ENGLISH
24 މޭ 2026
ކުޑަކުދިންނަށް ބޭނުންވާ މިންވަރަށް ނިދި ނުލިބޭކަން ދިރާސާއަކުން ދައްކައިފި
24 މޭ 2026
|
ކުޑަ ކުއްޖަކު ނިދުމުގައި-- ފޮޓޯ: ޕީޕަލް.ކޮމް
އެންމެ މަޤްބޫލު
ކުޑަކުދިންގެ ސިއްހީ އަދި ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި އެކުދިންނަށް ބޭނުންވާ މިންވަރަށް ނިދި ނުލިބޭކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ. ނޭޝަނަލް ސްލީޕް ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ މި ދިރާސާގައި ބުނާގޮތުން، ގިނަ ބެލެނިވެރިންނަށް އެމީހުންގެ ދަރިންނަށް ބޭނުންވާ ނިދީގެ މިންވަރު އަންދާޒާކުރަން ނޭނގޭ ކަމަށެވެ.
ނޭޝަނަލް ސްލީޕް ފައުންޑޭޝަނުން ހިއްސާ ކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ އަލަށް އުފަންވާ ކުދިންނަށް ދުވާލަކު 14 އާއި 17 ގަޑިއިރުގެ ނިދި ބޭނުންވާ ކަމަށެވެ. ތުއްތު ކުދިންނަށް 12 އާއި 15 ގަޑިއިރު، ހިނގާބިނގާވެ އުޅޭ ކުދިންނަށް 11 އާއި 14 ގަޑިއިރު، ޕްރީސްކޫލް ކުދިންނަށް 10 އާއި 13 ގަޑިއިރު، އަދި ސްކޫލަށްދާ އުމުރުގެ ކުދިންނަށް 9 އާއި 11 ގަޑިއިރުގެ ނިދި ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް، އެމެރިކާގައި ކުރި ސާވޭއަކުން އެނގުނު ގޮތުގައި 44 އިންސައްތަ ކުދިންނަށް އެކުދިންގެ އުމުރާ ގުޅޭ މިންވަރަށް ނިދި ނުލިބެ އެވެ.
މި ދިރާސާއާ ގުޅޭގޮތުން ޑރ. ޖޯސެފް ޒިއަރޒެވްސްކީ ވިދާޅުވީ، ކުޑައިރު ލިބޭ ނިދި ބިނާވަނީ ހަމައެކަނި އެކުއްޖާގެ އަމަލަކަށް ނޫން ކަމަށާއި، އެއީ އާއިލީ އަދި އިޖުތިމާއީ މާހައުލާ ގުޅިފައިވާ ކަމެއް ކަމަށެވެ. ކުޑައިރު ލިބޭ ފުރިހަމަ ނިދީގެ ސަބަބުން ކުއްޖާގެ ކުރިމަގުގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް މަގުފަހިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ސާވޭގެ ނަތީޖާތަކަށް ބަލާއިރު، 95 އިންސައްތަ ބެލެނިވެރިން ގަބޫލުކުރާ ގޮތުގައި ފުރިހަމަ ނިދިއަކީ މުޅި އާއިލާގެ އުފާވެރިކަމަށް މުހިންމު ކަމެކެވެ. އަދި 80 އިންސައްތަ ބެލެނިވެރިން ބުނިގޮތުގައި ދަރިފުޅަށް ރަނގަޅަށް ނިދި ނުލިބޭ ރޭރޭ އެމީހުންގެ އަމިއްލަ ނިދިވެސް ގެއްލި ނުވަތަ ނުނިދޭ ކަމަށެވެ. މީގެ އިތުރުން، ނިދި މަދުވުމުގެ ސަބަބުން ކުދިންގެ މިޒާޖަށާއި ދުވާލުގެ ހަރަކާތްތަކަށް ނޭދެވޭ އަސަރުކުރާކަން 69 އިންސައްތަ ބެލެނިވެރިން މި ދިރާސާގައި ގަބޫލުކޮށްފައިވެ އެވެ.
މި ދިރާސާއިން ފާހަގަވި އަނެއް މުހިންމު ކަމަކީ، ގިނަ ބެލެނިވެރިން ނިދީގެ މުހިންމުކަމާ ބެހޭގޮތުން ދަރިންނާ ވާހަކަ ނުދައްކާ ކަމެވެ. ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ބެލެނިވެރިން މި މައުޟޫއަށް ދަރިންނާ ވާހަކަދައްކަނީ ވަރަށް މަދުންނެވެ. ސިއްހީ މާހިރުން ލަފާދެއްވަނީ، ދަތް އުނގުޅުން ފަދަ އާދަތަކާ އެކު ނިދީގެ މުހިންމުކަން ކުދިންނަށް ކިޔައިދިނުމަށެވެ.
ކުދިންގެ ނިދި ހަމަކުރުމަށްޓަކައި ދުވާލުގެ 'ނެޕް' އަކީވެސް މުހިންމު އެހީއެކެވެ. ޑރ. ލޯރާ ސްޓާނީ ވިދާޅުވި ގޮތުގައި، ރޭގަނޑު އަވަހަށް ނިންދެވުމުގެ ބޭނުމުގައި ދުވާލުގެ ނިދި ދޫކޮށްލުމަކީ ގޯހެކެވެ. އޭގެ ސަބަބުން ކުއްޖާ މާ ބޮޑަށް ވަރުބަލިވެ، ނިދަން އުނދަގޫވެދާނެ ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.
ނިދުމުގެ އާދަ ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތައް:
ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ކުދިންނަކީ ބޮޑެތި މީހުން ކުރާ ކަންކަން ބަލައިގެން ދަސްކުރާ ބަޔަކަށް ވުމުން، އާއިލާގެ އެންމެން ނިދީގެ މުހިންމުކަން ގަބޫލުކޮށް އެއަށް އަމަލުކުރުމަކީ ކުދިންގެ ކުރިމަގަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.