ENGLISH

12 ނޮވެމްބަރު 2025

Advertisement

ފަނޑިޔާރުންގެ ގާނޫނަށް ގެނެވުނު އިސްލާހު؛ އިސްތިގުލާލާއި މިނިވަންކަން ކަށަވަރުކުރުމަށް އެޅުނު ފިޔަވަޅެއް

12 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު، ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރޭ ތަސްދީގުކުރައްވާފައިވާއިރު، މި ގާނޫނަކީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމާއި ފަނޑިޔާރުންގެ އިސްތިގުލާލާއި މިނިވަންކަން ކަށަވަރުކުރުމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ޖުޑީޝަރީއަށް ގެނެސްް، ފަނޑިޔާރުގެއާމެދު ރައްޔިތުންނާއި އިންވެސްޓަރުންގެ އިތުބާރު ގާއިމުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. 

ފަނޑިޔާރުންގެ އިސްތިގުލާލާއި މިނިވަންކަން ކަށަވަރުކުރުމުގައި ފަނޑިޔާރުން ނިންމާ ނިންމުމެއްގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން އެ ފަނޑިޔާރަށް ހިމާޔަތާއި ރައްކާތެރިކަން ލިބެންޖެހޭނެކަން ގަބޫލުކޮށް، ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުގެ ޒިންމާއެއް ކަމުގައި ބިލުގައި ކަނޑައަޅާފައިވެއެވެ. 

އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ގައުމީ ދިފާއީ ބާރާ މަތިކުރުމާއެކު، ސުޕްރީމް ކޯޓަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ، އެ ފަނޑިޔާރަކަށް ސަލާމަތާއި ރައްކާތެރިކަން އެވަގުތެއްގައި ބޭނުންވާ މިންވަރަށް ރިއާޔަތްކޮށްގެން ފޯރުކޮށްދޭންޖެހޭ ކަމެއް ކަމުގައި ގާނޫނަށް ގެނެވުނު އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. 

އޭގެ އިތުރަށް އެ ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާނޫނީ އިހުތިޔާރާއި ބާރު ފަނޑިޔާރުންނަށް ލިބިގެންވާކަން ބަޔާންކުރުމާއެކު، އެ އިހުތިޔާރާއި މިނިވަންކަން ފަނޑިޔާރުންނަށް ލިބިފައި އޮތްކަން ކަށަވަރުކުރުމަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި އެހެން ހުރިހާ ފަރާތެއްގެ ޒިންމާއެއް ކަމުގައި އެ އިސްލާހުގައި ބުނެފައިވެއެވެ. 

ފަނޑިޔާރުންގެ އިސްތިގުލާލު ކަށަވަރުކުރުމުގެ ގޮތުން ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ގާނޫނުގައި ހިމަނައި އިތުރު ބާބެއް މި އިސްލާހުގެ ތެރެއިން ގާނޫނަށް އިތުރުކޮށްފައިވެއެވެ. އެ އިސްލާހުގެ ދަށުން ފަނޑިޔާރުންގެ މިނިވަންކަން ދެމެހެއްޓުމުގެ ގޮތުން ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒުން އެއްކިބާވުމާއި، އެ ދެ ބާރުގެ ތެރޭގައި މަސައްކަތްކުރާ އެއްވެސް ފަރާތަކާމެދު ގާނޫނުގއި ހުއްދަނުކުރާ ނުވަތަ ފަނޑިޔާރުންގެ މިނިވަންކަމާ އެކަށީގެންނުވާ ގުޅުމެއް އެއްވެސް މިންވަރަަކަށް ބާއްވައިގެން ނުވާނެއެވެ. އަދި އެފަދަ ގުޅުމެއް ފަނޑިޔާރަކާއި މިއިން ބާރެއްގެ މެދުގައި އޮތްކަމަށް ސަބަބުވެރި އިންސާނަކަށް ގަބޫލުކުރެވިދާނެ ކަމެއް ކުރުންވެސް ގާނޫނުން ފަނޑިޔާރުންނަށް މަނާކުރެއެވެ. 

އޭގެ އިތުރަށް ފަނޑިޔާރުންގެ މިނިވަންކަން ކަށަވަަރުކުރުމުގެ ގޮތުން އަހަރަކު އެއްފަހަރު މާލީ ބަޔާން ހުށަހަޅަންޖެހުމުގެ އިތުރަށް ފަނޑިޔާރުކަމާ ހަވާލުކުރުމުގެ ކުރިންނާއި ފަނޑިޔާރުކަމުން ވަކިވުމުގެ ކުރިންވެސް އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފޯމެޓަކަށް މާލީ ބަޔާން ތައްޔާރުކޮށް ހުށަހަޅަންޖެހޭ ގޮތަށް ގާނޫނު ބަދަލުކޮށްފައިވެއެވެ. 

އޭގެ އިތުރަށް ފަނޑިޔާރުންގެ ފެންވަރު ކަށަވަރުކުރުމުގެ ގޮތުން ފަނޑިޔާރުކަމުގެ އަސާސީ ޝަރުތުވެސް މި ގާނޫނުގައި ބަދަލުކޮށްފައިވެއެވެ. އެގޮތުން ޑިގުރީއެއް ހާސިލުކުރުން ލާޒިމުކޮށް، މިހާރު ފަނޑިޔާރުކަމުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޑިގުރީ ހާސިލުނުކުރައްވާ ބޭފުޅުން ފަސް އަހަރުގެ ތެރޭގައި ޑިގުރީ ހާސިލުކުރެއްވުން ގާނޫނުން ލާޒިމުކުރެއެވެ. އެ ޝަރުތު ފުރިހަމަނުކުރައްވާ ބޭފުޅުން އެ މަގާމުން ވަކިކުރެވިގެންދާނެއެވެ. 

މި ބަދަލުތަކާއެކު ކުރިއަށްވުރެ ފަނޑިޔާރުގެ މިނިވަންވެ، ދައުލަތުގެ އެހެނިހެން ބާރުތަކާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ވަކިކުރެވިގެންދާނެއެވެ. އެއާއެކު ސަރުކާރުން ޖުޑީޝަރީއަށް ދީފައިވާ މާލީ މިނިވަންކަމުގެ ސަބަބުން އިހުނަށްވުރެ ޖުޑީޝަރީގެ ހިންގުމާއި އިދާރީ ކަންކަން މިނިވަންވެ، ސަރުކާރަށް އެކި ކަންކަމުގައި ބަރޯސާވާ މިންވަރު ކުޑަވެގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު