ENGLISH
09 ޖޫން 2026
މެދުއިރުމަތީގެ ހަނގުރާމައިގެ އަމާޒުތައް ފުށުއަރައި ނަތަންޔާހޫއާއި ޓުރަމްޕުގެ މެދުގައި ދެބަސްވުންތަކެއް
09 ޖޫން 2026
|
ނަތަންޔާހޫއާއި ޓުރަމްޕުގެ މެދުގައި ދެބަސްވުން އުފެދެނީ ސިޔާސީ އަމާޒުތައް ފުށުއަރާތީ، ފޮޓޯ: އެކްސިއޯސް
އެންމެ މަޤްބޫލު
އީރާނާ ދެކޮޅަށް އިސްރާއާލާއި އެމެރިކާ ގުޅިގެން ފެށި ހަނގުރާމައިގެ ފަހުން ގިނަ މައްސަލަތަކަކާއި ކާރިސާތަކެއްގެ ތެރެއިން އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގުޅުން ވަރުގައަށް ސާބިތުކަންމަތީ އޮތުމަށްފަހު، އިސްރާއީލުން އީރާނަށާއި ލުބުނާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ޓުރަމްޕުގެ ނުރުހުމާއި ހިތްޕުޅުހަމަޖެހިވަޑައިނުގަތުން ނަތަންޔާހޫއަށް ފާޅުގައި އަމާޒުވާން ފަށައިފިއެވެ.
އާދީއްތަދުވަހު ފައިނޭންްޝަލް ޓައިމްސް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޓުރަމްޕު ވިދާޅުވީ ހަނގުރާމައިގެ ކަންކަމުގައި ފަހުބަސް ވިދާޅުވަނީ އޭނާކަމަށެވެ. ސަރީހަކޮށް އޭނާ ވިދާޅުވީ ނަތަންޔާހޫއަކ ގޮތް ނިންމަވާ ބޭފުޅާ ނޫން ކަމަށެވެ. އަދި އީރާނާ މަޝްްވަރާކޮށްގެން އެމެރިކާއިން ގާއިމުކުރާ އެއްބަސްވުމެއް ގަބޫލުކުރަން ނަތަންޔާހޫއަށް ޖެހޭނެތޯ ސުވާލުކުރުމުން ޓުރަމްޕު ވިދާޅުވީ އެހެން އިހުތިޔާރެއް ނަތަންޔާހޫއަށް ނޯންނާނެ ކަމަށެވެ.
ދެ ލީޑަރުންގެ މެދުގައި ދެބަސްވުންތައް އުފެދެމުންދާ ދަނޑިވަޅަކީ ހަނގުރާމައިގައި އިސްރާއީލާއި އެމެރިކާގެ މަސްލަހަތުތައް ތަފާތުވަމުންދާ ވަގުތެކެވެ. އެމެރިކާގެ ދައުރުގެ މެދުން ބާއްވާ އިންތިހާބުތަކުގެ ކުރިން ހަނގުރާމަ ނިމުމަކަށް ގެނެސް ގޭހާއި ޕެޓްރޯލުގެ އަގު ކޮންޓުރޯލުކުރުމަށް ޓުރަމްޕަށް ގިނަ ފިއްތުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، އިސްރާއީލުގައި ނަތަންޔާހޫއަށް އަމާޒުވަމުންދާ ފާޑުކިޔުމަކީ ހަނގުރާމަ ފެށިއިރު އޭނާ ބަޔާންކުރި އަމާޒުތައް ހާސިލުނުވުމުގެ ފާޑުކިޔުމެވެ.
އޭޕްރީލު މަހުގައި ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވީ ފަހުން އީރާނާއި އިސްރާއީލުން ދެގައުމަށް ދިން އެންމެ ވަރުގަދަ ހަމަލާތަކަށްފަހު ހޯމަދުވަހު ޓުރަމްޕާއި ނަތަންޔާހޫ ފޯނުން ވާހަކަދެއްކެވިކަމަށް ވައިޓްހައުސްގެ މަސްއޫލުވެރިޔަކު ބައެއް މީޑިޔާތަކަށް ޔަގީންކޮށްދެއްވާފައިވެއެވެ. އަދި މިހާރު އިސްރާއީލުން ހަމަލާތައް ހުއްޓާލައި އީރާނުންވެސް އިތުރަށް ހަމަލާނުދޭނެކަމަށް ބުނެފައިވެއެވެ.
ނަމަވެސް މިހަމަލާތަކުގެ ސަބަބުން ޓުރަމްޕު އަންގަވާ ގޮތަށް އަމަލުނުކޮށް، މެދުއިރުމަތީގައި ހަމަނުޖެހުމުގެ ހުޅުގަނޑު ރޯކުރަން ނަތަންޔާހޫ ތައްޔާރުކަން އަނެއްްކާވެސް ހާމަވެގެންގޮސްފައިވެއެވެ. މިހަމަލާތަކާ ގުޅިގެން ޓުރަމްޕުވަނީ މީސްމީޑިޔާ މަންސަތަކުގެ ޒަރީއާއިން ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އިސްރާއީލާއި އީރާނުގައި އާދޭސްކުރައްވާފައެވެ.
އެމެރިކާއިން އިސްރާއީލުގެ ހަމަލާތަކާމެދު ނުރުހޭކަން ހާމަވީ އާދީއްތަދުވަހު އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި އެމެރިކާ ސިފައިން ބައިވެރިނުވާކަމަށް އެމެރިކާގެ ދިފާއީ ވުޒާރާގެ މަސްއޫލުވެރިއެއް ވިދާޅުވުމުންނެވެ. އޭނާ ވިދާޅުވީ އިސްރާއީލުގައި ތިބި އެމެރިކާ ސިފައިން ހިމާޔަތްކުރުމަށް މިސައިލާއި ޑްރޯނު ހުއްޓުވާ ނިޒާމުތައް ބޭނުންކުރި ކަމަށެވެ.
ޓުރަމްޕުގެ ދެވަނަ ދައުރުގައި މިހާތަނަށް އޭނާ ފެނިފައިވަނީ އީރާނާއި އެގައުމުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކާ މުއާމަލާތްކުރަންވީ ގޮތާމެދު ނަތަންޔާހޫގެ ވިސްނުމަށް ދީލައިލައްވާ ބޭފުޅެއްގެ ގޮތުގައެވެ. ފެބްރުއަރީ މަހު އެމެރިކާއިން އީރާނަށްދިން ހަމަލާތަކަކީ ފާއިތުވި އެތައް ދަހަރެއްގައި އެމެރިކާއިން އީރާނަށް ހަމަލާދިނުމަށް އިސްރާއީލުގެ ލީޑަރުން، ހާއްސަކޮށް ނަތަންޔާހޫ ގޮވައިލަމުންއައި އައުމަށް އެމެރިކާގެ ރައީސަކު އިޖާބަދެއްވި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން އެމެރިކާގެ އެހެން ރައީސުންވެސް ނަތަންޔާހޫއާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން އާއްމުކޮށް ވާހަކަދައްކަވާފައިވެއެވެ. އެގޮތުން 1996 ވަނަ އަހަރު ނަތަންޔާހޫއާއެކު ކުރިއަށްގެންދެވި މަޝްވަރާތަކަކަށްފަހު އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ވިދާޅުވި "މިތަނުން ސުޕަރޕަވާއަކީ ކޮބާތަ؟" އިބާރާތަކީ ނަތަންޔާހޫއާމެދު އޭނާ ނުރުހިވަޑައިގަތް މިންވަރު ހާމަވި އިބާރާތެކެވެ.
ޓުރަމްޕުގެ ރުހިވަޑައިނުގަންނަވާކަން އަންނަނީ ފަޅަފަަޅައިގެންނެވެ. މީސްމީޑިޔާއާއި މީޑިޔާ މަންސަތަކަށް ދެއްވާ ބަސްްދީގަތުންތަކުގައާއި ނަތަންޔާހޫއަށް ކުރައްވާ ފޯނު ކޯލުތަކުގައިވެސް ހުތުރު އިބާރާތްތައްވެސް ބޭނުންކުރައްވައެވެ. ނިމުނު އަހަރު ޖޫން މަހުގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ބޮންއަޅަން ފެށުމަށްފަހު އެމެރިކާއިން އެކަން ހުއްޓައިލަން ނިންމުމުން އިސްރާއީލުން ހުއްޓައިނުލައި ބޮންއަޅައި ހަމަލާދިނުމުންވެސް ޓުރަމްޕު ކޯފާވެ އަމަލުކުރެއްވީ އެގޮތަށެވެ.
މީގެ ކުރިން އެމެރިކާ ސަރުކާރުތަކުން އިސްރާއީލަށް ފޯރުކޮށްދިން މަދަދަށްވުރެ ޓުރަމްޕުގެ ސަރުކާރުން އިސްރާއީލަށް ދޭ އެހީ އިތުރުކޮށްފައިވާއިރު، ޓުރަމްޕު އެދިވަޑައިގަންނަވާ ގޮތަށް ނަތަންޔާހޫ އަމަލުނުކޮށްގެން ކޯފާވާކަން ހާމަކުރެއްވި ނަމަވެސް އިސްރާއީލަށް ދެއްވާ އެހީތެރިކަން ކުޑަކުރައްވާނެ ކަމުގެ އިޝާރާތެއް ޓުރަމްޕު ދެއްވާފަައިނުވެއެވެ.
ނަތަންޔާހޫއަށް ކުރިމަތިވެފައި އޮތް މައްސަލައަކީ އިސްރާއީލުގެ އެންމެ މުހިއްމު ބައިވެރިޔާ ބޭނުންވާ ގޮތާއި އިސްރާއީލުގެ އާއްމުން އެދޭ ގޮތް ފުށުއެރުމުގެ މައްސަލައެވެ. ޕޮލްތަކުން ދައްކާ ގޮތުން އިސްރާއީލުގެ އާއްމުންގެ ގިން ބަޔަކު ބޭނުންވަނީ އީރާނާއެކު ފަށާފައިވާ ހަނގުރާމަ ކުރިއަށްގެންދާށެވެ. އަދި އިސްރާއީލުގެ ގިނަ ބަޔަަކު ދެކޭ ގޮތުގައި އެ ގައުމަށް މި ހަނގުރާމައިން ހާސިލުކުރަން ބޭނުންވި އިސްތިރާޖީ އަމާޒުތައް ހާސިލުނުވިއެވެ.
ހޯމަދުވަހު ނަތަންޔާހޫވަނީ އެމެރިކާގެ ބޭނުންތަކާއި އިސްރާއީލު އާއްމުންގެ ވިސްނުމާ ތިލަފަތްހަމަކުރުމަށް މަސައްކަތްކޮށްފައެވެ. ބެއިރޫތަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން އިސްރާއީލަށް ހަމަލާދިނުމުން، އީރާނުގެ އަމާޒުފަތްގަނޑުތަކަށް ހަމަލާދޭން އެގައުމުގެ އަސްކަރިއްޔާއަށް ނަތަންޔާހޫ އަމުރުކުރިއެެވެ. އެއީ ބަދަލުހިފުމަށް ހަމަލާނުދޭން ޓުރަމްޕު އަންގަވާފައިވަނިކޮށެވެ. ނަމަވެސް ދުވަސް ނިމުމުގެ ކުރިން ނަތަންޔާހޫވަނީ ހަމަލާތައް ހުއްޓައިލަން އިސްރާއީލު އަސްކަރިއްޔާއަށް އަންގާފައެވެ.
ޓުރަމްޕު ބޭނުންފުޅުވަނީ ނޮވެންބަރު މަހުގައި އޮންނަ ދައުރުން މެދުން ބާއްވާ އިންތިހާބުގެ ކުރިން އީރާނާއެކު އެއްބަސްވުމެއް ގާއިމުކޮށް ހޮރްމުޒް ކަނޑުއޮޅި ހުޅުވައިލައްވާށެވެ. ނަމަވެސް ނަތަންޔާހޫގެ ސިޔާސީ ދެމިހުރުން ބިނާވަނީ ހަނގުރާމަ ކުރިއަށްގެންދިއުމުގެ މައްޗަށެވެ. އިސްރާއީލުން އެމެރިކާ އެދޭ ގޮތަށް އަމަލުނުކުރާނަމަ އިތުރަށް އިސްރާއީލު އެކަހެރިވާނެކަމަށް ވިދާާޅުވެ ޓުރަމްޕު އިންޒާރުދެއްވަނީ މިވަގުތު ޓުރަމްޕުގެ ސިޔާސީ މަސްލަހަތުތަކާ ފުށުއަރާ ގޮތަށް ނަތަންޔާހޫ އަމަލުކުރަމުންދާތީއެވެ.