ENGLISH
09 ޖޫން 2026
ފިލިޕީންސްގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
09 ޖޫން 2026
|
ފިލިޕީންސްގެ އައު ސަފީރު ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ؛ ރައީސް އޮފީސް.
އެންމެ މަޤްބޫލު
ފިލިޕީންސްގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފިއެވެ.
ފިލިޕީންސްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ނީނާ ޕީ. ކައިންޖްލެޓް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުއިއްޒަށް އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ގައުމީ ދިފާއީ ބާރުގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.
ފިލިޕީންސްގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.
އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ސަފީރުގެ ވާހަކަފުޅުގައި، ރާއްޖޭގައި މަސައްކަތްކުރާ އެޤައުމުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން ފޯރުކޮށްދެމުންދާ މެހުމާންދާރީއަށް ޝުކުރުއަދާކުރައްވާފައިވެއެވެ. އަދި، ދެ ޤައުމުން ގެންގުޅޭ ރަޙުމަތްތެރި ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ދެ ޤައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުން އިތުރަށް ކުރެވިދާނޭ މަސައްކަތްތައް ދެނެގަތުމުގެ ޢަޒުމުގައި ތިއްބެވިކަން ދެބޭފުޅުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ދިވެހިރާއްޖެ އާއި ފިލިޕީންސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1974 ވަނަ އަހަރުގެ ޖުލައި މަހުގެ 12ވަނަ ދުވަހުއެވެ.