ENGLISH
09 ޖޫން 2026
އޮސްޓްރޭލިއާއިން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މައްޗަށް
09 ޖޫން 2026
|
އޮސްޓްރޭލިއާއިން ސީދާ ރާއްޖެ ދަތުރުކުރި ފްލައިޓްއިން ޒިޔާރަތްކުރި ފަތުރުވެރިންނަށް މަރުހަބާ ކިޔުން-- ފޮޓޯ: މޯލްޑިވިއަން
އެންމެ މަޤްބޫލު
އޮސްޓްރޭލިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އޮސްޓްރޭލިއާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 20,878 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރު ނިމުނު އިރު އެޤައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 17,957 ފަތުރުވެރިންނާ އަޅާ ބަލާއިރު 16 އިންސައްތައިގެ ކުރިއެރުމެކެވެ. އޮސްޓްރޭލިއާ މިހާރު އޮތީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ދިހަ ގައުމުގެ ތެރެއިން ނުވަ ވަނައިގައެވެ. ކުރިން އެގައުމު އޮތީ ލިސްޓުގެ 10 ވަނައިގައެވެ.
އޮސްޓްރޭލިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، ޤައުމީ އެއާލައިން މޯލްޑިވިއަނުން ވަނީ މިދިޔަ މަހު އެޤައުމަށް ސީދާ ދަތުރުތައް ފަށާފައެވެ. މި ދަތުރުތައް ކުރަނީ، އޮސްޓްރޭލިއާގެ މެލްބަންއިން ރާއްޖެއަށެވެ. މޯލްޑިވިއަނުން ހަފްތާއަކު އެއް ދަތުރު ކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ރާއްޖެއިން އޮސްޓްރޭލިއާއަށް ދަތުރުކުރާނީ، އާދިއްތަ ދުވަހުއެވެ. އަދި އޮސްޓްރޭލިއާއިން އެނބުރި ރާއްޖެއަށް އަންނާނީ، އަންގާރަ ދުވަހުއެވެ. މިއީ، 11 ގަޑިއިރުގެ ދިގު ދަތުރެކެވެ.
މޯލްޑިވިއަންއިން ބުނީ، އޮސްޓްރޭލިއާއަށް ފެށި ދަތުރުތަކަށް ޑިމާންޑް ރަނގަޅުކަމަށާއި، އަހަރެއްގެތެރޭގައި 11،000 ފަތުރުވެރިން ގެނެވޭނެކަމަށް ލަފާކުރެވޭކަމަށެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ފަސް ގައުމު:
އަހަރުގެ މިހާތަނަށް ރާއްޖެއަށް 970،581 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1،018،210 ފަތުރުވެރިންނާ އަޅާބަލާއިރު 4.7 އިންސައްތަ ދަށް ވުމެކެވެ.
އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 71.3 އިންސައްތަ ނުވަތަ 675،757 ފަތުރުވެރިން ޒިޔާރަތްކުރީ ރިސޯޓްތަކަށެވެ. ގެސްޓްހައުސްތަކަށް އައީ ޖުމްލަ ފަތުރުވެރިންގެ 23.9އިންސައްތަ އެވެ. އެއީ، 226،469 ފަތުރުވެރިންނެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ހޮޓާތަކަށް 23,914 ފަތުރުވެރިންއެވެ. އަދި، ސަފާރީ އުޅަނދުތަކަށް އައީ 20،227 ފަތުރުވެރިންނެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ފިޔަވައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ގަން އިންޓަރނޭޝަނަލް އެއާޕޯޓު އަދި މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް ވަނީ 943،800 ފަތުރުވެރިން އެތެރެވެފައިވެ އެވެ. އަދި ގަން އެއާޕޯޓުން ރާއްޖެއަށް އައިސްފައިވަނީ 3841 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އެވްރެޖްކޮށް މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6143 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ.