ENGLISH
25 މޭ 2026
ހުޅުމާލޭގެ ކޮވިޑް ފެސިލިޓީ ހުޅުމާލޭ ޖަލުގެ ޔުނިޓަކަށް ބަދަލުކޮށްފި
24 މޭ 2026
|
ހުޅުމާލެ ޖަލުގެ 6 ވަނަ ޔުނިޓް-- ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ ގޮތުގައި ބޭނުންކުރި އިމާރާތުގައި ގައިދީން ބައިތިއްބާނެ އައު ޔުނިޓެއް ހުޅުވައިފި އެވެ.
މި ޔުނިޓަކީ ހުޅުމާލެ ޖަލަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމުގެ ގޮތުން ހުޅުވިގެންދިޔަ ޔުނިޓެއްކަމަށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފައިވެ އެވެ.
އެ ސާރވިސްއިން މީޑިއާއަށް ދިން މައުލޫމާތުގައި ބުނެފައިވަނީ، ކުރިން ކޮވިޑް ބަލި މީހުންނަށް ހިދުމަތް ދިނުމަށް ބޭނުންކުރި މި އިމާރާތް ދެން ބޭނުންކުރާނީ ހުޅުމާލެ ޖަލުގެ ހަ ވަނަ ޔުނިޓްގެ ގޮތުގައި ކަމަށެވެ. މިފަދަ އައު ޔުނިޓެއް ގާއިމްކުރަން ޖެހުނީ، މާލޭ ޖަލާ އިންވެގެން ސްކޫލްތަކެއް ހުރުމުގެ ސަބަބުން ޖަނަވަރީ 6، 2024 ގައި އެ ޖަލު ބަންދުކުރުމާ ގުޅިގެން ގައިދީން ބައިތިއްބާނެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވުމުން ކަމަށެވެ.
ހުޅުމާލެ ޖަލުގެ ޑައިރެކްޓަރ، ޑީއެސްޕީ އަޙްމަދު ޖާދުﷲ ވިދާޅުވީ، މާލޭ ޖަލު ބަންދުކުރުމާ ގުޅިގެން ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ގައިދީން ބައިތިއްބުމަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޔުނިޓް ހައެއް ތަރައްގީ ކުރަނީ ޖުމްލަ ފަސް ގޮޅީގެ މައްޗަށް ކަމަށެވެ. މި މަސައްކަތް އެއްކޮށް ނިމުމުން 140 ޖާގަ އިތުރުވާނެ ކަމަށާއި، މުޅި މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައު ޔުނިޓްގެ ގޮޅިތަކުގައި ގައިދީން ނިދުމަށް ބަންކު ބެޑު ބަހައްޓާފައިވާއިރު، އޭސީ އާއި ފަންކާ ވެސް ހަރުކޮށްފައިވެ އެވެ. މީގެ އިތުރުން، މި ޔުނިޓްގައި މެސް ރޫމަކާއި، ނަމާދު ކުރާނެ ކޮޓަރިއަކާއި ލޯންޑްރީއެއް ވެސް ގާއިމްކޮށްފައިވެ އެވެ. މިތަން ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ޖަލުގައި ތިބި މަސައްކަތްތެރި ގައިދީންނާއި ކަރެކްޝަންސްގެ މުވައްޒަފުން ގުޅިގެން ކަމަށްވެސް އެ ހިދުމަތުން ބުނެފައިވެ އެވެ.
ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ ސިޔާސަތުގެ ދަށުން، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ޖަލުތަކުގެ ކެޕޭސިޓީއަށް ޖުމްލަ 400 ޖާގަ އިތުރުކޮށްފައިވެ އެވެ.