ENGLISH
24 މޭ 2026
ގައުމުގައި ހުޅުޖެހި ބަޔަކު މަޖިލީހަށް ގެންނާކަށް ރައްޔިތުން ބޭނުމެއް ނުވޭ: އަބްދުއްރަހީމް
24 މޭ 2026
|
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) ގެ ކެމްޕޭން ޖަލްސާގައި އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ----ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
ގައުމުގައި ހުޅުޖެހި ބަޔަކު ރައްޔިތުންގެ މަޖިލީހަށް ގެންނަން ރައްޔިތުން ބޭނުންނުވާކަމަށް ވިދާޅުވެ އަންނަ މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަބްދުﷲ ސޯދިގަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) ގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކުގައި ހުޅުޖަހައި ރައްޔިތުންގެ ވަރިކައިވެނި ސެޓްފިކެޓްތަކާއި، ގޯތީގެ ރަޖިސްޓްރީފަދަ އަގުހުރި ލިޔެކިޔުންތައް އަންދާލުމުގެ އަޑީގައި ހުރި މޭސްތިރިން މަޖިލީހަށް ހޮވަން ރައްޔިތުން ބޭނުން ނުވާނެ ކަަމަށެވެ.
"ވަރިކައިވެނި ސެޓްފިކެޓްތައް ވިޔަސް ގޯތީގެ ރަޖިސްޓްރީވިޔަސް އަންދާލުމުގެ އެންމެ އަޑީގައި ހުރި މޭސްތިރިއަކު މަޖިލީހަށް ވައްދާކަށް ތިބޭފުޅުން ބޭނުމެއް ނުވާނެ. އެހެންވީމަ މި ދަންނަވަނީ މާޒީން އިބުރަތް ލިބިގަނެ މާދަމާ ބިނާކުރުމަށް ތިބެފުޅުން ހޮވާނީ އަޅުގަނޑުމެންގެ ކެންޑިޑޭޓް އަހުމަދު ސައީދު އޭ،". ކުރީގެ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެމްޑީޕީން މުޅި ރާއްޖޭގައި ހިންގަމުންދިޔަ ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ރައްޔިތުން ދިނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ބާރުދުވެލީގައި ކުރިއަށް ގެންދިއުމަށް ކަމަށާއި އެހެންކަމުން މިވަގުތު މަޖިލީހަށް ބޭނުންވަނީ ސަރުކާރާ ގުޅިގެން އިހުލާސްތެރިކަމާއެކު މަސައްކަތް ކުރާނެ މެންބަރެއް ކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނެކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައި މަޖިލީހުގެ ރައީސް ވިދާޅުވީ އެފަދަ ކަމަކަށް މަޖިލީހުގެ ތެރެއިން އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށެވެ. އަދި އެއީ ހަމައެކަނިއިދިކޮޅު ފަރާތްތަކުން ކެމުން އަންނަ "ނަނާ ހުވަފެނެއް" ކަމަށް ވިދާޅުވި އެވެ.