ENGLISH

24 މޭ 2026

Advertisement

މާލެ ޓެކްސީ ލައިނަށް ތަރުހީބު ބޮޑު: ތަރުޖަމާނު

24 މޭ 2026

|

އައިމިނަތު ޝަފާ

މާލޭ ޓެކްސީ ލައިނުގެ ހިދުމަތް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ސަރުކާރުން އަލަށް ފެށި "މާލެ ޓެކްސީ ލައިން" ހިދުމަތަށް ލިބެމުން އަންނަ ތަރުހީބު ބޮޑުކަމަށާއި ދުވަހެއް ދުވަހަކަށް އެ ހިދުމަތަށް އެދޭ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނަކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު ހުސެއިން މުހައްމަދު ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ވިދާޅުވީ މާލެ ޓެކްސީގެ ހިދުމަތް ފެށިފަހުން ދޮޅުމަސް ވެގެންދިޔައިރު، ހިދުމަތާ ބެހޭގޮތުން އާންމުންގެ ފަރާތުން ތަފާތު ހިޔާލުތައް ލިބެމުންދާކަމަށެވެ. 

މާލޭގެ އާބާދީއާއި ބިމުގެ ނިސްބަތަށް ބަލާއިރު ރާއްޖެއާއި ނުބައްދަލު ގިނަ އަދަދަކަށް އުޅަނދުފަހަރު މާލޭގައި ހުރިކަން ފާހަގަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުގެ އިދާރާތަކުން އެންމެ ފުރަތަމަ  އިސްކަންދިނީ މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ހަލާކުވެ ބޭނުން ނުކުރެވޭ ގޮތަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކަމަށެވެ. 

"މާލެ ޓެކްސީ ލައިން"ގެ ހިދުމަތަށް ލިބެމުން އަންނަ ތަރުހީބު ބޮޑުކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވީ ދުވަހެއް ދުވަހަކަށް އެ ހިދުމަތަށް އެދޭ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނަ ކަމަށެވެ. 

މާލޭ ޓެކްސީ ލައިންގެ ހިދުމަތް ދެމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެން މި ހިނގާ މޭ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ޖުމްލަ 9،550 މީހަކަށް ވަނީ ހިދުމަތް ދީފަ އެވެ. 

އަދި މި މުއްދަތުގައި ޖުމްލަ 13،073 ދަތުރުކޮށްފައިވާކަމަށް އެމްޓީސީސީގެ ހިސާބުތަކުން ދައްކަ އެވެ. އެންމެ ގިނަ ދަތުރުކޮށްފައިވަނީ މާލެ ތެރޭގަ އެވެ. 

ޓެކްސީ ލައިނަކީ، މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ހައްލެއް ހޯއްދަވައިދެއްވުމުގެ މަގުސަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން، ފަރުމާކުރެއްވި މަސައްކަތެކެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މާލެ ޓެކްސީ ލައިންގެ ހިދުމަތް ފެށި ފުރަތަމަ މަހުގެ ތެރޭގައި އެކަނިވެސް 13،000 އަށްވުރެ ގިނަ ދަތުރު ވަނީ ކޮށްދީފަ އެވެ. މި ހިދުމަތް ދިނުމަށްޓަކައި ތިމާވެއްޓާ ރައްޓެހި، 100 އިންސައްތަ އިލެކްޓްރިކް (އީވީ) 150 އުޅަނދު ރާއްޖެ ގެނެސްފައިވެ އެވެ. މީގެ ތެރޭގައި މާލޭގެ ހަނި މަގުތަކަށް ހާއްސަ ކުދި ކާރުތަކުން ފެށިގެން، އެއާޕޯޓް ދަތުރުތަކާއި ފޮށިތަންމަތި އުފުލޭނެ ފަދަ ތިން ސައިޒެއްގެ އުޅަނދުތައް ހިމެނެ އެވެ.

އާންމުންނަށް ފަސޭހައިން ޓެކްސީ ބުކް ކުރެވޭނެ ގޮތް ހެދުމަށް ހާއްސަ ވެބްސައިޓެއް ހުޅުވާލާފައިވާއިރު، ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ވެސް ދަތުރުތަކަށް އެދުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. ސަރުކާރުގެ އަމާޒަކީ އާންމުންގެ ހިޔާލުތަކާއެކު މި ހިދުމަތް އިތުރަށް ފުރިހަމަކޮށް، މާލޭގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީ ފެންވަރަކަށް ބަދަލުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު