ENGLISH

24 މޭ 2026

Advertisement

އައްޑޫ ތަރައްގީއާމެދު ވަޒީރުންނާ ގިނައިން ސުވާލުކުރަނީ ޕީއެންސީ މެންބަރުން، އެމްޑީޕީ މެންބަރުންނެއް ނޫން: އަޒާން

24 މޭ 2026

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު، ފޮޓޯ: ދިޔަރެެސް

އައްޑޫ ސިޓީގައި ސަރުކާރުން ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ވަޒީރުން ހާޒިރުކޮށް ރައްޔިތުންގެ މަޖިލީހުގައި ސުވާލުކުރައްވަނީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންކަމަށް ހިތަދޫ މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ. 

އަޒާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓު އަހްމަދު ސައީދުގެ ކެމްޕެއިން އިފުތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. 

މަޖިލީހުގެ މެންބަރުންގެ ޒިންމާއަށް އަލިއަޅުވައިލައްވަމުން އަޒާނު ވިދާޅުވީ މަޖިލީހުގެ މެންބަރުންނަކީ ތަރައްގީގެ މަޝްރޫއުތައް އަމަލީ ގޮތުން ހިންގަވަން ރައްޔިތުން އިންތިހާބުކުރާ ބައެއް ނޫންކަމަށާއި، އެއީ ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެކަމުގައި މަޖިލީހުގެ މެންބަރުންގެ ޒިންމާއަކީ މަޝްރޫއުތައް ރައްޔިތުން ބޭނުންވާ ގޮތަށް، އެ ދުވެލީގައި ކުރިއަށްދާކަން ކަށަވަރުކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އިތުރަށް އަޒާނު ވިދާޅުވީ ހޮވުމުގެ މާ ކުރީއްސުރެ ސަރުކާރާ ދެކޮޅު ވިސްނުމުގައި މަސައްކަތްކުރުމުގެ އަޒުމުގައި މަޖިލީހަށް ވަޑައިގަންނަވާ މެންބަރުން އެ މަޖިލީހަށް އިންތިހާބުކޮށްފިނަމަ ރައްޔިތުން އެދޭ އެއްވެސް ކަމެއް ނުވާނެ ކަމަށެވެ. އަދި އެމްޑީޕީން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ)ގެ ކެމްޕެއިނުގައި ކުރީގެ ރައީސް ނަޝީދު ސިފަކުރެއެްވި ގޮތުން ސޯބެ މަޖިލީހަށް އިންތިހާބުކުރައްވަން ބޭނުންފުޅުވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްކަން ފާހަގަކުރައްވައި އަޒާނު ވިދާޅުވީ އިދިކޮޅު ޕާޓީން ސޯބެ މަޖިލީހަށް ވައްދަން ބޭނުންވަނީ ގައުމުގެ ހަމަޖެހުމާއި ސްޓެބިލިޓީ ނަގައިލުމަށް ކަމަށެވެ. 

ސޯބެ މަޖިލީހަށް ހޮވިވަޑައިގަތުމުން ރައްޔިތުންގެ އަޑުއިއްވަވާނެ ކަމަށާއި، ޕީއެންސީގެ މެންބަރުންނަށް އެކަންނުވާކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށްވެސް އަޒާނު ރައްދު ދެއްވިއެވެ. އައްޑޫ ސިޓީ ތަމްސީލުކުރައްވާ މަޖިލީހުގެ މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ދެ މެންބަރަކު މިހާރުވެސް އެބަތިއްބެވިކަން ފާހަގަކުރައްވަމުން އަޒާނު ވިދާޅުވީ މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރައްވަނީ އަދި މަޖިލީހުގެ ކޮމިޓީތަކުގައިވެސް އައްޑޫގެ ކަންކަމާ ގުޅޭ ގޮތުން ވަކާލާތުކުރައްވަނީ ޕީއެންސީގެ މެންބަރުން ކަމަށެވެ. 

"މި އައްޑޫ ސިޓީއަށް ބަލާއިރު މިވަގުތު އެމްޑީޕީގެ ދެ މެންބަރުން މި ސިޓީގައި އެބަތިއްބެވި. ބާކީ ތިއްބެވީ ޕީއެންސީ މެންބަރުން. މި ސަރުކާރުގެ ވަޒީރުން މަޖިލީހަށް ގެންނަވައިގެން އައްޑޫ ސިޓީގެ ތަރައްގީގެ ކަންކަމާމެދު އެންމެ ގިނައިން ސުވާލުކުރައްވަނީ ޕީއެންސީގެ މެންބަރުން. އެމްޑީޕީ މެންބަރުން ވަޒީރަކު ހާޒިރުކުރައްވައިގެން އައްޑޫގެ ކަމަކާ ގުޅޭ ގޮތުން ސުވާލުކުރެއްވީ ދެ ފަހަަރަކު ކަންނޭނގޭ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ބަލައިލުމުންވެސް އެނގޭނެ ކޮމިޓީތަކުގައިވެސް އައްޑޫގެ ކަންކަމާމެދު ވާހަަކަދައްކަވަނީ ޕީއެންސީގެ މެންބަރުން. ގިނަ ފަހަރަަށް އެމްޑީޕީ މެންބަރުން މަޖިލީހަށް ހާޒިރުވެވަޑައިނުގަންނަވާ. ހާޒިރުވެވަޑައިގެންފިނަމަ ނާސްތާ ހިއްޕެވުމަށްފަހު ކުޑަދޮށުގައި މަޑުކުރައްވައިގެން ވާހަކަދައްކަވަން ތިއްބަވަނީ. އެހެންވީމާ މި ސަރުކާރު ޖަވާބުދާރީކުރުވާނީވެސް ޕީއެންސީ މެންބަރުން،" އަޒާނު ވިދާޅުވިއެވެ. 

މެންބަރު ފާހަގަކުރެއްވި ގޮތުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެއިރު އެމްޑީޕީއަށް އަޣުލަބިއްޔަތު އޮތްއިރު އެ ޕާޓީގެ ސަރުކާރުގެ ވަޒީރުން ހާޒިރުކުރައްވައިގެން އެ ބޭފުޅުންނާ ސުވާލުކުރައްވަން އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ކެރިވަޑައިނުގަންނަވައެވެ. އެއީ މަޖިލީހުގެ ޔައުމިއްޔާތަކާއި އާއްމުކޮށްފައިހުރި ތަފާސްހިސާބުތަކުން ސާބިތުވާން އޮތް ހަގީގަތެއް ކަމުގައި އޭނާ ވިދާޅުވިއެވެ. 

އަޒާނު އިތުރަށް ވިދާޅުވީ ޕީއެންސީގެ ފަރާތުން ހިތަދޫ އުތުރު ދާައިރާއަށް ކުރިމަތިލައްވާފައިވާ އަހްމަދު ސައީދު ކައުންސިލަރެއްގެ މަގާމުގައި ހުންނެވިއިރު ކަންކަން ނުވެގެން އަޒާނަށް އެންމެ ގިނައިން ގުޅުއްވަނީ ސައީދު ކަމަަށެވެ. އަދި ސައީދަކީ ވަރަށް ބޮޑަށް ކަންކަން ނުހިނގައިގެން މަސައްކަތްކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން އަޒާނު ވިދާޅުވީ ސައީދު ހޮވިވަޑައިގެންފިނަމަ ވަޒީރުން ތިއްބަަވާނީ އޭނާއާހުރެ "ނޭވާނުލެވޭ" ހިސާބުގައި ކަމަށެވެ. 

އައްޑޫ ސިޓީއަށް ސަރުކާރުން ވެފައި ހުރި ވައުދުތައް ފުއްދުމުގައި ލަސްތަކެއްވެފައިވާކަން ރައީސް އަދި ޕީއެންސީގެ ހުރިހާ ވެރިންނާއި ސަރުކާރުގެ އިސްވެރިންވެސް ގަަބޫލުކުރައްވާކަން ހާމަކުރައްވަމުން އަޒާން ވިދާޅުވީ ރައީސާއެކު ވަކިން ބައްދަލުވެވަޑައިގަތް ބައްދަލުވުމެއްގައި އެ ހުރިހާ މަޝްރޫއެއްގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު