ENGLISH

09 ޖޫން 2026

Advertisement

"އައްޑޫ ފްރީ ޒޯން" އިން ޖާގައަށް އެދި ހުށަހެޅުމުގެ ސުންގަޑި ބުރާސްފައްޗަށް ހަމަވާނެ

09 ޖޫން 2026

|

އައިމިނަތު ޝަފާ

ހިތަދޫ ޕޯޓް. ފޮޓޯ؛ޕީއެސްއެމް

އައްޑޫ ރީޖަނަލް ފްރީ ޒޯނުގައި ވިޔަފާރި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ސުންގަޑި މިހަފުތާގެ ބުރާސްފަތި ދުވަހަށް ހަމަވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ. 

ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ފްރީ ޒޯންތަކެއް ޤާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ "އައްޑޫ ރީޖަނަލް ފްރީ ޒޯން" ރަސްމީކޮށް އިފްތިތާހްކުރީ މިދިޔަ މަހުގެ ތެރޭގައެވެ. 

އައްޑޫ ރީޖަނަލް ފްރީ ޒޯނުގައި ވިޔަފާރި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެމްޕީއެލްއިން އެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. 

މި ޒޯނުން ބިމާއި ޖާގަ ބޭނުންވާ އަމިއްލަ އަދި ބޭރުގެ ކުންފުނިތަކުން އީއޯއައި ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ހަވީރު 5:00 އެވެ.

މި މަޝްރޫއަށްޓަކައި ހިތަދޫ ޕޯޓް ސަރަހައްދުން ގާތްގަނޑަކަށް 1.7 ހެކްޓަރުގެ ބިން ހާއްސަކޮށްފަައިވެއެވެ. 

މި ފްރީ ޒޯނުގައި ހިންގުމަށް ހަމަޖެހިފައިވާ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ޑިއުޓީ ފްރީކޮށް މުދާ ރައްކާކުރުމާއި، ބޮންޑެޑް ވެއާހައުސިންގް، އުފެއްދުންތެރިކަމުގެ މަސައްކަތްތައް، އުޅަނދުފަހަރު މަރާމާތުކޮށް އާބާތުރަ ފިލުވުން އަދި ރީ-އެކްސްޕޯޓް ކުރުމުގެ ހިދުމަތްތައް ހިމެނެ އެވެ. އަދި މި ސަރަހައްދަށް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، 2027 ވަނަ އަހަރާއި 2029 ވަނަ އަހަރާ ދެމެދު ހާއްސަ އިނާޔަތްތަކާއި ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

މި މަޝްރޫއަކީ އައްޑޫ ސިޓީއަކީ އިޤްތިޞާދީ މައި ހަބަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މި ފްރީ ޒޯންގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ ވިޔަފާރިއަށް އައު ދިރުމެއް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު