ENGLISH
09 ޖޫން 2026
ވޯލްޑް ކަޕަށް ހޮވުނު ސޯމާލިއާގެ ރެފުރީއަށް އެމެރިކާއަށް އެތެރެވާން ފުރުސަތު ނުދިން
09 ޖޫން 2026
|
ސޯމާލިޔާގެ ރެފުރީ އޮމާރް އަރްޓާން: އެމެރިކާއަށް އެތެރެވުން މަނާކުރުމާ ގުޅިގެން އޭނާއަށް ރެފުރީކަން ކުރުމުގެ ފުރުސަތު ވަނީ ގެއްލިފައި --
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕުގައި ރެފުރީކަން ކުރުމަށް ފުރުސަތު ލިބުނު ސޯމާލިއާގެ ރެފުރީ އޮމާރް އަރްޓާންއަށް އެމެރިކާއަށް އެތެރެވުމުގެ ފުރުސަތު ނުދީ އަނބުރާ ފޮނުވާލައިފިއެވެ.
މި މުބާރާތުގައި ރެފުރީކަން ކުރުމަށް ފީފާއިން ވަނީ 52 ރެފުރީން ހޮވާފައެވެ. އޭގެ ތެރޭގައި އަރްޓާން ހިމެނުނުއިރު، މިއީ ވޯލްޑް ކަޕުގައި ސޯމާލިއާގެ ރެފުރީއަކަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން އެ ޝަރަފު ހޯދުމަށް އަރްޓާން އައީ ތައްޔާރުވަމުންނެވެ. ނަމަވެސް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބުމާ ގުޅިގެން، މުބާރާތުގެ އޮފިޝަލުންގެ ލިސްޓުން އޭނާ މިހާރު ވަނީ އުނިކޮށްފިއެވެ.
2025 ވަނަ އަހަރުގެ އެފްރިކާގެ އެންމެ މޮޅު ރެފުރީގެ މަގާމު ހޯދާފައިވާ އަރްޓާން، އެމެރިކާއަށް އެތެރެވުން މަނާކުރީ މަޔާމީ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ މިވަގުތު ހުރީ ތުރުކީގައެވެ.
އަރްޓާން އަނބުރާ ފޮނުވާލި ސަބަބެއް އެމެރިކާގެ އިމިގްރޭޝަން އިދާރާތަކުން ހާމަކޮށްފައި ނުވި ނަމަވެސް، ސޯމާލިއާއަކީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން އެކުލަވާލާފައިވާ ދަތުރުފަތުރުކުރުން މަނާ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމެކެވެ.
އެމެރިކާގެ ކަމާބެހޭ ފަރާތްތަކާ ވާހަކަދެއްކުމަށްފަހު ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ބުނީ އަރްޓާންއަށް މި ފަހަރުގެ ވޯލްޑް ކަޕް[ުގައި ބައިވެރިނުވެވޭނެ ކަމަށެވެ.
"މެޗު އޮފިޝަލް އަރްޓާންއަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބުމާ ގުޅިގެން، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ތަމްރީނުތަކާއި ރެފުރީކަން ކުރުމުގެ ފުރުސަތު އޭނާއަށް ނެތްކަން ފީފާއިން ކަށަވަރުކޮށްދެން،" - ފީފާގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން ފީފާއިން ބުނީ، މުބާރާތް ބާއްވާ ގައުމުގެ އިމިގްރޭޝަން މަރުހަލާތަކުގެ ތެރެއަށް ފީފާއިން ނުވަންނާނެ ކަމަށާއި، އަރްޓާންގެ ވިސާގެ ކަންކަމުގައި މިވަގުތު އެއްވެސް ބަދަލެއް ނާންނާނެކަން ކަމާބެހޭ އިދާރާތަކުން އަންގާފައިވާ ކަމަށެވެ. ފީފާގެ އެހެން މުބާރާތްތަކެކޭވެސް އެއްފަދައިން، ގައުމަކަށް އެތެރެވުމުގެ ހުއްދަ ދިނުމަކީ އެ ގައުމެއްގެ ސަރުކާރުގެ އިޚުތިޔާރުގައި އޮންނަ ކަމެއްކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަރްޓާން ދަތުރުކުރީ ސައްހަ ލިޔެކިޔުންތަކާއެކު ކަމަށް ސޯމާލިއާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ އިސް މުޝީރަކު ވިދާޅުވެފައިވާ ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ނައިރޯބީގައި ހުންނަ ސޯމާލިއާ އެމްބަސީގެ އޮފިޝަލަކު ބުނި ގޮތުގައި ކުރިން ދިމާވި ވިސާގެ ދަތިތަކާ ގުޅިގެން އޭނާގެ ދަތުރުތައް ފަސޭހަކުރުމަށްޓަކައި ޚާއްސަ ޑިޕްލޮމެޓިކް ޕާސްޕޯޓެއްވެސް ދޫކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ސޯމާލިއާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެދި ފީފާއާ މުއާމަލާތްކޮށްފައެވެ.
ވައިޓް ހައުސްގެ ވޯލްޑް ކަޕް ޓާސްކް ފޯސްގެ ވެރިޔާ އެންޑްރޫ ޖިއުލިއާނީ ބުނެފައިވަނީ އަރްޓާން ހުއްޓުވި ސަބަބުގެ ތަފްސީލަށް ދެވެން ނެތް ނަމަވެސް، އެއީ ކަސްޓަމްސް އެންޑް ބޯޑާ ޕެޓްރޯލުން ނިންމި ރަނގަޅު ނިންމުމެއް ކަމަށާއި، އެ ނިންމުމަށް ތާއީދުކުރައްވާ ކަމަށެވެ.
2018 ވަނަ އަހަރު ފީފާ ރެފުރީއަކަށްވި އަރްޓާން ވަނީ މީގެ ކުރިން އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ މެޗުތަކުގައިވެސް ރެފުރީކަން ކޮށްފައެވެ. އޭނާއަކީ ސޯމާލިއާގެ ގައުމީ ފުޓްބޯޅަ ލީގުގެ އޮފިޝަލެއްގެ ގޮތުގައިވެސް މަސައްކަތްކުރާ މީހެކެވެ.