ENGLISH
24 މޭ 2026
ސޯދިގަށް ހިދުމަތްކުރައްވަން ފުރުސަތު ލިބިވަޑައިގަތް، އައްޑޫއަށް ކަމެއް ނުކޮށްދެއްވުނު: ވަޒީރު ޝިޔާމު
24 މޭ 2026
|
ވަޒީރު އަހްމަދު ޝިޔާމު
އެންމެ މަޤްބޫލު
އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ)އަށް އެެ ސިޓީގެ ރައްޔިތުންނަށް ހިދުމަތްކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަަތުގައި އެ ސިޓީގެ ރައްޔިތުންނަށް ކަމެއް ކޮށްދެއްވިފައި ނެތްކަމަށް ވިދާޅުވެ، އޭނާއަށް އިންތިހާބުގައި ނޫނެކޭ ބުނުމަށް އެ ދާއިރާގެ ރައްޔިތުންނަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު އިލްތިމާސްކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓު އަހްމަދު ސައީދުގެ ކެމްޕެއިން އިފުތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ 2008 ވަނަ އަހަރު އައު ގާނޫނުއަސާސީގެ ދަށުން ފުރަތަމަ އެކުލަވައިލި ސަރުކާރުގައި ރައްޔިތުން ތަމްސީލުކުރެއްވުމަށް ސޯދިގު މުހިއްމު މަގާމަކަށް އައްޔަންކުރެއްވުނު ކަމަށެވެ. އޭގެ ފަހުން 2011 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް އައްޑޫ ސިިޓީގެ މޭޔަރުގެ މަގާމުގައި ސޯދިގު ހުންނެވިކަން ޝިޔާމު ފާހަގަކުރެއްވިއެވެ.
އެއަށްފަހު، 2021 ވަނަ އަހަރުުގެ ކައުންސިލު އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރުގެ މަގާމަށް ކުރިމަތިލެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމުން އެ ޕާޓީގެ އާއްމު މެންބަރުން ސޯދިގަށް ނޫނެކޭ ވިދާޅުވިކަމަށާއި، އޭގެ ފަހުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަމަށް އޭނާ އައްޔަންކުރެވި އައްޑޫ ސިޓީގެ އުމްރާނީ ތަރައްގީގެ ކަންކަން ހިނގަމުންދާ ގޮތް ބެލުމުގެ ބޮޑު ޒިންމާ އޭނާއާ މަތިކުރެވުނު ކަމުގައިވެސް ވިދާޅުވިއެވެ.
ޝިޔާމު އިތުރަށް ފާހަގަކުރެއްވީ އައްޑޫ ސިޓީއަކީ އެމްޑީޕީގެ ދެ ސަރުކާރު އިންތިހާބުކުރުމަށްވެސް ވަރަށް ބޮޑު އަޣުލަބިއްޔަތަކުން ވޯޓުދިން ސިޓީއެއް ކަމެވެ. އަދި ކައުންސިލާއި މަޖިލީހުގެ ގޮނޑިތައްވެސް އެމްޑީޕީއަށްް ދީގެން އެ ރައްޔިތުން އެދޭ ތަރައްގީއާއި ބަދަލު އާދޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރިކަން ޝިޔާމު ފާހަގަކުރެއްވިިއެވެ.
ސޯދިގަށް އައްޑޫ ސިޓީއާއި އެ ސިޓީގެ ރައްޔިތުންނަށް ހިދުމަތްކުރެއްވުމަށް ލިބިވަޑައިގަތް ފުރުސަތު ވިދާޅުވެދެއްވުމަށްފަހު ޝިޔާމު ވިދާޅުވީ އިގުތިސާދީ، އިޖުތިމާއީ އަދި އުމްރާނީ ތަރައްގީގެ ނަޒަރަކުން ބަލާއިރު އައްޑޫ ސިޓީއަށް ވަރަށް ބޮޑަށް އިހުމާލުވެފައި އޮތްކަން ފެންނަން އެބައޮތް ކަމަށެވެ. އަދި ސޯދިގަކީ އެ އިހުމާލުގެ ޒިންމާ ނަންގަވަންޖެހިވަޑައިގަންނަވާ ބޭފުޅެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ވަރަށް ބޮޑަށް އިހުމާލުވެފައި މި ސިޓީއަށް މި ދާއިރާއަށް ވަކިން ހާއްސަކޮށް. މި އިހުމާލުގެ ފުރިހަމަ ޒިންމާ ނަންގަވަންޖެހޭ ބޭފުޅަކީ އަބްދުﷲ ސޯދިގު. އަޅުގަނޑު ނޫނަސް މިކަމާ އެއްބަސްވެވަޑައިގަންނަވާނެ. މި ސިޓީގެ ރައްޔިތުންގެ ފަރާތުން ބަސްބުނުމުގެ އެންމެ މަތީ މަގާމުގައި މިދެންނެވި އަހަރުތަކުގައި ހުންނަވާފައި ކޮށްދެއްވި ކަމެއް ރައްޔިތުންނަށް އެނގިވަޑައިގަންނަވާނީ، އަނެއްކާ ސިޔާސީ ބޭނުމެއްގައި ނުކުމެވަޑައިގެން އެހުންނެވީ. ތަރައްގީގެ މަގުގައި މި ސިޓީއަށް ވަކި ހާއްސަކޮށް މި ދާއިރާއަށް އެއްވެސް ކަމެއް ކޮށްދެއްވާނެ ބޭފުޅެއް ނޫންކަން ރައްޔިތުން ޔަގީނުންވެސް އެ ތަޖުރިބާކުރައްވައިފި. އެހެންވީމާ އަބްދުﷲ ސޯދިގަށް އަޅުގަނޑުމެން ނޫނެކޭ ބުނަންޖެހެނީ،" ޝިޔާމު ވިދާޅުވިއެވެ.
މިހާރު ހިނގަމުންދާ ކެމްޕެއިނުގައި ވަރަށް ގިނަ ގެތަކަށް މަޖިލީހުގެ ރައީސްގެ އަރިހުގައި ކުރެއްވި ޒިޔާރަތުން ފެނިވަޑައިގަތީ ތަރައްގީއަށް ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުން ފެންބޮވައިގަނެފައި ތިބި މިންވަރުކަން ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ މަޖިލީހުގެ މެންބަރަކު ސަރުކާރާ އެކީ މަސައްކަތްކުރައްވައިގެން ރައްޔިތުން އެދޭ ކަންކަން އެ އެދޭ ގޮތަށް ހާސިލުކުރުމުގެ މުހިއްމުކަން މިއަދު ރައްޔިތުންނަށް ވަރަށް ބޮޑަށް އެނގޭ ކަމަށެވެ.
ސޯދިގު ވާދަކުރައްވަނީ އެމްޑީޕީންކަން ފާހަގަކުރައްވަމުން ޝިޔާމު ވިދާޅުވީ އެމްޑީޕީގައި އޮތީ ދެ ރައީސުންގެ މެދުގައި އުފެދިފައި އޮތް ނުތަނަވަސްކަން ހައްލުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ސޯދިގު މަޖިލީހުގެ މެންބަރުކަމަށް ހޮވިވަޑައިގެންފިނަމަ ރައްޔިތުންގެ ކަންކަމާ އުޅުއްވާނެ ވަގުތެއް ސޯދިގަށް ލިބިވަޑައިނުގަންނަވާނެ ކަމަށާއި، އޭނާގެ ގިނަ ވަގުތު ހޭދަކުރައްވަންޖެހޭނީ ދެ ރައީސުންގެ މެދުގައި އޮތް މައްސަލަތަކަށް ހައްލެއް ހޯދައިދެއްވުމަށް ކަމަަށް ވަޒީރު ވިދާޅުވިއެވެ.