ENGLISH
24 މޭ 2026
އީދު ފާހަގަކުރުމުގައި މުންކަރާތްތަކުން ދުރުހެލިވުމަށް ޢިލްމުވެރިން އިލްތިމާސްކުރައްވައިފި
24 މޭ 2026
|
ރާއްޖޭގެ ބައެއް ދީނީ އިލްމްވެރިން މަޝްވަރާކުރުމުގައި--
އެންމެ މަޤްބޫލު
އީދު ފާހަގަކުރުމުގައި މުންކަރާތްތަކުން ދުރުހެލިވުމަށް އިލްމުވެރިންގެ ގުޅުމުން އިލްތިމާސްކޮށްފި އެވެ.
ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ހިމެނޭ ޖަމްއިއްޔާއެއް ކަމަށްވާ އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނެއްގައި ބުނީ، މާތްވެގެންވާ އިސްލާމްދީނުގައި ފާހަގަކުރާ އީދުތަކަކީ މުސްލިމުންނަށް ދެއްވި ބޮޑުވެގެންވާ ނިއުމަތެއް ކަމަށާއި އެއީ މަތިވެރި އަޅުކަންތަކަކަށް ފަހު، އެކަމުގެ ހެޔޮ ތައުފީޤު ދެއްވިކަމަށްޓަކައި ޝުކުރުވެރިވުމުގެ މާތް މަތިވެރި ދުވަސްތަކެއް ކަމަށެވެ.
މާތް ﷲ ކީރިތި ޤުރްއާނުގައި ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވަނީ " އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމުގެ މައްޗަށް މާތް اللَّه އަށް تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން އެކަލާނގެއަށް شكر ވެރި ވުމަށްޓަކައެވެ". މިފަދައިންނެވެ.
މި އާޔަތުން އެނގޭ ގޮތުގައި، ޢީދުގެ އުފާ ފާހަގަކުރުމަކީ މާތް ﷲ ގެ މަތިވެރިކަން ހަނދުމަކޮށް، އެކަލާނގެއަށް ޝުކުރުވެރިވުމާ ގުޅިފައިވާ އަޅުކަމެކެވެ. އެހެންކަމުން، އީދުގެ އުފާވެރިކަން ފާހަގަކުރަންވާނީ އިސްލާމީ ރިވެތި އަޚުލާޤުގެ އިމުގެ ތެރޭގައިކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އިލްމުވެރިން ބުނެފައިވަނީ ޢީދު ފާހަގަކުރުމުގެ ނަމުގައި، ދީނީ އަދި އިޖުތިމާއީ މިންގަނޑުތަކުން ބޭރުވެ، އަންހެނުންނާއި ފިރިހެނުން މަސްހުނިވެ، ފާހިޝް ކަންތަކާއި މުންކަރާތްތަކަށް އަރައިގަތުމަކީ، މާތް ﷲ ތަޢާލާ މަތިވެރި ކުރައްވާފައިވާ މިފަދަ ދުވަސްތަކެއްގެ ހުރުމަތް ކަނޑާލުމުގެ ތެރެއިން ވާނެ ކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަމަކީ އެކަލާނގެ ކޯފާއާއި އަޒާބަށް ހުށަހެޅިދާނެ ނުރައްކާތެރި ކަމެއް ކަމަށާއި މާތް ﷲ ދެއްވި ހިދާޔަތަށް ޝުކުރުވެރިވުމުގެ ބަދަލުގައި، އުރެދުންތަކަށް މަގުފަހިވާ ކަންކަން ކުރުމަކީ ނިއުމަތްތަކަށް ކުފުރުވެރިވުން ކަމަށެވެ.
ކުޅިވަރުގެ ފޯރީގައި، އިސްލާމްދީނުގެ އެންމެ މުހިންމު ތަނބު ކަމުގައިވާ ފަރުޟު ފަސް ނަމާދު ލަސްކުރުމާއި، ނަމާދަށް ފަރުވާކުޑަކުރުމުގެ ނުބައި ފާފައިން ދުރުހެލިވުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ.
ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، ރަށު ކައުންސިލްތަކާއި، ޖަމްއިއްޔާތަކުން އީދު ހަރަކާތްތައް ރާވަންވާނީ ދީނީ މިންގަނޑަށް ފެތޭނެހެން ކަމަށްވެސް ބުނެފައިވެ އެވެ. އަދި ބެލެނިވެރިން ވެސް، އެބޭފުޅުންގެ ދަރިން ބައިވެރިވާ ހަރަކާތްތައް ހިންގަނީ އިސްލާމް ދީނުގެ އިމުގެ ތެރޭގައިތޯ ގާތުން ބަލައި ފާރަވެރިވާން ޖެހޭނެކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އިލްމުވެރިން ބުނީ ޢީދަކީ ހަމައެކަނި ކުޅިވަރާއި މަޖަލެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެއީ ގާތްތިމާގެ މީހުންނަށް ޒިޔާރަތްކުރުމާއި، ހަދިޔާ ބަދަލުކުރުމާއި، މުސްލިމުންގެ މެދުގައި ދޭދޭ ގުޅުންތައް ބަދަހިކުރުމާއި، ފަޤީރުންނާއި މިސްކީނުންނަށް މިސްކީނުންނަށް އެހީތެރިވުން އިތުރުކޮށް، ހެޔޮ ކަންކަން ދިރުވައި އާލާކުރަން ޖެހޭ ދުވަސްތަކެއް ކަމަށެވެ.
ރާއްޖޭގައި، ހާއްސަކޮށް އަޟްޙާ އީދު ފާހަގަ ކުރުމުގައި މިއުޒިކާއި ނެށުން ފަދަ ހަރަކާތްތައް ހިންގުމަކީ ޒަމާނުއްސުރެ އާދަކާދައެއްގެ ގޮތުން ދިވެހިން ފޯރީގައި ކުރަމުން އަންނަ ކަމެއް ކަން ފާހަގަ ކުރެވެ އެވެ.