ENGLISH
24 މޭ 2026
އެއްމާބަނޑު ދެބެއިން ސްކޫލްގެ އެންމެ މޮޅު ދަރިވަރުންނަށްވެ، ތާރީޚުން ޖާގަ ހޯދައިފި
24 މޭ 2026
|
ސްކޫލްން އެއްވަނަ ހާސިލްކުރި އެއްމާބަނޑު ދެބެއިންކަމަށްވާ އެޑްރިއާނާއާއި އެލީސާ-- ފޮޓޯ: ޕީޕަލް.ކޮމް
އެންމެ މަޤްބޫލު
ފްލޮރިޑާގެ ކެތޮލިކް ހައިސްކޫލެއްގައި ކިޔަވަމުންދިޔަ އެއްމާބަނޑު ދެބެއިން، އެ ސްކޫލުގެ އެންމެ މޮޅު ދެ ދަރިވަރުންގެ ޝަރަފު ހޯދައި ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފި އެވެ. މި ދެބެއިން މިހާރު ތައްޔާރުވަމުން އަންނަނީ ކެމިސްޓްރީގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށެވެ.
މި ދެބެއިންގެ ތެރެއިން އެޑްރިއާނާ ލިއޯންސް ބުނީ، ކިޔެވުމުގެ ހަޔާތުގައި އެއްމާބަނޑު ކޮއްކޮ އާއެކު އުޅެން ފުރުސަތު ލިބުމަކީ ވަރަށް ޚާއްސަ އުފަލެއް ލިބުނު ކަމެއް ކަމަށެވެ. މިދެބެއިން ދަސްވެނިވެފައިވަނީ މި މެއި މަހު 19 ވަނަ ދުވަހު ފްލޮރިޑާގެ ޓާމްޕާގައި ހުންނަ 'އެކަޑަމީ އޮފް ދަ ހޯލީ ނޭމްސް' އިންނެވެ. ދަސްވެނިވި އިރު މިދެބެއިންގެ އުމުރަކީ 18 އަހަރެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެޑްރިއާނާއާއި އެލީސާ، މަންމައާއި ބައްޕާއާއެކު -- ފޮޓޯ: ޕީޕަލް.ކޮމް
އެޑްރިއާނާގެ އެއްމާބަނޑު ކޮއްކޮ އެލީސާ ވެސް ވަނީ އެ ދުވަހު އޭނާއާއެކު ދަސްވެނިވެފަ އެވެ. އެޑްރިއާނާ ބުނީ، އެކަކު އަނެކަކަށް ހިތްވަރުދީ، ބޮޑެތި ހުވަފެންތައް ދެކުމުގައި، ހުރިހާ ގޮތަކުން ވެސް ރަނގަޅު ބަޔަކަށް ވުމަށް ދެމީހުން އެކުގައި އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.
ޓާމްޕާގެ ޕާފޯމިންގް އާޓްސް ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތުގައި، އެންމެ މޮޅު ދަރިވަރުގެ ހައިސިއްޔަތުން، އެޑްރިއާނާ ވާހަކަ ދައްކާފައިވެ އެވެ. އޭނާގެ ވާހަކާގައި އާއިލާއަށް ޝުކުރު އަދާކޮށް، އޭނާއާއެކު ދަސްވެނިވި ދަރިވަރުންނަށް އިތުބާރާއެކު ކުރިއަށް ދިއުމަށް ހިތްވަރު ދީފައިވެ އެވެ. އޭނާގެ ވާހަކާގައި އިތުރަށް ފާހަގަކޮށްފައިވަނީ، މީހުންގެ ދިރިއުޅުން ބަދަލުކޮށްލުމުގެ ގާބިލުކަން ހުރި، ހިތްވަރުގަދަ، އިސްނަގާ ތޫނުފިލި އަންހެނުންތަކެއް ފެންނަ ކަމެވެ. އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި ވާނެ ގޮތް ނޭނގުނު ކަމުގައި ވިޔަސް، ނޭނގޭ ކަންކަމާ މެދު މިހާރު ބިރެއް ނުގަންނަ ކަމަށެވެ.
އެޑްރިއާނާގެ ކޮއްކޮ އެލީސާ ވަނީ އެ ސްކޫލުގެ ދެވަނައަށް އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ހޮވިފަ އެވެ. އެލީސާ ބުނީ ރަސްމިއްޔާތު ބޭއްވުނު ހޯލުގައި ތިބި މީހުންގެ އެހީތެރިކަމާ ނުލައި އޭނާއަށް އެހުރި މަގާމަށް ނާދެވޭނެ ކަމަށެވެ.
މި ދެބެއިންގެ މަންމަ، ޖޯނާ ލިއޯންސް ބުނި ގޮތުގައި، ދެ ދަރިންގެ ވާހަކައިގެ ސަބަބުން އޭނާގެ ހިތަށް ވަރަށް ބޮޑު އަސަރެއް ކުރި އެވެ. އަދި ރަސްމިއްޔާތުގައި ބައިވެރިވި އެންމެންނަށް ވެސް އެ ވާހަކައިން ވަރަށް ބޮޑު އަސަރެއް ކުރިކަން އޭނާ ފާހަގަކުރި އެވެ. ޖޯނާ އިތުރަށް ބުނީ، ގިނަ ބެލެނިވެރިންނަށް އެ ވާހަކަތައް އަޑުއަހާފައި ރޮވުނު ކަމަށާއި، އެއީ އެ ސްކޫލުގައި މިހާތަނަށް އިވުނު އެންމެ ފުރިހަމަ ވާހަކަކޮޅު ކަމަށް ސްކޫލުގެ ޕްރިންސިޕަލާއި ޓީޗަރުންވެސް ބުނެފައިވާ ކަމަށެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން އެޑްރިއާނާއާއި އެލީސާ-- ފޮޓޯ: ޕީޕަލް.ކޮމް
މި ކާމިޔާއަކީ އެ ސްކޫލުގެ 144 އަހަރުވީ ތާރީޚުގައި އެއްމާބަނޑު ދެބެއިން މި ދެ ޝަރަފުވެރި މަގާމު ހާސިލުކުރި ފުރަތަމަ ފަހަރެވެ. ޕްރިންސިޕަލް ޖީން މެކްނަމާރާ ބުނީ، މިއީ މުޅި ސްކޫލަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި، އެޑްރިއާނާ އާއި އެލީސާ އަކީ އެ ސްކޫލުން ބިނާކުރަން ބޭނުންވާ ފަދަ، ތޫނުފިލި، އޯގާތެރި އަދި ދީނީ ކަންކަމަށް އިސްކަންދޭ ނަމޫނާ ދަރިވަރުން ކަމަށެވެ.
މި ދެބެއިންނަށް ކްލާހުގެ އެންމެ މޮޅު ދަރިވަރުންނެ ގޮތުގައި ތިބިކަން އެނގުނީ ސްކޫލުގެ ފަހު އަހަރުގެ ކުރީ އަހަރުގަ އެވެ. އެޑްރިއާނާ ބުނީ އެކަން އެނގުމުން ފުރަތަމަ ހައިރާންވި ކަމަށެވެ. ސަބަބަކީ އެ ސްކޫލުގައި ވަރަށް ގިނަ މޮޅު އަދި ހީވާގި ކުދިން ތިބުމެވެ. އެހެންކަމުން ފަހު އަހަރު އޭނާ އެންމެ ބޮޑަށް އިސްކަންދިނީ އެއް ފެންވަރެއްގައި ކިޔެވުމުގައި ދެމިހުރުމަށް އެޑްރިއާނާ ބުނެފައިވެ އެވެ.
މި ދެބެއިން ކިޔަވަމުން އައީ ކިންޑަގާރޑަން އިން ފެށިގެން އެއް ސްކޫލެއްގައެވެ. ކްލާސްތައް ތަފާތުވި ނަމަވެސް، އެކަކު އަނެކަކަށް އެހީތެރިވުމުގައި އެކުދިން އަބަދުވެސް ދެމިތިބެ އެވެ. އެކުދިންގެ މަންމަ ފާހަގަކުރި ގޮތުގައި، އެކުދިންނަކީ ހަމައެކަނި އަމިއްލަ ކިޔެވުމަށް އިސްކަންދޭ ބައެއް ނޫނެވެ. އުމުރުން 16 އަހަރުގެ ކޮއްކޮ އެލެގްޒެންޑްރާއަށާއި، ކްލާހުގެ އެހެން ކުދިންނަށް ވެސް ކިޔަވައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ކަމަށްވެ އެވެ.
ކިޔެވުމުގެ އިތުރުން، މި ދެބެއިން ވަނީ އިޖުތިމާޢީ މަސައްކަތްތަކުގައި ވެސް ނަމޫނާ ދައްކާފަ އެވެ. އެގޮތުން ޔުނިވަރސިޓީ އޮފް ޗިކާގޯގެ ހޮސްޕިޓަލެއްގައި އިންޓާންޝިޕް ފުރިހަމަކުރުމާއި، ހޮސްޕިސްއެއްގައި މަސައްކަތް ކުރުމުގެ އިތުރުން، ގުއަޓެމާލާއަށް ގޮސް އެ ގައުމުގެ ނިކަމެތި އާއިލާތަކަށް ގެދޮރު އެޅުމާއި އެހީ ފޯރުކޮށްދިނުމުގައި ވެސް އެކުދިން ބައިވެރިވެފައިވެ އެވެ. އެލީސާ ބުނި ގޮތުގައި އެ ދަތުރަކީ ދިރިއުޅުމުގެ ކަންކަމާ މެދު ދެކޭގޮތް މުޅިން ބަދަލުކޮށްލި ތަޖުރިބާއެކެވެ.
މި ދެބެއިންގެ ތަޢުލީމީ ކާމިޔާބީ ފާހަގަކޮށް، އެކި ފަރާތްތަކުން ގާތްގަނޑަކަށް 287,000 ޑޮލަރުގެ ސްކޮލަޝިޕާއި އެވޯޑުތައް ވެސް ވަނީ ދީފަ އެވެ. ގިނަ ޔުނިވަރސިޓީތަކަކުން ފުރުސަތު ލިބުނު ނަމަވެސް، ދެބެއިން ވެސް ނިންމީ ޔުނިވަރސިޓީ އޮފް ފްލޮރިޑާއާ ގުޅުމަށެވެ.
ކުރިމަގުގައި މި ދެބެއިންގެ އުންމީދަކީ ޑޮކްޓަރުންނަށް ވުމެވެ. ވަކި ޚާއްޞަ ދާއިރާއެއް އަދި ނުނިންމި ނަމަވެސް، އެކަކު އަނެކަކާ އެކުގައި ތަޢުލީމީ ދަތުރު ކުރިއަށް ގެންދިއުމަކީ އެކުދިން ބޭނުންވާ ގޮތެވެ. އެލީސާ ބުނީ އެޑްރިއާނާ އާ ނުލައި މި ދަތުރު އޭނާއަށް ތަޞައްވުރެއް ވެސް ނުކުރެވޭނެ ކަމަށެވެ.