ENGLISH
14 ނޮވެމްބަރު 2025
ޙަޤީޤަތް އޮޅުވާނުލެވޭނެ؛ އެވަރަށް ދޮގު ފަތުރަނީ ރައްޔިތުންގެ ތާއީދާއި ފޯރި ފެނިގެން
14 ނޮވެމްބަރު 2025
|
ކޮންގްރެސް ޖަލްސާއަށް މާލެ އައި މީހުން ފޯރީގައި
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން މިރޭ އެ ތައްޔާރުވަނީ ސިޔާސީ ތާރީޚުގައި މުޅިން އައު ސަފްހާއެއް ލިޔާށެވެ. މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ފުރިހަަމަ އިންތިޒާމުތަކާއެކު އޮންނަ ޖަލްސާ ބޭއްވުމަށެވެ. މިރޭ 8:30 ގައި އާޓިފިޝަލް ބީޗްގައި ބާއްވާ ޖަލްސާއަށް އެންމެ ފަހުގެ ތައްޔާރީތައް ދަނީ ވަމުންނެވެ. މުޅި ސަރަޙައްދު ތައްޔާރުކޮށް ޒީނަތްތެރި ކުރުމުގެ މަސައްކަތް މީގެ ދެތީން ދުވަސް ކުރީން ވަނީ ފަށައިފައެވެ.
މި ޖަލްސާއަށް ރާއްޖޭގެ އެކިކަންކޮޅުތަކުން މާލެއަށް މީހުން ދަނީ އަރަމުންނެވެ. މިހާރުވެސް ވެރިރަށް ފުރިއްޖެ އެވެ. އިއްޔެ އާއި ރޭ އަދި މިއަދުގެ އެކި ވަގުތުތަކުގައި އެތައް ހާސް ބަޔަކު ވަނީ މާލެ އައިސްފަ އެވެ. ބައެއް މީހުން ކަނޑުމަގުންނެވެ. ލޯންޗުތަކާއި ބޯޓްތަކުގަ އެވެ. މަތީންދާބޯޓްގައި ވައިގެ މަގުން ވެސް އެތައް ސަތޭކަ ބަޔަކު ވަނީ މާލެ އައިސްފަ އެވެ.
އަތޮޅުތެރޭން އަންނަ ކޮންމެ ޓީމެއް ވެސް މާލެ އަންނަނީ ކޮންގްރެސްގެ ވަކި ލީޑަރެއްގެ އިރުޝާދުގެ ދަށުންނެވެ. އެއިން ކޮންމެ ޓީމަކަށް މަރުޙަބާ ކިޔަން ޓީމުތައް އޮންނަނީ ތައްޔާރަށެވެ. ދަތުރުފަތުރުކުރެވޭނެ ގޮތާއި އެ ނޫން ގިނަ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ.
"ދިވެހީންގެ ރާއްޖެ" ޖަލްސާ އިޢުލާނު ކުރީއްސުރެ އިދިކޮޅު ޕާޓީތަކުން ދެވަނަ ކަމެއް ނުކުރެ އެވެ. ޖަލްސާއާ ގުޅޭގޮތުން ޙަޤީޤަތެއް ނެތް ބުހުތާނު ދޮގު ވާހަކަތައް ފެތުރުން ނޫން ކަމެއް ނެތެވެ.
ފުރަތަމަ ބުނަމުން ދިޔައީ ސަރުކާރަށް ތާއީދެއް ނެތް ކަމަށެވެ. ޖަލްސާއަކަށް ގޮވާލި ނަމަވެސް އަންނާނެ ބަޔަކު ނުވާނެ ކަމަށެވެ. ކޮންގްރެސްގެ ހަރުގޭގައި ކުޑަކުޑަ ޖަލްސާއެއް ބާއްވާލަން ޖެހޭނީ ސަރުކާރުގެ ސިޔާސީން އެއްކޮށްގެން ކަމެވެ.
އެކަމަކު ޖަލްސާގެ ފުރިހަމަ އިންތިޒާމާއި ތައްޔާރީތައް ފެންނަން ފެށުމުން ވާހަކައިގެ ރާގު ބަދަލުކޮށްލި އެވެ. ރަށްރަށުން މާލެ އަންނަ މީހުންގެ އަދަދު ފެނުމާއި ޖަލްސާއަށް އައުމަށް ކެތްމަދުވެފައި ތިބި ސަޕޯޓަރުންގެ ވާހަކަތައް އަޑުއިވި ވާހަކަ ބަދަލުކޮށްލަން މަޖުބޫރުވީ އެވެ.
ދެން ދައްކަން ފެށީ މަޖުބޫރުކޮށްގެން ގަދަކަމުން މީހުން ގެންނަ ވާހަކަ އެކެވެ. އެކަމަކު އެކި ފަހަރު އެކިގޮތްގޮތަށް އެ ވާހަކަތައް ދައްކައިގެން ވެސް އެ ވާހަކަތައް ހިނގާ ގޮތެއް ނުވި އެވެ. އެއީ ކަނޑައެޅިގެން ބުހުތާނުކަން ރައްޔިތުންނަށް ސާފުކޮށް ފެންނަން އޮތީތީ އެވެ.
މިއީ މިއަދު ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެކެވެ. އިދިކޮޅު ޕާޓީތަކާއި އެ ޕާޓީތަކުގެ ލީޑަރުން ވެސް ޤަބޫލުކުރާ ޙަޤީޤަތެވެ.
ކޮންގްރެސް ޕާޓީގެ ބިޔަ ޖަލްސާއަށް މާލެ އަންނަ ސަޕޯޓަރުންގެ ފަރާތުން އެ ފެންނަނީ މުޅީން ތަފާތު މަންޒަރެކެވެ. އާދަޔާ ޚިލާފު ޖޯޝެކެވެ. ފޯރިއެކެވެ. ސަރުކާރަށް އޮތް ތާއީދު އެ ދައްކަނީ ހިތުގެ އެންމެ ފުންމިނުންނެވެ.
އެކަން ޤަބޫލުކުރަން ދަތިވާ ނަމަ ސޯޝަލް މީޑިއާގެ މަންސަތަކަށް ވަދެލާ ބަލާށެވެ. ޖަލްސާއަށް ރަށްރަށުން މާލެ އަންނަ މީހުން ދައްކާ ވާހަަކަތަކާއި އެ މީހުން ނަގާ ފޯރި އެ ހުރީ ފެންނާށެވެ. ގައިމު ގަދަކަމުން، ގަދަބާރުން ގެނައި ބައެއްގެ ފަރާތުން އެކަން ފެންނާނެ ކަމަކަށް ނުބެލެވެ އެވެ.
އެހެންވީމަ މަޖުބޫރުކޮށްގެން ބިރުދައްކައިގެން ޖަލްސާއަށް މީހުން ގެންނަނީ ކަމަށް ބުންޏަސް އެ ވާހަކައެއް މިއަދު ނުހިނގާނެ އެވެ. ބަޔަކު ޤަބޫލެއްވެސް ނުކުރާނެ އެވެ.
ދެން އޮތީ ރަށްރަށުން މީހުން މާލެ ގެންނަ ވާހަކަ އެވެ. މިއީ އަލަށް ބަޔަކު ކުރާ ކަމެއް ނޫނެވެ. މީގެ ކުރީން ތަފާތު އެކި ޕާޓީތަކުން މިކަން މިއަށްވުރެ މާބޮޑުކޮށް ފުޅާކޮށް ކުރަން އުޅެފި އެވެ. އެކަމަކު މިވަރަށް އަދި މިފެންވަރުގައި އެކަން ނުކުރެވުނީ އެވެ.
އެއީ ކީއްވެ ހެއްޔެވެ؟ އެއް ކަމަކީ ތާއީދު ނެތީ އެވެ. ރައްޔިތުންގެ ޝައުޤެއް ނެތީ އެވެ. ރަނގަޅު އިންތިޒާމެއް ނެތީމެވެ. މި ފަހަރު މި ޖޯޝާއި ފޯރި ފެންނަނީ ރައްޔިތުންގެ ތާއީދު ސަރުކާރަށް އޮތީ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށް ރަައްޔިތުންގެ ތާއީދު އޮތީމަ އެވެ. ސަރުކާރަށް ރައްޔިތުން އިތުބާރު ކުރާތީ އެވެ. ސަރުކާރުން ކަންކަން ކޮށްދޭ ކަމާއި ސަރުކާރުގެ މިސްރާބު ރަނގަޅު ކަމަށް ރައްޔިތުންނަށް ޤަބޫލުކުރެވޭތީ އެވެ.
އެހެން ނޫންނަމަ މި ޖޯޝާއި ފޯރި ނުފެންނާނެ އެވެ.
ކޮންގްރެެސްގެ ޖަލްސާއާ ގުޅޭގޮތުން އެންމެ ބޮޑަށް ދޮގު ފަތުރަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ވެރީންނާއި އެކްޓިވިސްޓުންނެވެ. ސަރުކާރަށް ތާއީދެއް ނެތް ކަމަށް ދައްކަން އެންމެ ބޮޑަށް މަސައްކަތް ކުރަނީވެސް އެމްޑީޕީންނެވެ.
އެއީ ތެދެއްނަމަ އެމްޑީޕީއަށް އޮތީ ކިހާ ވަރެއްގެ ތާއީދެއްކަން ބުނެދޭން ޖެހެ އެވެ. ކޮންގްރެސްގެ ޖަލްސާ އިޢުލާނުކުރީ އެމްޑީޕީން މި މަހުގެ 17 ވަނަ ދުވަހު މުޅި މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމާފައި ވަނިކޮށެވެ. ރާއްޖޭގެ އެކި ރަށްރަށުން މީހުން ގެނެސް މާލެ ފުރާލާނެ ކަމަށް ބުނެ އިއުލާނުކުރި އެވެ.
އެ އިޢުލާނަށް ބެލުމެއް ނެތި ކޮންގްރެސް ޕާޓީން ޖަލްސާ އިޢުލާނުކޮށް ތައްޔާރީތައް ފެށި އެވެ. ދެން އިވުނީ ކުއްލިއަކަށް އެމްޑީޕީގެ އެއްވުން ފަސްކުރި ވާހަކަ އެވެ. އެއީ އިއްތިފާޤެއް ނޫނެވެ. ގަސްތުގައި ފަސްކުރީ އެވެ.
ސަރުކާރަށް ތާއީދުކޮށް މަގުތަކަށް ނުކުންނަ ރައްޔިތުންގެ އަދަދާއި ގާތަށްވެސް އެމްޑީޕީއަށް ރައްޔިތުން ނުނެރެވޭނެކަން ޔަޤީންވީ އެވެ. އެކަން އެމްޑީޕީއަށް ކަށަވަރުވީ ވަރަށް އިޢުލާނުކޮށް އިޝްތިހާރުކޮށްގެން ބޭއްވި "ގޯތި ފްލެޓް" ދިނުމަށް ގޮވާލާ އެއްވުމަށް ފަންސާހަކަށް މީހުން ވެސް ނުދިޔައީމަ އެވެ.
އެހެންވީމަ ކޮންގްރެސްގެ ޖަލްސާއާ ގުޅުވާ މިފަހަރު ތިޔަ ފަތުރާ ވާހަކަތަކުން ހޯދޭނެ ސިޔާސީ މަންފާއެއް ނެތެވެ.