ENGLISH

12 ނޮވެމްބަރު 2025

Advertisement

މިދިޔަ މަހު ގެއްލިގެން ހޯދި ސައިކަލުތަކުގެ އަގު 4 މިލިއަނަށްވުރެ މަތީގައި

12 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

ޓްރެފިކް ޕޮލިސް މަގުމަތީގައި އިރުޝާދުދެނީ--ފޮޓޯ:ޕޮލިސް

މިދިޔަ އޮކްޓޫބަރ މަހު، ދިވެހި ފުލުހުންގެ ޚިދުމަތުން ހަތަރު މިލިއަން ރުފިޔާގެ އަގުހުރި ސައިކަލު އަނބުރާ ހޯދައިދީފައިވާކަން އެ އިދާރާގެ ތަފާސްހިސާބުން ދައްކައިފިއެވެ. 

ފުލުހުން އާންމުކުރި ތަފާތު ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އެކަނި މާލެ ސަރަޙައްދުން 119 ސައިކަލް ގެއްލިގެން އެ ޚިދުމަތަށް ރިޕޯޓްކޮށްފައިވެއެވެ. އޭގެތެރެއިން 110 ސައިކަލް ވަނީ އަނބުރާ ހޯދައިދީފައިވެއެވެ. އެހެންކަމުން ވަގަށް ނެގި ސައިކަލްގެ 92.4 އިންސައްތަ ސައިކަލްވަނީ ހޯދިފައެވެ.

ފުލުހުން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު 110 ސައިކަލްގެ އަގު 4 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެކަމަށް ލަފާކުރެއެވެ. ފުލުހުން ވިދާޅުވީ މިސައިކަލްތަކުގެ ވެރިފަރާތްތަކާ ސައިކަލް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނުވަ ސައިކަލެއް އަދިވެސް ފެނިފައި ނުވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެެވެ. 

ގެއްލިގެން ރިޕޯޓްކުރި ސައިކަލްގެ މޮޑެލްތަކަށް ބަލާއިރު، ހޮންޑާ ވޭވް ސްކޫޓާސް، ހޮންޑާ ޕީސީއެކްސް، ހޮންޑާ އެއަރ ބްލޭޑް އަދި ޔަމަހާ އެންމެކްސް ހިމެނެއެވެ.

ސައިކަލްތައް ވަގަށް ނެގުމަކީ މިހާރު މާލެ ސަރަޙައްދުގައި އާއްމުވެފައިވާ ކަމަށް ވާއިރު، މިކަމުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުންގެ އިދާރާއިން ތަކުރާރުކޮށް އިލްތިމާސް ކުރެއެވެ. އެގޮތުން ސައިކަލް ޕާކު ކުރުމަށްފަހު ރަނގަޅަށް ތަޅުލެވުނުތޯ ޗެކްކުރުމާއި، ތަޅުދަނޑި ނެގުމަށް ހަދާންކުރުމުގެ އިތުރުން، ޑިސްކް ލޮކް ފަދަ އިތުރު ރައްކާތެރިކަމުގެ ވަޞީލަތްތައްވެސް ބޭނުންކުރުމަށާއި ، ސައިކަލު ޕާކު ކުރާއިރު އަލިކަން ލިބޭ ސަރަޙައްދުތަކުގައި ޕާކު ކުރުމަށްވެސް އެ ހިދުމަތުން ވަނީ އެދިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު