ENGLISH

09 ޖޫން 2026

Advertisement

ދޮގުހެދުމަކީ އެމްޑީޕީގެ އަސާސީ ސިފައެއް، ފިޗު ރޭޓިންއަކީ އެމްޑީޕީން ހަދަނީ ދޮގުކަމުގެ ހެއްކެއް: މަމްދޫހު

09 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު

އިދިކޮޅުގައި އޮވެގެން ގައުމު ހަލަބޮލިކުރުމަށްޓަކައި އެއިރެއްގައި އޮންނަ ސަރުކާރަކާމެދު ދޮގު ވާހަކަތައް ފަތުރައި އޮޅުވައިލުމަކީ އެ ޕާޓީގެ އަސާސީ ސިފައެއްކަމަށާއި، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމަކީ އެމްޑީޕީން މި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކަކީ ދޮގެއްކަމުގެ މައްޗަށް އޮތް ދަލީލެއްކަމަށް ފުނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މަމްދޫހު ވިދާޅުވީ ޑިމޮކްރެޓިކް ނިޒާމެއް ރާއްޖޭގައި ގާއިމުވުމާ ހަމައިން، އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ ކަންކަންކުރާ ގޮތް ސާފުވި ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެ ޕާޓީއަކީ އަމަލާއި ބަސް ދިމާވާ ޕާޓީއެއް ނޫންކަން އެނގޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ނިޒާމުގެ ތެރެއިން އެމްޑީޕީއަށް ވެރިކަން ލިބުނު ދެފަހަރުވެސް އެ ޕާޓީގެ ވެރިން އުޅުއްވީ ރައްޔިތުންނަށް ހިދުމަތްކުރެއްވުމުގެ ބަދަލުގައި އަމިއްލަ ކަންތައްތަކެއް ކުރެއްވުމަށެވެ. 

"ރިޔާސީ އިންތިހާބެއްގެ ކެމްޕެއިނުގައި ނުވަތަ އިދިކޮޅުގައި އޮންނައިރު އެމްޑީޕީގެ ވާހަކަ ވަރަށް ނަލަވާނެ އޮމާންވާނެ. ނަމަވެސް ވެރިކަން ލިބުމާއެކު އަަޅުގަނޑުމެންނަށް ފެންނަނީ އެމްޑީޕީގެ ވެރިން އެމްޑީޕީގެ ވެރިންގެ ޖީބަށް އެއްޗެއް ލެވޭތޯ މަސައްކަތްކުރަމުންދިޔަތަން މާޒީގައި އެމްޑީޕީގެ ދެވެރިކަމުގައި ފެނިގެންދިޔައީ،" މަމްދޫހު ވިދާޅުވިއެވެ. 

އިތުރަށް މަމްދޫހު ވިދާޅުވީ އެމްޑީޕީ އިދިކޮޅުގައި އޮންނައިރު، އެއިރެއްގައި އޮންނަ ސަރުކާރަކަށް ތަފާތު އެކި ތުހުމަތުތައް އަމާޒުކޮށް އެ ސަރުކާރަކާއި ސަރުކާރުގެ ވެރިން ބަދުނާމުކުރުމަކީ އެމްޑީޕީން އަބަދުވެސް ކުރަމުންދާ ކަމެއް ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ދޮގުހެދުމާއި އޮޅުވައިލުމަކީ އެ ޕާޓީގެ އަސާސީ ސިފަތަކެކެވެ. 

މަމްދޫހު ވިދާޅުވީ އިދިކޮޅުގައި އޮންނައިރު އެއިރެއްގައި ހުންނަވާ ވެރިއެއްގެ އިސްތަށިފުޅުގައި ބޮޑެތި ތުހުމަތުތައް އަޅުވައިގެން އެބޭފުޅެއްގެ އަގުވައްޓާލައިގެން ގައުމު ހަލަބޮލިކުރުމަކީ އެމްޑީޕީ އިދިކޮޅުގައި އޮންނައިރު އަބަދުވެސް ކުރަމުންދާ ކަމެއް ކަމަށެވެ. 

މަމްދޫހު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ އޮތް މާލީ އަދި އިގުތިސާދީ ދަތި ހާލަތުން ސަލާމަތްކުރެއްވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅަށް، އިދިކޮޅު އެމްޑީޕީން ޖޯކު ޖަހައި މަލާމާތްކޮށް ފުރައްސާރަކުރަމުންދިޔަ ނަމަވެސް މިއަދު އެ ސިޔާސަތުތަކީ ރަނގަޅު ހަރުދަނާ އާރުލާ ސިޔާސަތުތަކެއްކަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުންވެސް ބަލައިގަނެފައިވެއެވެ. 

"އެހެންނަމަވެސް މިއަދާ ހިސާބަށް އަޅުގަނޑުމެންނަށް މިގައުމުގެ މާލީ ސިޔާސަތުތަކާއި ސަރުކާރުގެ ތެރެއިން އެކި ވުޒާރާތަކުގެ ތެރެއިން ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ފެނުނީ އެމްޑީޕީން ދެއްކީ ދޮގު ވާހަކަތަކެއްކަން، އަދި މިގައުމުގެ އިގުތިސާދު އެއިރު އެމްޑީޕީން ގެންދިޔަ ގޯސް މިސްރާބު ބަދަލުކޮށް ރަނގަޅު މިސްރާބަކަށް ގެންދާކަން އަޅުގަނޑުމެންނަށް ފެނިގެންދަނީ، ދުނިޔޭގެ ބޭރުގެ ތަފާތު އިދާރާތަކުން ތަފާތު އެޖެންސީތަކުން ސާފުކޮށްް ބުނަމުންދަނީ މި ސަރުގައި ރާއްޖޭގެ އިގުތިސާދު ހިނގަމުންދަނީ ރަނގަޅު މިސްރާބަށޭ،" މަމްދޫހު ވިދާޅުވިއެވެ.

އެމްޑީޕީން ރާއްޖޭގެ އިގުތިސާދު ކުރިއަށްގެންދިޔަ ގޮތަށް ފާޑުވިދާޅުވަމުން މަމްދޫހު ވިދާޅުވީ އެމްޑީޕީގެ ފާއިތުވި ފަސް އަހަރުގެ ދައުރުގައި އޭގެ ކުރީގެ ހުރިހާ ސަރުކާރުތަކެއްގައި ނެގި ދަރަންޏާ ނުބައްދަލު އަދަދުތަކަށް ދަރަނި ނެގި ނަމަވެސް އެ ދަރަނިން އުފެއްދި ގައުމަށް އިގުތިސާދީ މަންފާއެއް ލިބޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ. 

ދަރަނި އިންތިހާއަށް ބޮޑުކުރުމަށްފަހު ކޮވިޑާ ގުޅުވައިގެން އެމްޑީޕީން ފައިސާ ޗާޕުކުރަމުންގޮސް އަށް ބިލިއަނެއްހައި ރުފިޔާ ޗާޕުކުރިކަން ފާހަގަކުރައްވަމުން މަމްދޫހު ވިދާޅުވީ އެއިރު އެމްޑީޕީން ތަންފީޒުކުރި ނުރަނގަޅު ސިޔާސަތުތަކުގެ ނޭދެވޭ އަސަރު އަހަރުތަކަށް ދެމިގެންދާނެކަން އެމްޑީޕީގެ މެންބަރުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. 

"އެއިރު ބޮޑެތި އަދަދުތަކުން ލޯނު ނަގަމުންދިޔައީ މުސާރަ ދޭންވެގެން، ފައިސާ ޗާޕުކުރަމުންދިޔައީ މުސާރަ ދޭންވެގެން. މިކަހަލަ އެއްވެސް ތާކުންތާކު ނުޖެހޭ ސިޔާސަތުތަކާއެކު އެމްޑީޕީގެ ވެރިކަން ނިމިގެންދިޔައީ،" މަމްދޫހު ވިދާޅުވިއެވެ.

މަމްދޫހު ވިދާޅުވި ގޮތުގައި ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފައިސާ ޕްރިންޓުކުރުން ހުއްޓަވައިލެއްވުމަށްފަހު ކުރެއްވި މަސައްކަތްޕުޅަކީ ރާއްޖޭގެ އިގުތިސާދުގެ އަސާސްތައް ހަރުދަނާކުރައްވައި، ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް މަދުނުކުރައްވައި ރައްޔިތުންނަށް ލިބެންޖެހޭ ކަންކަން ފޯރުކޮށްދިނުމާއެކު ދަރަނި ދައްކަވައި އިގުތިސާދު މެނޭޖުކުރެއްވުން ކަމަށެވެ.

އަދި ފިޗް ރޭޓިންސް އެޖެންސީން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމަކީ އެމްޑީޕީން މި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކާ ގުޅޭ ގޮތުން ދައްކަމުން އައި ވާހަކަތަކަަކީ އެއްވެސް ތެދުވެރިކަމެއް ނެތް ދޮގު ވާހަކަތަކެއްކަން ސާބިތުކޮށްދޭ ކަމެއްކަން މަމްދޫހު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު