ENGLISH

25 މޭ 2026

Advertisement

ރަތްމަންދޫގެ ރައްޔިތުން ބޭނުންވަނީ ދަރިންނަށް މުސްތަޤުބަލެއް އޮތް ރަށަކަށް ބަދަލުވާން

24 މޭ 2026

|

އައިމިނަތު ޝަފާ

ރައީސް މުއިއްޒު ރަތްމަންދުއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން.

އާބާދީ ކުޑަ މ. ރަތްމަންދޫގައި ދިރިއުޅޭ ރައްޔިތުން ބޭނުންވަނީ ދަރިންނަށް މުސްތަޤުބަލެއް އޮތް ރަށަކަށް ބަދަލުވާންކަމަށް އެ ރައްޔިތުން ބުނެފި އެވެ. 

ސަރުކާރުގެ އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ރަތްމަންދޫގައި ދިރިއުޅޭ މީހުން ބަދަލުކުރުމަށް ނިންމާފައިވަނީ މާލެ އަތޮޅު ތުލުސްދޫއަށެވެ. 

މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް އާބާދީގައި 240 މީހުން ތިބި ނަމަވެސް ރަތްމަންދޫގައި ދިރިއުޅެނީ އެންމެ އަށްޑިހަ ވަރަކަށް މީހުން ނެވެ. އާބާދީ މަދުވުމުގެ ސަބަބުން ވަޒީފާގެ ބޭނުމަށާއި ތައުލީމީ ބޭނުމަށް ރަށް ދޫކޮށް ހިޖުރަކުރާ މީހުންގެ އަދަދު އިތުރެވެ.

ހުރިހާ ކްލާސްތައް އެއްކޮށްލުމުން ވެސް ރަތްމަންދޫ ސުކޫލުގައި ކިޔަވާ ދަރިވަރުންގެ އަދަދަކީ އެންމެ ހަތް ދަރިވަރުން ނެވެ. މި ދަރިވަރުން ބައެއް މާއްދާތައް ކިޔަވަމުންދަނީ އޮންލައިންކޮށް މާލޭގެ ސުކޫލެއްގެ ކުލާހަކަށް ވަދެގެން ނެވެ. 

ރަތްމަންދޫގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މެދުނުކެނޑި ލިބެމުންދިޔަނަމަވެސް އެ ހިދުމަތްތައް ފޯރުކޮށްދެނީ ވަރަށް ދަތި އުނދަގޫ ހާލަތެއްގެ ތެރެއިން ނެވެ. އެގޮތުން ސިއްހީ މަރުކަޒާއި ކޯޓުގެ ހިދުމަތް ރައްޔިތުންނަށް ދެމުން އަންނަނީ މަދު މުވައްޒަފުންކޮޅެއް މެދުވެރިކޮށެވެ. 

ބޮޑެތި އާބާދީތައް އެެއްފަސްކުރުމުގެ ސަބަބުން އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރުމުގެ ފުރުސަތު ފަހިވެގެންދެއެވެ. 

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއަށް ދިން ބަސްދީގަތުމެއްގައި އެރަށުގެ ރައްޔިތުން ބުނީ ބޭނުންވަނީ އާއިލާއާ އެކު ދިރިއުޅެވޭނެ، ވަޒީފާއާއި އިގްތިސާދީ ފުރުސަތުތައް އޮތް، އެކަށީގެންވާ ތައުލީމެއް ދަރިންނަށް ލިބޭނެ، ސިއްހީ ފަރުވާ ލިބޭ އަދި ދަރިންނަށް މުސްތަގުބަލެއް އޮތް ރަށަކަށް ބަދަލުވުމަށް ކަމަށެވެ.

ރަތްމަންދޫ ރައްޔިތުން ތުލުސްދޫއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް 44 ގޯތި ހަމަޖައްސައި، އެކަން ތުލުސްދޫ ކައުންސިލުން އަންގާފައިވާކަން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކުރީ މިދިޔަ މާޗުމަހުގެ ތެރޭގަ އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިދިޔަ ސެޕްޓެންބަރު މަހުގެ 22 ގައި ރަތްމަންދުއަށް ވަޑައިގަތުމުން ވެސް ރައްޔިތުން ވަނީ އެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އެރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވާދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

ދެހާސް ބާވީސް ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު އާބާދީ 500 އަށް ނާރާ އޮތް 32 ރަށް ރާއްޖޭގައި އެބައޮތެވެ. އޭގެ ތެރެއިން ފަސް ރަށަކީ ދިރިއުޅޭ އާބާދީގައި 200 މީހުން ވެސް ހަމަ ނުވާ ރަށްތަކެވެ. އެއީ ރަތްމަންދޫގެ އިތުރުން ވ. ރަކީދޫ އާއި އދ. ދިއްދޫ އާއި ލ. މުންޑޫ އާއި ބ. ފެހެންދު އެވެ.

ކިޔުންތެރިންގެ ހިޔާލު