ENGLISH
08 ޑިސެމްބަރު 2025
ދާރުލްއަރްގަމް ވަޤުފް ޢިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު
20 ނޮވެމްބަރު 2025
|
ދިވެހިރާއްޖޭގައި ޤާއިމުކުރާ ދެވަނަ ވަޤުފް އިމާރާތް، ދާރުލް އަރްޤަމްގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފި. މި ރަސްމިއްޔާތުގައި، ދާރުލް އަރްޤަމްގެ ބިންގާ އަޅުއްވައިދެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރް.ސީ.ސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާދަމް ރަޙީމް. ދެހާސް އަކަފޫޓުގެ ސަރަހައްދެއްގައި، އާރް.ސީ.ސީއާ ހަވާލުކޮށްގެން ތަރައްޤީކުރާ 12 ފަންގިފިލާގެ މި ޢިމާރާތުގެ މަޝްރޫޢަކީ، ބީ.އެމް.އެލް އިސްލާމިކްގެ އިސްލާމިކް ފައިނޭންސިންގެ ފެސިލިޓީއެއްގެ ދަށުން ކުރިއަށްގެންދާ، 39.4 މިލިޔަން ރުފިޔާގެ މަޝްރޫޢެއް. ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒުހިފާފައިވާ މި މަޝްރޫޢު ނިމުމުން، މި އިމާރާތުން އަހަރަކު ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނޭކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންދާޒާކުރައްވާ. މިއަދުގެ ރަސްމިއްޔާތުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުގައި ވަނީ، ދިވެހިރާއްޖޭގެ މުސްތަޤުބަލަށާއި، އިސްލާމީ ޚިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހުމިއްޔަތުކަން ފާހަގަކުރައްވައި، އެމަނިކުފާނަށް ޝުކުރުއަދާކުރައްވާފަ. އަދި ދިވެހިރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު ވަޤުފް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު، މި މަހު ފަހުކޮޅު، ހުޅުމާލޭގައި ބޭއްވުމަށް މަސައްކަތްޕުޅު ކުރައްވަމުންދާކަންވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފަ.