ENGLISH

12 ނޮވެމްބަރު 2025

Advertisement

ދައުލަތުގެ ހާލަތު ދަނީ ރަނގަޅުވަމުން: އިބްރާހީމް ދީދީ

12 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ)، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ދައުލަތުގެ ހާލަތު އަންނަނީ ރަނގަޅުވަމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ. 

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓޭމެދު ބަހުސްކުރައްވަމުން ދީދީ ވިދާޅުވީ އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުން ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ޝަރުޢީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމާއި، ރަށްރަށުގައި ހިއްކާފައި ހުރި ބިންތަކުގައި ވަސީލަތްތައް ގާއިމުކުރުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމާއި، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް އަންނަ ކުރިއެރުން ފަދަ ކަންކަން ބަޖެޓުގައި ހިމެނިފައިވާ ކަމަށެވެ. 

އިބްރާހީމް ދީދީ ފާހަގަކުރެއްވި ގޮތުގައި 2025 ވަނަ އަހަރު ރާއްޖޭގެ ބަޖެޓުގެ ޑެފިސިޓު ހުންނާނީ ހަ ބިލިއަން ރުިފޔާއަށްވުރެ ދަށްވާނެ ކަމަށް ބަޖެޓުގައި ބުނެފައިވާ ކަމަށާއި، މިއީ ކޮވިޑް-19ގެ އާލަމީ ވަބާއަށްފަހު ބަޖެޓުގެ ޑެފިސިޓޫ އެންމެ ކުޑަ އަހަރު ކަމަށާއި، އަންނަ އަހަރު އެއަށްވުރެ ބަޖެޓު ޑެފިސިޓު ކުޑަވެގެންދާނެއެވެ. 

ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަން ކަމުގައި ފާހަގަކުރައްވަމުން ދީދީ ވިދާޅުވީ މިދިޔަ ސަރުކާރުން ބޯހިޔާވަހިކަމަށް ކަނޑައެޅި ބިންތަކަކީ އަދި ނުހިއްކައި ހުރި ތަންތަން ކަމަށެވެ. މި އަހަރުގެ ބަޖެޓުގައި ހިމަނަައިގެން ބިން ހިއްކުމުގެ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، އަންނަ އަހަރު އެ މަސައްކަތްތައް ނިންމައި ފުލެޓާއި ގޯތި ދޫކުރެވިގެންދާނެ ކަމަށް އައިބީ ވިދާޅުވިއެވެ. 

އެގޮތުން 7،000 ފުލެޓު އަޅައި، ހިއްކާ ބިންތަކުން 15،000 ގޯތި މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަަށް ދޫކުރެވިގެންދާނެކަން ރައީސް އިއުލާނުކުރެއްވިކަން ފާހަގަކުރައްވަމުން ދީދީ ވިދާޅުވީ މި އަހަރުގެ ބަޖެޓަކީ އެވެރެޖުކޮށް ކުރީގެ ބަޖެޓަށްވުރެ ރަނގަޅު ބަޖެޓެއް ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ދަރަނި 100 ބިލިއަން ރުފިޔާއަށްވުރެ މަތިވެފައިވާ ކަމަށާއި، އެ ދަރަނި އަދާކުރެވޭނެ މަގުތައް ރައީސް ހޯއްދަވާފައިވާ ކަމަށް ދީދީ ވިދާޅުވިއެވެ. ފުރަތަމަ އަހަރު ރާއްޖެ ބަނގުރޫޓުވެ ބަނޑަށް ޖެހޭނެ ކަމުގައި ސިޔާސީ ބޭފުޅުން ވާހަކަަދެއްކެވިކަން ފާހަގަކުރައްވަމުން ދީދީ ވިދާޅުވީ ގައުމުގެ ހާލަތު ދަނީ ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުވަމުން ކަމަށެވެ. 

އެގޮތުން ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރިޒާވްގައި ފައިސާއެއް ނެތްކަމުގައި ބުނެވިދާނެ ކަމަށާއި ނަމަވެސް 2025 ވަނަ އަހަރު ނިމޭއިރު ރިޒާވްގައި 800 މިލިއަން ޑޮލަރު ހުންނާނެ ކަމަށާއި، ކުރިއަށް އޮތް އަހަރު ނިމޭއިރު އެ އަދަދު 900 މިލިއަން ޑޮލަރަށް އަރާނެ ކަމުގައި ބެލެވޭ ކަމަށްވެސް ދީދީ ވިދާޅުވިއެވެ. 

ހާރިޖީ ސިޔާސަތު ކުރިއަށްގެންދަވާ ގޮތް ފާހަގަކުރައްވަމުން އިބްރާހީމް ދީދީ ވިދާޅުވީ ބައިނަލްއަގުވާމީ މަސްރަހުގައި ބުނަންޖެހޭ ކޮންމެ ބަހެއް ބުނުމާއެކު، އެކުވެރި ދައުލަތްތަކާއެކު ބާއްވަންޖެހޭ ގުޅުން ހަރުދަނާކޮށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ ދައުރު ރައީސް ޑރ.މުއިއްޒުގެ ޒައާމަތުގައި ފުޅާކުރައްވާފައިވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު