ENGLISH

09 ޖޫން 2026

Advertisement

އެމްޑީޕީއަށް ޝަރީފު؛ ޕީއެންސީ މަޖިލިސް މެންބަރަކު އިދިކޮޅާ ގުޅެންޖެހޭ ސަބަބެއް ނެތް

09 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފު

ކުރީގެ ތިން ރައީސުންގެ އިޝާރާތަކަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަޖިލިސް މެންބަރުންތަކެއް އެ ޕާޓީން ވަކިވެވަޑައިގެން އިދިކޮޅު އެމްޑީޕީއާ ގުޅިވަޑައިގެންފާނެކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މެންބަރުން ޕާޓީ ދޫކުރައްވަންވީ އެއްވެސް ސަބަބެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޕީއެންސީގެ ބައެއް މެންބަރުން ޕާޓީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގަންނަވަން އުޅުއްވާކަމަށް ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުން ޝަރީފު ޖެއްސެވީ މަހުގެ މިސާލެވެ. މަހަށް އުޅެވޭނީ ފެން އޮންނަ ތަނެއްގައިކަން ފާހަގަކުރައްވަމުން އިދިކޮޅުގައި ފެން ނެތްކަމަށް ވިދާޅުވިއެވެ. 

ޝަރީފު ފާހަގަކުރެއްވި ގޮތުގައި މިއަދުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ތަރައްގީގެ ގިނަ އަދަދެއްގެ މަޝްރޫއުތައް ހިންގަމުންނެވެ. އަދި މި ސަރުކާރަކީ އޭނާގެ ހަޔާތްޕުޅުގައިވެސް ދެކެވަޑައިގެންނެވި ރައްޔިތުންނާ އެންމެ ގާތުން ހިނގާ ސަރުކާރުކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާ އެއްވަރަށް ރައްޔިތުންނާ ގާތުން ކަންކަން ކުރިއަށްގެންދަވާ ރައީސަކު ދުވަހަކުވެސް ދެކެވަޑައިނުގަންނަވާ ކަމަށް ޝަރީފު ވިދާޅުވިއެވެ. 

"އަޅުގަނޑަށްވެސް އަޅުގަނޑުގެ މިއުމުރުގައި ވަރަށް ގިނަ ވެރިންނާއެކު އުޅެވިއްޖެ. މިހާ ގާތުން ރައްޔިތުންނާއެކު މަސައްކަތްކުރައްވާ ވެރިޔަކު އަޅުގަނޑު ނުދެކެން. އެހެންވީމާ މިހާ ބޮޑު ނިއުމަތެއް އަޅުގަނޑުމެންނަށް ލިބިފައި އޮތް ވަގުތެއްގައި، ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކީ ކޮންމެވެސް ކަހަލަ ގާބިލުކަމެއް ހުރެގެން ސިކުނޑީގައި ކޮންމެވެސް މިންވަރެއްގެ ތެތްކަމެއް ހުރެގެން އައިސްފައި ތިބި މީހުން އެހެންވީމާ އަޅުގަނޑަކަށް ނުފެނޭ ބުއްދީގެ ހަމަަތަކުން ވިސްނާއިރުވެސް އެއިން ބޭފުޅަކު އެމްޑީޕީއާއެކު ދާންޖެހޭ ސަބަބެއް،" ޝަރީފު ވިދާޅުވިއެވެ. 

އެ ސަބަބުތައް ބަަޔާންކޮށްދެއްވަމުން ވަރަށް ބޮޑަށް ޔަގީންކަން ދެއްވަމުން ޝަރީފު ވިދާޅުވީ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ އެއްވެސް މެންބަރަކު އިދިކޮޅާ ގުޅިވަޑައިނުގަންނަވާނެ ކަމަށެވެ. 

އަދި އެމްޑީޕީއަކީ މިފަދަ ސިޔާސީ ފިތުނަ އުފައްދައިގެން ސިޔާސީ މަސައްކަތްކުރާ ގޮތަށް ބައްޓަންވެފައި އޮތް ޕާޓީއެއްކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ އެމްޑީޕީގެ ބޭފުޅުން އެވާހަކަތައް އެގޮތަށް ދައްކަވަނީ މިހާރުވެސް އެ ޕާޓީ އޮތީ ޕާޓީގެ ތެރެއިން އެއްބަޔަަކު ވަކިވެގެން ހިނގައިދާނެ ހާލަތެއްގައި ކަމަށްވާތީ ކަމަށެވެ. 

ޝަރީފުގެ އިތުރަށް ޕީއެންސީ ޕާލިމަންޓްރީ ގުރޫޕުގެ އެހެން ބައެއް މެންބަރުންވެސް ޝަރީފުގެ ވާހަކަފުޅަށް ބާރު ލިބޭ ގޮތަށް ވާހަކަދައްކަވާފައިވެއެވެ. ހުރިހާ ބޭފުޅުންވެސް ދެއްވާ ޔަގީންކަމަކީ ޕީއެންސީގެ މަޖިލިސް މެންބަރުންގެ ތެރެއިން އެއްވެސް ބޭފުޅަކު ޕާޓީ ދުކުރައްވާ ވަަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަމެވެ. 

ކިޔުންތެރިންގެ ހިޔާލު