ENGLISH
14 ނޮވެމްބަރު 2025
ރައީސް ބައިވެރިވެވަޑައިގަންނަވާ "ދިވެހިންގެ ރާއްޖެ" ބިޔަ ޖަލްސާ މިރޭ 8:30 ގައި
14 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ "ދިވެހިންގެ ރާއްޖެ" ބިޔަ ޖަލްސާ މިރޭ 8:30 ގައި އާޓިފިޝަލް ބީޗް ސަރަހައްދުގައި އޮންނާނެ ކަމަށް ޕީއެންސީން ބުނެފި އެވެ.
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިންތިޒާމްކުރާ ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ތަގްރީރު ކުރައްވާނެ އެވެ. މި ސަރުކާރަށް ދެ އަހަރު ފުރޭ މުނާސަބަތާ ވެސް ގުޅިގެން ބާއްވާ މި ޖަލްސާގައި ބައިވެރިވުމަށް އަތޮޅުތަކުން ވަރަށް ފޯރީގައި އަދިވެސް މީހުން އަންނަނީ މާލެ ޖަމާވަމުންނެވެ. އިއްޔެ އާއި ރޭގެ ވަރަށް ދަންވަންދެން ވެސް ވައިގެ މަގުން މީހުން އައީ މާލެ އަންނަމުންނެވެ. އަދި ކަނޑު މަގުން ވެސް މިއަދު އަންނަނީ ގިނަ ބަޔަކު މާލެ އަންނަމުންނެވެ.
ޖަލްސާގައި ބައިވެރިވުމަށް މާލެ އަންނަ ޓީމުތަކަށް ޕާޓީން ދަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔަމުންނެވެ.
ޖަލްސާގެ ކުރިން ޕީއެންސީން ވަނީ "މަވެސް ދާނަން"ގެ ނަމުގައި ބޮޑު ކެމްޕޭނެއް ވެސް ހިންގައިފަ އެވެ.
ޕީއެންސީން އުއްމީދު ކުރަނީ މިރޭގެ ޖަލްސާ އަކީ ރާއްޖޭގެ ތާރީޚުގައި ވެސް ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ޖަލްސާއަށް ވާނެ ކަމަށެވެ.
މިރޭ 9:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޖަލްސާ އެމްއެމްޓީވީން ވަގުތުން ގެނެސްދޭނެ އެވެ. އަދި ޖަލްސާއާ ގުޅޭ މައުލޫމާތުތައް މިއަދުގެ އެކި ވަގުތުތަކުގައި އެމްއެމް ޓީވީން ގެނެސްދޭނެ އެވެ.