ENGLISH
16 ނޮވެމްބަރު 2025
ބިލީ ޖީން ކިންގ ކަޕް 2025: ޖޯޑަން ބަލިކޮށް ރާއްޖެ ފައިނަލަށް
13 ނޮވެމްބަރު 2025
|
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓެނިސް ޓީމު، އޮފިޝަލުންނާއެކު. ފޮޓޯ: ޓީއޭއެމް
މިހާރު ކުރިއަށްދާ ބިލީ ޖީން ކިންގ ކަޕް 2025 ގެ ގްރޫޕް ތިނެއްގެ ޕްރޮމޯޝަން ޕްލޭއޮފްގައި އޭޝިއާ/އޯޝެނިއާ ޒޯން ބީގައި މިއަދު ކުޅުނު ސެމީ ފައިނަލް މެޗުގައި ޖޯޑަން ބަލިކޮށް ރާއްޖޭގެ އަންހެން ޓެނިސް ޓީމުން ފައިނަލަށް ދަތުރުކޮށްފިއެވެ.
ވިއެޓްނާމްގައި ކުރިއަށްދާ މުބާރާތުގެ ސެމީގައި ރާއްޖޭން ވަނީ ސީދާ ތިން ގޭމުން ޖޯޑަންގެ މައްޗަށް ކުރިހޯދާފައެވެ.
މި މެޗުގައި އެންމެ ފުރަތަމަ ކުޅެވުނު ސިންގަލްސްގައި ރާއްޖޭގެ ނަބާ ނިޝާން ވަނީ ސީދާ ދެ ސެޓުން އަބޫ އަލް ހާޖް އަނާ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ނަބާ ގެންދިޔައީ، 6-4، 6-4 އިންނެވެ.
ދެން ކުޅެވުނު ސިންގަލްސްގައި ރާއްޖޭގެ އާރާ އާސަލް އާޒިމް ވަނީ ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ޖޯޑަންގެ ނޫރް ސަޔެޖް އަތުން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް އާރާ ކާމިޔާބުކުރީ 6-1، 6-2 އިންނެވެ.
މިއަދުގެ ސެމީ ފައިނަލްގައި ކުޅުނު ޑަބަލްސް މެޗުގައި ރާއްޖޭގެ އައިޝަތު ކަރީން ސައިޒާން އާއި ނަޔާރާ އުސާމާ އަލީގެ ޕެއާ ވަނީ ޖޯޑަންގެ ސުލަފް އަބޫލަތީފް އާއި ހާޖަރް އަލް ލައުޒީގެ ޕެއާ އަތުން ސީދާ ދެ ސެޓުން މޮޅުވެފައެވެ. މި މެޗުން ރާއްޖޭގެ ޕެއާ މޮޅުވީ 6-1، 6-3 އިންނެވެ.
މި މުބާރާތުގެ ފައިނަލުގައި ރާއްޖޭން އަންނަ ހޮނިހިރު ދުވަހު ނިކުންނާނީ ލާއޯސްއާ ދެކޮޅަށެވެ. އެ ޓީމުން ފައިނަލްގެ ޖާގައެއް ހޯދީ ސެމީގައި ވިއެޓްނާމް ބަލިކޮށްގެންނެވެ. ފައިނަލް މެޗު ކާމިޔާބުކުރާ ޓީމެއް ގްރޫޕް 2 އަށް ޕްރޮމޯޓުވާނެ އެވެ.
މުބާރާތުގެ ފޯމެޓުގައިވާގޮތުން، ބައްރުތަކަށް ނިސްބަތްވާ ގައުމުތައް އެކި ރީޖަނަށް ބަހާލާފައިވާއިރު، ކޮންމެ ރީޖަނެއްގެ އެއްވަނަ ގްރޫޕަކީ އެންމެ މަތީ ޑިވިޝަނެވެ. ހަތަރުވަނަ ގްރޫޕަކީ އެންމެ ދަށް ޑިވިޝަނެވެ.