ENGLISH
09 ޖޫން 2026
މިފްކޯއިން މިއަދު މަސް ގަންނަނީ ކިލޯއެއް 20 ރުފިޔާއަށް
09 ޖޫން 2026
|
މަސް ގަތުމުގެ މަސައްކަތް ކުރަނީ. ފޮޓޯ؛ދައުރު
އެންމެ މަޤްބޫލު
ސަރުކާރުގެ މަސް ކުންފުނި-- މިފްކޯއިން މިއަދު މަސްވެރިންގެ އަތުން މަސް ގަންނަމުންދަނީ ކިލޯއެއް 20 ރުފިޔާއަށް ކަމަށް އެކުންފުނިން ބުނެފިއެވެ.
މިއަދުވެސް މިފްކޯގެ ހަތް ބަނދަރަކުން ދަނީ މަސް ގަންނަމުންނެވެ. އެއީ ފެލިވަރު، ކޫއްޑޫ، އައްޑޫ، ގދ. ތިނަދޫ، އެއަތޮޅު ފަރެސްމާތޮޑާގެ ބަނދަރާއި ގއ. ދާންދޫގެ ބަނދަރުގެ އިތުރުން ޏ. ފުވައްމުލަކު ބަނދަރުންނެވެ.
މިބަނދަރުތަކުން މިއަދު މަސްގަންނަމުންދަނީ 20 ރުފިޔާއަށްކަމަށް މިފްކޯއިން ބުންޏެވެ.
މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މަސްވެރިކަން ދަށް ދުވަސްވަރެއްކަމަށްވުމާއެކު މަސްބާނާ ނިސްބަތް މަދުވުމުގެ ސަބަބުން މަހުގެ ޑިމާންޑު އިތުރުވެފައިވެއެވެ. މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މަސްގަންނަ އަގުތަކަށް މިފްކޯއިން ބަދަލުގެންނަމުންދާއިރު މިހާރު މިފްކޯގެ ބަނދަރުތަކުން މަސް ގަންނަމުންދަނީ 18.50 ރުފިޔާއަށެވެ.
މިފްކޯއިން ބުނީ މި ބަދަލަކީ މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވަމުންދާތީ، މަސްވެރި އާއިލާތަކަށް މާލީ ގޮތުން ދަތިނުވެ، ހިފަހެއްޓުމެއް ފޯރުކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެއްކަމަށެވެ. މި އަގާއެކު މިފްކޯއިން މަސް ގަންނަ އަގު މިހާރު ވަނީ އަމިއްލަ ކުންފުނިތަކުން (ޕްރައިވެޓް ސެކްޓާ) މަސް ގަންނަ އަގުތަކާ އެއްވަރުކޮށްފައެވެ.
މަސްގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށްނުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް މަސްވެރިކަން ދަށްވެފައިވާ މި ދުވަސްވަރު މަސް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކުރުމުން މަސްވެރިންނަށް ލިބޭ އާއްމުދަނީ އިތުރުވެގެންދާނެއެވެ. މިއީ މި ދަނޑިވަޅުގައި މަސްވެރިންނަށް ލިބުނު ބޮޑު ހިތްވަރެކެވެ.
މިފްކޯއިން މިދިޔަ އަހަރުގެ ފަހުކޮޅުވެސް 18.50 އަށް މަސް ގަތެވެ. އެެހެންނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ތެޔޮ އަގުބޮޑުވެ، މިފްކޯގެ އޮޕަރޭޝަނަށް އޭގެ ނޭދެވޭ އަސަރުކުރުމާއި ގުޅިގެން މަސް ގަަންނަމުން އައީ 17 ރުފިޔާގެ ރޭޓުންނެވެ.