ENGLISH
16 ނޮވެމްބަރު 2025
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރި ރާއްޖޭގެ ޓޭބަލް ޓެނިސް ޓީމަށް ހޫނު މަރުހަބާއެއް
15 ނޮވެމްބަރު 2025
|
ގައުމީ ޓޭބަލް ޓެނިސް ޓީމަށް ރާއްޖެ އައުމުން މަރުހަބާ ކިޔުން. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރި ގައުމީ ޓޭބަލް ޓެނިސް ޓީމަށް ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ރާއްޖޭގެ ޓީޓީ ޓީމު މިއަދު ހެނދުނު ރާއްޖެ އައުމުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ޓީމަށް މަރުހަބާ ދެންނެވީ، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤު އިބްރާހިމާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ނައިބު ރައީސް، އަހުމަދު މުންތަގިމްގެ އިތުރުން ޓީޓީ އެސޯސިއޭޝަންގެ ރައީސް، އަލީ ރަޝީދު އެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިހުގެ އިވެންޓްުގައި ވާދަކުރި ރާއްޖޭގެ ޓީމުން ކުރި ހިތްވަރާއި، ދެއްކި ރަނގަޅު ކުޅުން ފާހަގަކުރައްވާ، ކުޅިވަރު ވަޒީރު ވަނީ ޓީމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ކުރިއަށްހުރި މުބާރާތްތަކުގައި އިތުރު ކާމިޔާބީތައް ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެ ކުޅުންތެރިންނަށް ވަނީ ގޮވާލައްވާފައެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އަންހެން ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީ ވަނީ ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ. އަދި، މި ގޭމްސްގެ ފިރިހެން ޑަބަލްސް އިވެންޓްގައި ވާދަކުރި ރާއްޖޭގެ މޫސާ މުންސިފް އަހުމަދާއި މުޙައްމަދު ޝައްފާންގެ ޕެއާ ވަނީ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ.
މީގެއިތުރުން، މި ފަހަރުގެ ގޭމްސްގެ ޓީމް އިވެންޓް ބައިގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމު ވަނީ ކުއާޓަރ ފައިނަލުގައި ވާދަކޮށްފައެވެ.
މިއަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިހުގެ އިވެންޓްގައި ވާދަކުރި ރާއްޖޭގެ ޓީމުގައި ހިމެނެނީ؛ މުންސިފް، ޝައްފާން، ރަފާ، ދީމާ އަދި އަލްސާ އެވެ.