ENGLISH
12 ނޮވެމްބަރު 2025
މި ސަރުކާރުން ގެދޮރު އަޅަން ހަވާލުކުރީ ކުރިއަށްވުރެ ޔުނިޓެއްގެ އަގު 277،000 ރުފިޔާ އަގުހެޔޮކޮށް: މަމްދޫހު
12 ނޮވެމްބަރު 2025
|
މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މަމްދޫހު (މަންޑޭ)، ފޮޓޯ: މަޖިލިސް
މި ސަރުކާރުން އެކި ކުންފުނިތަކާ ހައުސިން މަޝްރޫއުތައް ހަަވާލުކޮށްފައިވަނީ އެމްޑީޕީގެ ވެރިކަމުގައި ކުންފުނިތަކާ ހަވާލުކުރިބ ހައުސިން މަޝްރޫއުތަކާ އަޅާބަލާއިރު ޔުނިޓެއްގެ އަގު 227،000 ރުފިޔާ އަގުހެޔޮވާނެ ގޮތަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދައިރާގެ މެންބަރު މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެއެވެ.
މިފަދައިން އޭނާ ވިދާޅުވީ 2026 ވަނަ އަހަރަަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަމުން، މި ސަރުކާރުން ހިންގާ މަޝްރޫއުތައް ހިންގަނީ ބޮޑު އަގުގައިކަމަށް ވިދާޅުވެ އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން ދެއްކެވި ވާހަކަަފުޅުތަކަށް ރައްދުދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މަމްދޫހު ފާހަގަކުރެއްވި ގޮތުގައި 2025 ވަނަ އަހަރަކީ ރާއްޖޭގެ ޑިމޮކްރެޓިކް ތާރީހުގައި އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މަޝްރޫއުތައް ހިންގުމަށް ހަވާލުކުރެވި އަމަލީ މަސައްކަތްތައް ފެށުނު އަހަރު ކަމަށެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ގިނަ ޕާޓީ އެކުލެވޭ ނިޒާމަށް ބަދަލުވި ފަހުން ސަރުކާރަކަށް ދެ އަހަރު ނުވަނީސް ރަށްރަށުގައި ތަރައްގީގެ މަސައްކަތްތައް ފެށުނު މަންޒަރު މީގެ ކުރިން ފެންނަން ނެތް ކަމަށްވެސް މަމްދޫހު ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވި ފަދައިން މި އަހަރު ވެފައިވަނީ ރާއްޖޭގެ އެކި ކަންްކޮޅުތަކުގައި އެންމެ ގިނަ އަދަދެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާ އަހަރަށް ކަމަށެވެ.
ދާދިފަހުން ސަރުކާރުން ހަވާލުކުރި މަޝްރޫއުތައް ހަވާލުކުރީ ނުއަގުގައިކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ދިއުމަށް ރައްދުދެއްވައި މަމްދޫހު ވިދާޅުވީ 2018 ވަނަ އަހަަރު އެމްޑީޕީ ވެރިކަމަށް އައިއިރު ދުނިޔޭގެ އިންފްލޭޝަން ރޭޓު ހުރީ 3.6 އިންސައްތައިގަ ކަމަށާއި، 2023 ވަނަ އަހަރު އެ ނިސްބަތް ހުރީ 6.9 އިންސަައްތައިގަ ކަމަަށެވެ.
އެމްޑީޕީގެ ފާއިތުވި ސަރުކާރުގައި ބޯހިޔާވަަހިކަމުގެ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުނީ ވެރިކަމަށް ހަތަރު އަހަރުވާން ކައިރިވެފައިވަނިކޮށްކަން ފާހަގަކުރައްވަމުން މަމްދޫހު ވިދާޅުވީ މި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ސަރުކާރަށް ދެ އަހަރު ފުރެން ކައިރިވެފައިވަނިކޮށް ފަށާފައިވާ ކަމަށެވެ.
އަގަށް އިތުރަށް އަލިއަޅުވައިލައްވަމުން މަމްދޫހު ވިދާޅުވީ އެންމެ ފަހުން ސަރުކާރުން ހަވާލުކުރި މަޝްރޫއުތަކުގައި އެއް ޔުނިޓުގެ އަގު ހުރީ އެމްޑީޕީގެ ވެރިކަމުގައި ހަވާލުކުރި މަޝްރޫއުތަކުގައި ޔުނިޓެއްގެ އަގު ހުރި މިންވަރަށްވުރެ 277،000 ރުފިޔާ އަގުހެޔޮކޮށް ކަމަށެވެ.
"މިހާރު ހަވާލުކުރެވުނު މަޝްރޫއުތަކާއި އެމްޑީޕީގެ ވެރިކަމުގައި ހަވާލުކުރި މަޝްރޫއުތަކުގައި ޔުނިޓެއްގެ އަގުގައި 277،000 ރުފިޔާގެ ތަފާތު އެބަހުރި. މާނައީ ކޮންމެ ސަތޭކަ ޔުނިޓަކަކުން 27 މިލިއަން ހަތް ލައްކަ ރުފިޔާގެ އަގުގެ ފަރަގެއް އާދޭ. އެއްހާސް ޔުނިޓުން ގާތްގަނޑަކަށް 227 މިލިއަން ރުފިޔާ، 2000 ޔުނިޓަށް ބަލާއިރު ބައި ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް. އެއިރު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މިހާރަށްވުރެ ކުޑަ،" މަމްދޫހު ވިދާޅުވިއެވެ.
މަމްދޫހު އިތުރަށް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުހެޔޮކޮށް ހުއްޓައި ވެރިކަމާ ހަވާލުވެ، މަޝްރޫއުތައް ހިންގަން ފުރުސަތު ލިބުމުންވެސް އެ ޕާޓީން މަޝްރޫއުތައް ހަވާލުކުރި އަގުތަކަށްވުރެ މިހާރު ހަވާލުކުރާ އަގުތައް ކުޑަކަމަށާއި، އެހެންކަމުން އެމްޑީޕީއަށް ނުއަގުގައި މަސައްކަތް ހަވާލުކުރާ ވާހަކަ ނުދެއްކޭނެ ކަމަށެވެ.
ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަަށް ބަލާއިރު، ވެރިކަމާ ރައީސް ޑރ.މުޢިއްޒު ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ހާލަތު އޮތް ގޮތާއެކުވެސް ކުރީގެ އެއްވެސް ސަރުކާރަކަށް ގެނެސްނުދެވޭ ތަރައްގީ މި ސަރުކާރުން ގެންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް މަމްދޫހު ވިދާޅުވިއެވެ.