ENGLISH

24 މޭ 2026

Advertisement

ގާބިލުކަން ނެތޭ، ވަސީލަތްތައް ނެތޭ އެމްއެންޑީއެފުން ނުބުނޭ: ތަރުޖަމާނު

24 މޭ 2026

|

އައިމިނަތު ޝަފާ

ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގައި ސިފައިންގެ ކޯސްޓުގާޑުގެ އުޅަނދެއް.

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހޮޅައަކަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން  ހޯދުމަށް ހިންގި އޮޕަރޭޝަން ހިންގުމުގެ ގާބިލުކަން ނެތް ވާހަކަ ދިވެހި ސިފައިން ނުބުނާ ކަމަށް ވިދާޅުވެ އެކަމާ ގުޅިގެން ފަތުރަމުން އަންނަ ވާހަކަތައް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ދޮގުކުރައްވައިފި އެވެ. 

ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވީ މެއި 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަނުގަ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި ގޮތް ތަހުގީގުކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުންޏެވެ. 

ޑައިވަރުން ހޯދުމަށް ސިފައިން ކުރިއަށްގެންދިޔަ އޮޕަރޭޝަން ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައްލަވާލެއްވި އެވެ. އަދި އޮޕަރޭޝަނުގެ އެންމެ ފަހުގެ މައުލޫމާތު ހޯއްދަވާ އިޓަލީ ސަރުކާރުގެ އެހީތެރިކަން ހޯއްދެވީ ވެސް އެ ސަރައްހަދުގައި އެމަނިކުފާނު ހުންނަވައިގެންކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. 

"ކެޕޭސިޓީގެ ވާހަކައެއް އެޑިޝަނަލް ރިސްކެއް ނަގައޭ، ތިމަންނާމެންނަށް ކަމެއް ބޭނުންވެޔޭ ވިދާޅެއް ނުވޭ. ވިދާޅުވި ނަމަ، ހަމަ އެ ކަން އުފަލާ އެކު ސަރުކާރުން ކޮށްދޭނަން،". ތަރުޖަމާނު ވިދާޅުވި އެވެ. 

އޮޕަރޭޝަން ހިންގުމުގައި ސިފައިންގެ ގާބިލުކަމާއި ވަސީލަތްތައް ނެތްފަދަ މޭރުމަކުން އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތައް ތަރުޖަމާނު ދޮގުކުރެއްވި އެވެ. 

ތަރުޖަމާނު ވިދާޅުވީ ވަކި ވަކި ސިފައިންނަށް އަމުރުކޮށް ވަކި ކަމެއް ވަކި ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ ނުވެސް އަންގަވާނެ ކަމަށެވެ. 

މަހުދީ ނިޔާވީ ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދިޔަ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގައި ޑައިވްކުރަނިކޮށެވެ. ހާލު ދެރަވެ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެނައި ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ނިޔާވީ އެވެ.

މި ހާދިސާގެ ތަހުގީހު ދިވެހި ސަރުކާރުންނާއި އިޓަލީ ސަރުކާރުން ވެސް އަންނަނީ ކުރިއަށް ގެންދަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު