ENGLISH

09 ޖޫން 2026

Advertisement

އައު މާލީ ވަޒީރަށް ވުޒާރާގެ މުވައްޒަފުންގެ ހޫނު މަރުހަބާއެއް

09 ޖޫން 2026

|

ޝިފްޒާން އަޙްމަދު

އައު މާލީ ވަޒީރަށް ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުން މަރުހަބާ ދެންނެވުން، ފޮޓޯ: އެކްސް

މާލީ ކަންކަމާއި އާއްމު ވިޔަފާރިތަކާ ބެހޭ ވަޒީރުގެ މަގާމަށް އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އައްޔަންކުރެއްވި އައު ވަޒީރު ހަސަން ޒަރީރަށް އެ ވުޒާރާގެ މުވައްޒަފުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. 

އައު މާލީ ވަޒީރަކީ އެކައުންޓިންގެ ދާއިރާއިން ފުރަތަމަ ޑިގުރީ ހާސިލުކުރެއްވުމަށްފައހު ފައިނޭންސްގެ ދާއިރާއިން މާސްޓާ އޮފް ފައިނޭންސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ތައުލީމު ހާސިލުކުރެއްވީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައެވެ. 

ފުރަތަމަ ޑިގުރީގައި އެކްސެލެންޓް އެވޯޑު ހާސިލުކުރެއްވުމުގެ އިތުރަށް ޒަރީރުވަނީ ޑީންސް ލިސްޓުގައި ހިމެނިވަޑައިގަތުމާއެކު، މާސްޓާސްގައި އެންމެ ރަނގަޅު ދަރިވަރުގެ މަގާމު ހާސިލުކުރައްވާފައިވެއެވެ. 

އިނގިރޭސިވިލާތުގެ ޗާޓާޑް އިސްޓިޓޫޓްގެ މެނޭޖުމެންޓު އެކައުންޓެންޓްސްއިން އޭނާއަށް ޗާޓާޑް މެނޭޖްމެންޓު އެކައުންޓެންޓުގެ މަގާމު އަދި އޮސްޓްރޭލިއާގެ ސީޕީއޭއން ސަޓިފައިޑް ޕްރެކްޓިސިން އެކައުންޓެންޓުކަންވެސް އޭނާއަށް ލިބިވަޑައިގެންފަައިވެއެވެ. 

މީގެ ކުރިން އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނުގެ އިތުރަށް ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަންކަމާއި، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ ޑިރެކްޓާ އޮފް ފައިނޭންސްގެ މަގާމުވެސް އަދާކުރެއްވިއެވެ. އަދި އޯގަސްޓު 2010 އިން ފެށިގެން ސެޕްޓެންބަރު 2019 ވަނައާ ދެމެދުގައ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްްސޭޝަންގެ މަގާމު އަދާކުރެއްވިއެވެ. 

އޭގެ ކުރިން ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވް އަދި އޮޕަރޭޝަންސް މެނޭޖާ ޕަބްލިކް ފައިނޭންސް ރިފޯމް ޕްރޮޖެކްޓުގެ މަގާމު 2007 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް އަދާކުރެއްވިއެވެ.  

މިއަދު ވަޒީރު ވުޒާރާއަށް ވަޑައިގެންނެވިއިރު އެވުޒާރާގެ އިސްވެރިންނާއި މުވައްޒަފުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ހާޒިރުވެވަޑައިގެން ތިއްބެވިއެވެ. ވަޒީރުވަނީ ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައި އެބޭފުޅުންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ. 

ވުޒާރާގެ ރަސްމީ އެކްސް އެކައުންޓުން ޝާއިއުކުރި ޕޯސްޓުގައި ބުނެފައިވަނީ އެވުޒާރާގެ އިސްމަސްއޫލުވެރިންނާއި މުވައްޒަފުން ވަޒީރަށް މަރުހަބާ ދެންނެވުމާއެކު، ދައުލަތުގެ ފައިސާ ބެލެހެއްޓުން ހަރުދަނާކުރެއްވުމާއި، މާލީ ކަންކަން ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށްގެންދެވުމާއި ދައުލަތުގެ ވިޔަފާރިތައް އިސްލާހުކުރުމަށް އެ ވުޒާރާއިން ކުރާ މަސައްކަތްތައް ކުރިއަށްގެންދެވުމުގައި ވަޒީރަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

ވަޒީރު ޒަރީރު މަގާމާ ހަވާލުވެވަޑައިގަތީ ކުރިން އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އާލާސްކަންފުޅާ އުޅުއްވާތީ ފަރުވާ ހޯއްދެވުމަށް ވަގުތު ހޭދަކުރައްވަންޖެހިވަޑައިގަންނަވާތީ މަގާމުން އިސްތިއުފާދެއްވުމަށް ނިންމެވުމާ ގުޅިގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު