމްލަ 8.4 ބިލިއަން ރުފިޔާ ހަރަދުވިއެވެ.
ނިމުނު އަހަރު ފައިނޭންސިން އަދި އިންޓަރެސްޓާ ގުޅުންހުރި ހަރަދުތަކަށް ހޭދަވީ 4.2 ބިލިއަން ރުފިޔާއެވެ. އަދި ލޯނު އަދާކުރުމަށް ހަރަދުވީ 2.07 ބިލިއަން ރުފިޔާއެވެ. އެއީ ޖުމްލަ ހަ ބިލިއަނެއްހައި ރުފިޔާއެވެ. އެހެންކަމުން މި އަހަރު ދަރަނި އަދާކުރުމަށް ކުރި ހޭދަވަނީ 34.2 އިންސައްތަ އިތުރުވެފައެވެ.
ނިމުނު އަހަރު ދަރަނި އަދާކުރުމުގެ ހަރަދު ކުޑަނަމަވެސް ޖުމްލަ ހަރަދު މަތިވުމުގެ ސަބަބުން 13 ނޮވެންބަރުގެ ނިޔަލަށް 9.1 ބިލިއަން ރުފިޔާއިން ބަޖެޓު ޑެފިސިޓުވިއެވެ. މި އަހަރުގެ މިހާތަނަށް ހަރަދުތަކާއި އާމްދަނީގެ ފަރަގު ވަރަށް ކުޑަކުރެވިފައިވުމުގެ ސަބަބުން ނޮވެންބަރު 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓު ޑެފިސިޓަކީ 807.2 މިލިއަން ރުފިޔާއެވެ. އެއީ ނިމުނު އަހަރުގެ އެ މުއްދަތުގެ ޑެފިސިޓަށްވުރެ 91.1 އިންސައްތަ ދަށް އަދަަދެކެވެ.
ކުރީ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް މި އަހަރާއި އަންނަ އަހަރު މި ސަރުކާރުން އަދާކުރަންޖެހިފައި އޮތުމުގެ ސަބަބުން ދަރަނި އަދާކުރުމަށް ދައުލަތުން ކުރާ ހަރަދު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. ނަމަވެސް ދަރަނި އަދާކުރުމާއެކު ދައުލަތުގެ ހަރަދުތައް ސްޓްރީމްލައިންކޮށް ހޭދަ ކުޑަކޮށްފައިވާތީ ބަޖެޓުގެ ޑެފިސިޓު ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު ވަރަށް ބޮޑަށް ކުޑަވާނެ ކަމުގައި ސަރުކާރުން ލަފާކުރެއެވެ.
އަންނަ އަހަރަކީ 600 މިލިއަން ޑޮލަރުގެ ދަރަނި އަދާކުރަންޖެހޭ އަހަރަކަށްވާއިރު ބަޖެޓުގެ ޑެފިސިޓު ކުޑަކުރެވުމަކީ އަންނަ އަހަރު ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކޮށް ދަރަނި އަދާކުރަން ފަސޭހަ ލުއި ގޮތްތަކެއް ހޯދުމަށް ފަސޭހަވާނެ ކަމެއް ކަމަށް އިގުތިސާދީ މާހިރުން ދެކެވަޑައިގަންނަވައެވެ.