ENGLISH

24 މޭ 2026

Advertisement

އީދު ބަންދުގައި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި

24 މޭ 2026

|

އައިމިނަތު ޝަފާ

އައިޖީއެމް ހޮސްޕިޓަލް. ފޮޓޯ: ވޮއިސް

ކުރިއަށް އޮތް އީދު ބަންދުގައި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން އިލްތިމާސްކޮށްފި އެވެ. 

އެޗްޕީއޭއިން ވަނީ މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ، އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާ އާންމުކޮށް ފެންނަ މިންވަރަށްވުރެ އިތުރުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާތީއާއި މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ރިޕޯޓްކޮށްފައިވާތީ، މިފަދަ ބަލިތައް ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިއްމުކަން ފާހަގަކޮށްފަ އެވެ. 

ކުރިއަށްއޮތީ އީދު ބަންދު ދުވަސްވަރު ކަމުން ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ދަތުރުފަތުރުކުރުން އިތުރުވުމާއި ގޭގެއަށް ޒިޔާރަތްކުރުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރުވެގެންދާނެތީ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.

މި ދުވަސްވަރު ސަމާލުކަން ދޭންވީ ކަންކަން:

* ހުން އައިސް ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތެއް ފެންނަނަމަ، ގޭގައި މަޑުކުރުން، އާންމު އެއްވުންތަކާއި ހަރަކާތްތަކުގައި ބައިވެރިނުވުން.

* ބަލިޖެހިގެން ހާލަތު ގޯސްވާނަމަ އަވަހަށް ޞިއްޙީ ފަރުވާ ހޯދުން.

* ޞިއްޙީ ފަރުވާ ހޯދަން ދާއިރު މާސްކް އަޅައިގެން ދިއުން، އަދި އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުން.

* ހިމަބިހީ އަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން.

* އެއާޕޯޓް ޓާމިނަލް، ފެރީ ލައުންޖް އަދި އާންމު ދަތުރުފަތުރު ކުރާ އުޅަނދުފަހަރު ފަދަ މީހުން ގިނަ ބަންދު ތަންތަނުގައި އަނގައާ ނޭފަތް ރަނގަޅަށް ނިވާވާނެ ހެން މާސްކް އެޅުން.

* ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒްކުރުން.

* ބަލިން ރައްކާތެރިވުމަށާއި ބަލީގައި ބޮޑުވަރު ވިޔަ ނުދިނުމަށް ވެކްސިނުން ރައްކާތެރިވެވޭ ބަލިތަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުން.

މީގެ އިތުރުން މަދިރީގެ ޒަރިއާ އިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން ނުވަތަަ ސްޕްރޭ ބޭނުންކުރުމާއި ހަށިގަނޑު ބޮޑަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރިގެ ބޭނުންކުރުމާއި ދޮރުތަކާއި ކުޑަދޮރުތަކުގައި މަދިރިއަށް ނުވަދެވޭނެ ހެން ދާ ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ. އަދި ގެއާ ގޯތިތެރެއިން މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމަށް ވެސް ވަނީ އިރުޝާދު ދީފަ އެވެ. 

އެޗްޕީއޭއިން ވަނީ އާންމު ސިއްޙަތާ ގުޅުން ހުރި މައުލޫމާތު ހޯދުމުގައި މީޑިއާތަކުންނާއި އާންމު ރައްޔިތުން ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ހިއްސާކުރާ މައުލޫމާތަށް ބަރޯސާވުމަށް އިލްތިމާސްކޮށްފަ އެވެ.  

ކިޔުންތެރިންގެ ހިޔާލު