ENGLISH
24 މޭ 2026
ބޮޑުތަކުރުފާނު މަގުގައި 588 ސްލޮޓްގެ ޕާކިންއެއް ތަރައްގީ ކުރަނީ
24 މޭ 2026
|
ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ-- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ބޮޑުތަކުރުފާނު މަގުގެ 4 ވަނަ ސެގްމަންޓުގައި 500 އަށްވުރެ ގިނަ ޖާގައިގެ ޕާކިންގއެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފި އެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޕްރޮޖެކްޓް މެނޭޖަރ ޝަރުވަޒް ޢަބްދުﷲ ވިދާޅުވީ ބޮޑުތަކުރުފާނު މަގުގެ ބޭންކް އޮފް ސިލޯން ކުރިމަތީގައި ސައިކަލް ޕާކު ކުރުމަށް، 588 ސްލޮޓްގެ ޕާކިންއެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އިތުރަށް ބުނީ މި ޕާކިން ހެދުމަށް ހަމަޖެހިފައިވަނީ 1400 އަކަފޫޓްގެ ސަރަހައްދެއްގައި ކަމަށެވެ.
މި ސަރަހައްދަކީ ސަރުކާރުގެ އިދާރާތަކާއި، ބެންކުތަކާއި، މާލޭގެ ބާޒާރު އަދި އަމިއްލަ ގިނަ ބައެއްގެ އޮފީހާއި ވިޔަފާރިތައް ހުންނަ މާލޭގެ ކާރޫބާރޫ ބޮޑު ސަރަޙައްދެކެވެ. މީގެއިތުރުން މިސަރަޙައްދަކީ، އަތޮޅުތަކުގެ ގިނަ ލޯންޗް ފެރީ ބަނދަރު ކުރާ ސަރަހައްދެއްވެސްމެ އެވެ.އެހެންކަމުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ބޭނުންކުރާ ސަރަޙައްދަކަށްވުމުން، އެސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުން އަންނަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ. މި އެސަރަޙައްދަކީ ގިނަ ބަޔަކު ބޭނުންކުރާ ސަރަޙައްދެއްކަމުން، އެތަނުގައި ޕާކްކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމަކީ މުހިއްމު ކަމެއް ކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ.
ޝަރުވަޒް އިތުރަށް ބުނިގޮތުގައި މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ އިތުރުން މަގު ފެހި ކުރުމަށްވެސް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ތަރައްޤީކުރަމުން އަންނަ އިރު ނަގަމުން އަންނަ ގަސްތައް، ތަރައްގީކޮށް ނިމިފައިވާ ސަރަހައްދުތަކުގައި އިންދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ނަސަންދުރާ ކުރިމަތީގައާއި އެފްއެސްއެމް އޮފީސް އިމާރާތް ހުރި ސަރަޙައްދުގައި ގަސްތައް އަލުން އިންދާފައިވާ ކަމަށް ބުނެފައިވެ އެވެ.
އެމްޓީސީސީން މަސައްކަތް ކުރަމުން އަންނަނީ ޖޫން މަހުގެ ނިޔަލަށް މާލޭގެ އުތުރުން ބޮޑު ތަކުރުފާނު މަގުގެ މަސައްކަތް ނިންމުމަށެވެ. އެގޮތުން މަގު ފުޅާކުރުމަށް ފަޅުތެރެއަށް ބައެއް ޖެއްސުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ޝީޓްޕައިލްކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފަ އެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ، ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ ފަސް ސެގްމަންޓެވެ. އެއީ ޖުމްލަ 838 މީޓަރެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.