ENGLISH

25 މޭ 2026

Advertisement

އަވާމެންދުރު ދެއްކެވި ރައީސުން ފެއިލުކޮށްލައްވާނީ ދިވެހި ރައްޔިތުން: ޝާހިދު

24 މޭ 2026

|

ޝިފްޒާން އަޙްމަދު

ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު)

ރައްޔިތުންނަށް ކުރީގައި އަވާމެންދުރު ދެއްކެވި ރައީސުން ގައުމުގައި ހަމަނުޖެހުން އުފައްދައި ހަލަބޮލިކުރުމަށް ރާއްވަވާ ހުރިހާ ރޭވުމެއް ފެއިލުކޮށްލާނީ ދިވެހި ރައްޔިތުންކަމަށް ހުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ. 

މިފަދައިން ޝާޑު ވިދާޅުވީ ނިމުނު ލޯކަލް ކައުންސިލު އިންތިހާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއަށް އއ.ތޮއްޑޫން ލިބުނު ކާމިޔާބު އިހުތިފާލުކުރުމަށް އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޝާހިދު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގަތް ގޮތަށް އެމަނިކުފާނު ދެމިހުންނެވީ ރައްޔިތުން އެމަނިކުފާނާ ހަވާލުކުރި ޒިންމާ އަދާކުރައްވައި، އިގުތިސާދީ އިޖުތިމާއީ ހަމަޖެހުން ރާއްޖޭގައި ގާއިމުކުރައްވައި، ރައްޔިތުން އެދޭ ތަރައްގީއާއި ކުރިއެރުން ގައުމަށް ހާސިލުކޮށްދެއްވުމުގެ މަތިވެރި އަޒުމުގައި ކަމަށެވެ. 

ރައީސް އެގޮތުގައި ދެގޮތެއްނުވެ، ސާބިތުކަންމަތީ ރައްޔިތުންނަށް ހިދުމަތްކުރެއްވުމަށް މަސައްކަތްކުރައްވަމުންދާތީ، އެކަން ތަހައްމަލުނުކުރެއްވިގެން ކުރީގައި ވެރިކަން ކުރެއްވި ބައެއް ބޭފުޅުން މިހާރު ނުކުމެވަޑައިގެން ކުރައްވަން އުޅުއްވާ މަސައްކަތްޕުޅަކީ ގައުމުގައި އޮތް ހަމަޖެހުން ނަންގަވައިލައްވައި، ހަމަނުޖެހުމާއި ހަލަބޮލިކަން އާއްމުކުރެއްވުމުގެ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވަމުން ޝާހިދު ވިދާޅުވީ އެ މަސައްކަތް ނާކާމިޔާބުކޮށްލާނީ ދިވެހި ރައްޔިތުން ކަމަށެވެ. 

"މިކަމާ ހަޖަމުނުވެގެން، ވެރިކަމުގެ ދެވަނަ ދައުރެއް ރައީސް ޑރ.މުއިއްޒަށް ދިވެހި ރައްޔިތުން އަރުވަފާނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެން އެއްކަލަ މިދަންނަވާ އަވާމެންދުރު ދެއްކެވި ރައީސުން ނުކުމެވަޑައިގެން އޮޅުވައިލުމަށްޓަކައި، ރައްޔިތުންގެ މިސްރާބު ބަދަލުކުރެއްވުމަށްޓަކައި، އަޅުގަނޑުމެން މި ޕާޓިގެ ޕާލިމަންޓަރީ ގުރޫޕުގެ މެންބަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ނަފުރަތު އުފައްދައި، ރާއްޖެ އަނެއްކާވެސް ހަމަނުޖެހުމަށް ވައްޓާލައި މުޅި ގައުުމުގައި ހަލަބޮލިކަން އުފެއްދުމަށްޓަކައި މިކުރަމުންދާ މަސައްކަަތް އަޅުގަނޑު ދަންނަވާލާނީ އަޅުގަނޑުމެން ފެއިލްކޮށްލާނަމޭ. މިކަންކަން ފެއިލްކޮށްލާނީ ދިވެހި ރައްޔިތުން،" ޝާޑު ވިދާޅުވިއެވެ. 

ޝާޑު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަވެސް ކުރައްވަންޖެހިވަޑައިގަތް ކަމަކީ ކުރީގެ ވެރިކަންތަކުގައި ނަގާފައި ހުރި ދަރަނިތައް އަދާކުރެއްވުންކަމަށެވެ. އެގޮތުން ރައީސްކަމުގެ ގޮނޑީގައި އިށީނދެވަޑައިގެން ފުރަތަމަ ކުރައްވަން ޖެހިވަޑައިގަތް މަސައްކަތްޕުޅަކީ 50 މިލިއަން ޑޮލަރުގެ ދަރަނި އަދާކުރެއްވުންކަމަށް ޝާޑު ވިދާޅުވިއެވެ. 

ޝާޑު ވިދާޅުވީ މިއަދާ ހަމައަށް 1.5 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަވައި، އެތެރޭގެ ދަރަނީގެ ގޮތުގައި އޮތް އަށް ބިލިއަން ރުފިޔާގެ ތެރެއިން ބޮޑު މިންވަރެއް ރައީސް ޑރ.މުޢިއްޒުގެ ޒައާމަތުގައި އެމަނިކުފާނުގެ އިސްނެންގެވުމަށް ދައްކަވައި ނިންމަވާފައިވާ ކަމަށެވެ. 

މިއަދު ވެރިކަމާ ދެކޮޅަށް ނުކުމެވަޑައިގެން އުޅުއްވާ ބޭފުޅުންނަކީ ރާއްޖެއަށް ހިދުމަތްކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި އެކަށީގެންވާ ގޮތުގައި ގައުމަށް ހިދުމަތްނުކުރެއްވި ދެވަނަ ދައުރެއް ރައްޔިތުން ނުދެއްވި ބޭފުޅުންކަން ފާހަގަކުރައްވަމުން ޝާޑު ވިދާޅުވީ އެ ބޭފުޅުންގެ ހިތްޕުޅަށް ކެތްނުކުރެއްވިގެން އުޅުއްވަނީ ރައީސް ޑރ.މުޢިއްޒަށް ރައްޔިތުން އިތުބާރުކޮށް ދެވަނަ ދައުރެއް ދެއްވާނެތީ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު