ENGLISH
24 މޭ 2026
ސިފައިންނަށް ކުޑައިމީސް ނުކުރޭ، ޑޭންގެ މަސައްކަތް ފުރިހަމަކުރެވުނީ ސިފައިންގެ އޮޕަރޭޝަނުގެ ސަބަބުން: ތަރުޖަމާނު
24 މޭ 2026
|
ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.
އެންމެ މަޤްބޫލު
ވ. އަތޮޅު ދެކުނުނުން އޮތް ކަނޑުގެ ހޮހަޅައަކަށް ގެއްލުނު ޑައިވަރުންގެ ހަށިތައް ނެގުމަށް ގައުމީ ދިފާއީ ބާރުން ހިންގި އޮޕަރޭޝަނަށް ކުޑައިމީސްވާ ގޮތަށް އެއްވެސް ރައްޔިތަކު ވާހަކަ ނުދެއްކުމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އިލްތިމާސްކުރައްވައިފި އެވެ.
އިއްޔެ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ތަރުޖަމާނު ވިދާޅުވީ ޑައިވަރުން ހޯދުމުގެ މަސައްކަތަށް ބޭރުގެ އެހީ ލިބެންފެށީ ގައުމީ ދިފާއީ ބާރުން އޮޕަރޭޝަން ފަށައި ފުރަތަމަ ޑައިވް ކުރި ފަހުން ކަމަށެވެ.
"ފުރަތަމަ ޑައިވްކޮށްފައި ދެވަނަ ޑައިވްގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވީ. ކީއްވެގެންހޭ ފެށީ ބުނާއިރު، ފެށިއިރު ޑޭން ނޫނީ އެހެން ބަޔަކުވެސް އައުމުގެ ވިސްނުމެއް ނެތް. ގައުމީ ދިފާއީ ބާރުގެ އޮޕަރޭޝަނަށް ކުޑައިމީސް ނުކުރައްވާ. އެ އޮޕަރޭޝަނުގެ ސަބަބުން ޑޭން ގެ މަސައްކަތް ފުރިހަމަކުރެވުނީ،". ތަރުޖަމާނު ވިދާޅުވި އެވެ.
ޑޭންގެ ޓީމަކީ ފަންނީ ގޮތުން ގާބިލު އަދި ތަޖުރިބާ ހުރި ޓީމެއްކަން ގަބޫލުކުރައްވާކަމަށާއި ނަމަވެސް މުޅި އޮޕަރޭޝަނުގައި ދިވެހި ސިފައިންގެ ހިއްސާ ބޮޑު ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. ތަރުޖަމާނު ވަނީ ސިފައިންގެ އޮޕަރޭޝަނުގެ ކަންކަމުގައި ސަރުކާރުން ފާޑު ނުކިޔާނެކަމުގެ ޔަގީންކަން ވެސް ރައްޔިތުންނަށް ދެއްވާފަ އެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވީ ޓެކްރެކް ޑައިވިން ނުވަތަ ޓެކްނިކަލް ޑައިވިންއާ ގުޅޭ ގާނޫނެއް ރާއްޖޭގައި މިވަގުތު ނެތްކަމަށާއި އެފަދަ ގާނޫނެއް ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށެވެ.
"އެހެންވީމަ ޓެކްރެކް ޑައިވިންގެ ގާނޫނެއް ހެދުމާ މެދު އިނީޝަލް ފުރަތަމަ ޑިސްކަޝަން އެބަ ހިނގާ. އޭގެ ތެރެއިން އިރާދަކުރެއްވިއްޔާ މި ދެންނެވިހެން ސްޓޭކްހޯލްޑާ ކޮންސަލްޓޭޝަންތަކެއްގެ ތެރެއިން ގޮސް އަޅުގަނޑުމެންގެ ރާއްޖޭގައި ޓެކްރެކް ޑައިވިން ގާނޫނެއް ވުޖޫދުވެގެން އައިސް އޭގެ ތެރެއިން ގަވާއިދުތަކެއް ހެދޭނެ ދުވަހެއް މާލަހެއް ނުވާނެ ކަމަށް މި ބަލަނީ އިރާދަކުރެއްވިއްޔާ،". ތަރުޖަމާނު ވިދާޅުވި އެވެ.
ޓެކްނިކަލް ޑައިވްއަކީ އާދައިގެ ޑައިވްތަކާ ހިލާފަށް ވަކި ހާއްސަ ތަމްރީނެއް ލިބި އަދި އެކަމަށް ހާއްސަ ސާމާނު ބޭނުންކޮށްގެން ކުރާ ޑައިވްއެކެވެ.
ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީވިލާތުގެ ޑައިވަރުންގެ ހަށިތައް ހޯދުމަށް ކުރިއަށްގެންދިޔަ ސާޗް އެންޑް ރިކަވަރީ އޮޕަރޭޝަން.، ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) ޔޫރަޕުން ކުރިއަށް ގެންގޮސްފައިވަނީ މެއިމަހުގެ 18 އިން 21 އަށް ޖުމުލަ ހަތަރު ދުވަހުގެ މުއްދަތަކަށެވެ.
ރެސްކިއު ޓީމުން ވަނީ ހާއްސަ ހުއްދައެއް ނެތި އަދި ކޭވް-ޑައިވިންގެ ފުރިހަމަ ތަމްރީނާއި ވަސީލަތްތައް ނެތި މި ހޮހަޅައަށް ނުވަނުމަށް އިލްތިމާސްކޮށްފަ އެެވެ. އަދި ހޮހަޅައިގެ މާހައުލަކީ އާދައިގެ ޑައިވަރުންނަށް އިންތިހާއަށް ނުރައްކާތެރި މާހައުލެއްކަމަށް ބުނެފަ އެވެ.
މި ހާދިސާއާ ގުޅިގެން އިޓަލީ ސަރުކާރުން ވެސް އަދި ދިވެހި ސަރުކާރުން ވެސް އަންނަނީ ހާދިސާގެ ތަހުގީގެއް ހިންގަމުން ނެވެ.