ENGLISH

09 ޖޫން 2026

Advertisement

ފެނަކައަށް މުދާ ހޯދުމުގައި ގިނަ މައްސަލަތަކެއް؛ ޕްރޮކިއުމެންޓު ނިޒާމު ހަރުދަނާކުރަނީ

09 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ކުޅުދުއްފުށީ ސިޓީގައި ބަހައްޓާފައި ހުރި ޖަނަރޭޓަރު ސެޓެއް

ފެނަކައަށް ބޭނުންވާ މުދާ ހޯދުމުގައި ކުރީގެ މެނޭޖުމެންޓުން ގިނަ ގޯސްތަކެއް ހަދާފައިވާކަން ފާހަގަކުރައްވައި، ކުންފުނީގެ ޕްރޮކިއުމެންޓު ނިޒާމު ހަރުދަނާކޮށް މުދަލާއި ހިދުމަތް ހޯދުމުގައި މާލިއްޔަތު ގާނޫނަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އަޅުއްވަން ގަސްތުކުރައްވާކަން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދ އަފީފު ވިދާޅުވެއްޖެއެވެ. 

ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި އަފީފު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްކުރަނީ ފެނަކައިންކަން ކަމަށްވާތީ، އެ ކުންފުނިން ހިދުމަތް ފޯރުކޮށްދިނުމަށް އަބަދުވެސް ތަފާތު ސާމާނު ހޯދަންޖެހޭ ކަމަށެވެ. ނަމަވެސް ފާއިތުވި ތަނުގައި އެގޮތަށް ބޭނުންވާ ތަކެތި ހޯދުމުގައި އެކަށީގެންވާ ހަރުދަނާ ނިޒާމެއްގެ ތެރެއިން މަސައްކަތްކުރެވިފައިނުވާކަމަށް އެމްޑީ ވިދާޅުވިއެވެ. 

އެމްޑީވަނީ ކުންފުންޏަށް ބޭނުންވާ މުދާ ހޯދުމުގައި ކުރިމަތިވާ ބައެއް މައްސަލަތަކަށް އަލިއަޅުވައިލައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކުންފުންޏަށް ބޭނުންވާ މުދާ ހޯދުމުގެ މަސައްކަތް އެންމެ އެކަށީގެންވާ ކުންފުނިތައް ނޫން ކުންފުނިތަކާ ހަވާލުކޮށްފައި އެބަހުއްޓެވެ. އުސޫލެއްގެ ގޮތުން މުދަލެއް ހޯދާނަމަ އެ މުދަލެއް އުފައްދާ ފަރާތުން މުދާ ހޯދުމަކީ އެންމެ ރަނގަޅު ގޮތްކަމަށާއި، ތިންވަނަ ފަރާތަކުން މުދާ ހޯދާނަމަ އެ ކުންފުންޏަކީ ގާބިލު ކުންފުންޏެއްކަން ކަށަވަރުކުރަންޖެހޭކަމަށް އަފީފު ވިދާޅުވިއެވެ. 

"މިސާލަކަށް މެނުފެކްޗަރަރ އަތުން ތަކެތި ހޯދުން އެއީ އެންމެ ރަނގަޅު ގޮތަކީ. މެނުފެކްޗަރަރ އަތުން ތަކެތި، ސީދާ ނުހޯދޭނަމަ ރަނގަޅު ކުންފުންޏެއް އަތުން ހޯދަން ޖެހެނީ. މި ދެންނެވީ ޓެކްނިކަލް ނޯހައު ދަންނަ ފަންނީ ތަޖުރިބާ ހުންނަ ބައެއްގެ އަތުން މިތަކެތި ހޯދާ ކަމަށްވަންޏާ، ރަނގަޅު ތަކެތި ހޯދޭނެ. އަޅުގަނޑު ފާހަގަކުރަން އޮތީ، އަޅުގަނޑުމެންނަށް ގިނަ ފަހަރަށް ތަކެތި ހޯދިފައި ހުރީ އެންމެ ރަނގަޅު ތަންތަނަކުން ނޫން.،" އެމްޑީ ވިދާޅުވިއެވެ. 

އަފީފު ފާހަގަކުރެއްވި ގޮތުގައި ކުރިން މުދާ ހޯދުމަށް ކުންްފުންޏެއްގެ ޝަރުތު ހަމަނުވާ ކުންފުނިތަކާވެސް ހަވާލުކޮށްފައި އެބަހުއްޓެވެ. އަދި މާލިއްޔަތު ގަވާއިދުގެ ދަށުން އެ ކުންފުންޏަކީ ހޯދަންޖެހޭ މުދާ ގެނެސްދިނުމުގެ ގާބިލުކަން ހުރި ކުންފުންޏެއްކަން ކަށަވަރުކުރުން ލާޒިމުކުރި ނަމަވެސް އެކަން ލާޒިމުނުކޮށް މަސައްކަތް ހަވާލުކޮށްފައި ހުރިކަން ފާހަގަކުރެއްވިއެވެ. 

މުދަލެއް ދައުލަތުގެ ކުންފުންޏަކަށް ހޯދަން ހަވާލުކުރުމަށްފަހު އެ މުދަލެއް ލިބުމުން އެއާ ހަވާލުވުމުގެ ކުރިން އެ މުދަލުގެ ފެންވަރު ކަށަވަރުކުރުން ގަވާއިދުން ލާޒިމުވި ނަމަވެސް ބައެއްފަހަރު މުދަލާ ހަވާލުވާއިރު އެ މުދަލުގެ ފެންވަރު ޔަގީންކުރެވިފައި ނޯންނަކަމަށް އަފީފު ވިދާޅުވިއެވެ. 

""ޕްރޮކިއުމެންޓް ޕޮލިސީއަށް ބަދަލު ގެންނަންޖެހޭ. ކުންފުނީގެ ތެރޭގައި ކުރެވޭ މުޢާމަލާތްތަކަކީ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ކުރެވޭ މުޢާމަލާތްކަން ކަށަވަރުކުރަންޖެހޭ. ދައުލަތުގެ ކުންފުނިތަކުން މާލިއްޔަތު ޤާނޫނާއި އެއްގޮތަށް ޢަމަލުކުރުން ލާޒިމް ނުކުރޭ، އެހެންނަމަވެސް އެކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީއަކީ ހަރުދަނާ ޕޮލިސީއަކަށްވާންޖެހޭ. އަޅުގަނޑުމެން މަސައްކަތް ކުރަނީ ޒިންމާދާރުކަން ކުރެވިފައި ހުރި އިތުރަށް ތަކުރާރުވިޔަ ނުދީ ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރުން، އިރާދަކުރެއްވިއްޔާ އެކަން ކުރާނަން،" އެމްޑީ ވިދާޅުވިއެވެ. 

އެމްޑީ ވިދާޅުވީ މިގޮތަށް ކުންފުނީގެ ޕްރޮކިއުމެންޓުގެ ނިޒާމުގައި ހުރި އުނިކަންކަމާއި ބާގަނޑުތައް ބެއްލެވުމަށްފަހު އެކަންކަން އިސްލާހުކުރެއްވުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށެވެ. އަދި އަމާޒަކީ ކުރިން ކުންފުނީގައި ހިނގާފައި ހުރި ގޯސްތައް ތަކުރާރުނުވާނެ ގޮތަށް ކަންކަން އިންތިޒާމުކުރެއްވުން ކަމަށް ވިދާޅުވިއެވެ. 

އޭގެ އިތުރަށް އެމްޑީ ވިދާޅުވި ގޮތުގައި މިހާރު ޕްރޮކިއުމެންޓު ނިޒާމަށް ގެންނަވާ ބަދަލުތަކާއެކު، އެ ކުންފުނީގެ ބޭނުންތަކަށް ބޭނުންވާ މިންވަރަށް ސްޕެއާ ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. ކުންފުނީގެ އައު އިމާރާތުގެ މަސައްކަތް ނިމުމުން އެކަމަށް ބޭނުންވާ ޖާގަވެސް ގާއިމުކުރެވިގެންދާނެ ކަމަށް އަފީފު ވިދާޅުވިއެވެ، 

ކިޔުންތެރިންގެ ހިޔާލު