ENGLISH

09 ޖޫން 2026

Advertisement

ޙައްޖު ފްލޫ ކްލިނިކުން 84 މީހަކު ފަރުވާ ހޯދައިފި

09 ޖޫން 2026

|

އައިމިނަތު ޝަފާ

ހުޅުމާލެ ހޮސްޕިޓަލް.

ހައްޖުވެރިންނަށް ހާއްސަކޮށް ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކުރި ފްލޫ ކްލިނިކުން މިހާތަނަށް 84 މީހަކު ފަރުވާ ހޯދައިފިއެވެ.

"އެމްއެމްޓީވީ"އަށް މައުލޫމާތު ދެއްވަމުން ހުޅުމާލޭ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދުގެ މިހާތަނަށް 84 މީހަކު ރޯގާޖެހިގެން އެ ކްލިނިކުން ފަރުވާ ހޯދާފައިވާކަމަށެވެ. އާންމު ގޮތެއްގައި ކްލިނިކަށް ބާރު ބޮޑުވަނީ ހައްޖުވެރިންގެ ފްލައިޓުތައް ރާއްޖެ ޖައްސާ ދުވަސްތަކުގައިކަން އޭނާ ފާހަގަކުރެއްވިއެވެ. 

ހުޅުމާލެ ހޮސްޕިޓަލުގެ މައި ކައުންޓަރާ ދިމާލުގައި ހުންނަ މި ކްލިނިކުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރު 14:00 އިން ރޭގަނޑު 22:00 އަށް ހިދުމަތް ފޯރުކޮށްދެއެވެ. މި ކްލިނިކުން ހިދުމަތް ހޯދުމަށްދާ ހައްޖުވެރިން ހިދުމަތް ހޯދުމަށް ދާންވާނީ މާސްކު އަޅައިގެން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެެ. 

ހައްޖުން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ހައްޖުވެރިން ގެޔަށް ދިޔުމަށް ފަހު ހާއްސަކޮށް މާބަނޑު މީހުން ފަދަ ބަލީގެ ހާލަތު ގޯސްވެދާނެ މީހުން ނުވަތަ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން ގޭގައި ތިބިނަމަ، އެ މީހުންނާ ގާތް ނުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. 

މި އަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ޙައްޖުވެރިންގެ ތިން ވަނަ ގްރޫޕް މިހާރު ރާއްޖެ އައިސްފައިވާއިރު ފަހު ގްރޫޕް އަންނާނީ މިރޭ ދަންވަރުގެ ވަގުތެއްގައެވެ. 

ކިޔުންތެރިންގެ ހިޔާލު