ENGLISH
14 ނޮވެމްބަރު 2025
މަތިވެރީގައި 12 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ކުރިއަށްދަނީ
14 ނޮވެމްބަރު 2025
|
މަތިވެރީގައި އިމާރާތް ކުރާ 12 ކްލާސް ރޫމް އަދި މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ
އއ. މަތިވެރީ ސްކޫލްގައި ތަރައްޤީކުރާ 12 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ އިމާރާތުގެ، ދެވަނަ ފަންގިފިލާގެ ބާރ ބެންޑިންގ އާއި ފްރޭމްވޯކް ހެދުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (ރިޓަޔާރޑް) ޑީ.ސީ.ޕީ އަޙްމަދު ސައުދީ އެވެ. އަދި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު އެވެ.
އ.އ މަތިވެރި ސްކޫލްގައި މިހާރު 11 ކްލާސްރޫމް ހުރިއިރު، މި ސްކޫލްގައި ގްރޭޑް 10 އަކާއި ހަމައަށް އަންނަނީ ކިޔަވައިދެމުންނެވެ.
މަތިވެރީގައި އިމާރާތްކުރާ ހަ ކްލާސް ރޫމް އާއި މަލްޓިޕާޕަސް ހޯލު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ޚިދުމަތް ދޭން ފެށުމާއެކު، އެރަށުގައި ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން އެ ސްކޫލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ނުފެށި ނުވަތަ ހުއްޓިފައިވެއެވެ. އޭގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއ،ި ޚާއްސަ އިރުޝާދުގެ ދަށުން މިފަދަ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.