ENGLISH
23 ނޮވެމްބަރު 2025
ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް 300،000 ރުފިޔާ ހަދިޔާކޮށްފި
20 ނޮވެމްބަރު 2025
|
ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ފަލަސްތީންގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ މެދުގައި ކުޅުނު އެކުވެރިކަމުގެ ދެ މެޗުން ސްވެނިއަރ ޓިކެޓް ވިއްކައިގެން ލިބުނު 300،000 ރުފިޔާ (19،455.25 ޑޮލަރު) އެފްއޭއެމްގެ ފަރާތުން ފަލަސްތީން ޓީމަށް ހަދިޔާކޮށްފި އެވެ.
ފަލަސްތީންގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ރާއްޖޭގެ ޒުވާން ޓީމު ކުޅުނު ފުރަތަމަ މެޗުން 6-0 އިން ބަލިވިއިރު، ދެވަނަ މެޗުގައި ފަލަސްތީން ޓީމު މޮޅުވީ 3-0 އިންނެވެ.
ފަލަސްތީނުގެ ޒުވާން ޓީމާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ކުޅިބަލަން ހިލޭ ވަނުމުގެ އިންތިޒާމް ހަމަޖައްސާފައިވީ ނަމަވެސް ފަލަސްތީނުގެ ފުޓްބޯޅަ އަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެ ކެޓަގަރީއަކުން ރަމްޒީ ޓިކެޓް ވިއްކަން އެފްއޭއެމުން އިޢުލާންކުރިއެވެ.
އެއީ ޕްލެޓިނަމް ކެޓަގަރީ އާއީ ގޯލްޑް ކެޓަގަރީ އެވެ. ޕްލެޓިނަމް ކެޓަގަރީގެ ޓިކެޓެއް ވިއްކާނީ 1،000ރ. އަށެވެ. ޕެލެޓިނަމް ކެޓަގަރީން ޓިކެޓް ގަންނަ ފަރާތްތަކަށް ހަމަޖައްސާފައި ވަނީ ވީއައިޕީ އާއި ރޮސްޓްރަމް އެވެ. އެ ކެޓަގަރީން ވިއްކާނީ ޖުމުލަ 50 ޓިކެޓެވެ.
ޖުމުލަ 200 ޓިކެޓް ވިއްކާ ގޯލްޑް ކެޓަގަރީއަކީ ރޮސްޓްރަމް ވަށައިގެން އޮންނަ ގޮނޑިބަރި ސަރަހައްދުން މެޗު ބެލުމުގެ ފުރުސަތު ލިބޭ ކެޓަގަރީ އެވެ. އެ ކެޓެގަރީން ޓިކެޓް ވިއްކާނީ 500ރ. އަށެވެ.
އެގޮތުން، ސްވެނިއަރ ޓިކެޓް ވިއްކަން ހުޅުވާލި ފުރުޞަތުގައި މި ކަމަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ނައިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުވެސް ވަނީ ސްވެނިއަރ ޓިކެޓް ބައްލަވައިގެންފައެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ގައުމީ ބޭންކާއި، ބައެއް ވިޔަފާރިވެރިންނާއި ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ކުލަބުތަކުގެ ފަރާތުން ވެސް މިކަމަށް ބޮޑު ތަރުހީބެއް ވަނީ ދީފައެވެ.
އެފްއޭއެމުން ބުނީ، ފަލަސްތީނުގެ ފުޓްބޯލް އެސޯސިއޭޝަނުން މިފައިސާ ހަރަދު ކުރާނީ އެ ގައުމުގައި ފުޓްބޯޅަ އަލުން އާރާސްތުކުރުމަށް ކުރާ މަސައްކަތަށް އެހީތެރިވުމަށް ކަމަށެވެ.
ފަލަސްތީނުގެ ޒުވާން ޓީމު ރާއްޖޭގައި ތިބުމާއި ކެއުމުގެ ހުރިހާ ޚަރަދެއް ވެސް ހަމަޖައްސާފައި ވަނީ ދިވެހި ސަރުކާރާއި އެފްއޭއެމުންނެވެ.