ENGLISH

12 ނޮވެމްބަރު 2025

Advertisement

ޑިމޮކްރަސީއަށް ބަދަލުވި ފަހުން ކޮރަޕްޝަން ހުއްޓުވަން ސަރުކާރަކުން ނުކުރާ މަސައްކަތް މި ސަރުކާރުން އެބަކުރޭ: ސަލީމް

12 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ޑިމޮކްރަސީއަކަށް ބަދަލުވިފަހުން ކޮރަޕްޝަން ނައްތައިލުމަށް އެއްވެސް ސަރުކާރަކުން މަސައްކަތްކޮށްފައިނުވާ މިންވަރަށް މި ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމު ވިދާޅުވެއްޖެއެވެ. 

އަަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަމުން ސަލީމު ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހަނިކުރުމަކީ، އަދި ހިލޭ ރައްޔިތުންނަށް ފޯރުކޮށްދޭ އެއްވެސް ކަމެއް ފޯރުކޮށްދިނުން ހުއްޓައިލުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. 

އެހެންކަމުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރަށް މިވަގުތު އެޅެން އޮތް އެންމެ ހަރުދަނާ ފިޔަވަޅަކީ ބައިތުލް މާލުން އިސްރާފުވުން ކުޑަކޮށް ދައުލަތުގެ ތެރޭގައި ހިނގާ ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމަށް މަސައްކަތްކުރުންކަން ފާހަގަކުރައްވައި ސަލީމު ވިދާޅުވީ މި ސަރުކާރުން އެ މަސައްކަތްކުރަމުންދާ މަންޒަރު ފެންނަ ކަމަށެވެ. 

"އަޅުގަނޑުވެސް މިއީ މިދިޔަ ފަނަރަ އަހަރު މި މަޖިލީހުގައި އިން މީހެއް. މިބުނާ ޑިމޮކްރަސީއެއް އައި ފަހުން އަޅުގަނޑު އިނީ މި މަޖިލީހުގައި. މި ޑިމޮކްރަސީ ތެރޭގައި ކޮރަޕްޝަން ނައްތައިލަން މަސައްކަތްކުރީ ކިހާވަރަކަށްކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ. އެއްވެސް މަސައްކަތެއް ނުކުރޭ. މި ސަރުކާރުން އެބަ މަސައްކަތް ކުރޭ. އިއްޔެ ރައީސުލްޖުމްހޫރިއްޔާ ތަގުރީރުގައި ވިދާޅުވީ ކޮރަޕްޝަން ހުއްޓުވަން ކުރަންޖެހޭ ހުރިހާ މަސައްކަތް ކުރައްވާނަމޭ، އަނެއްކާ އަމަލުންވެސް އެކަން އެބަކުރެވޭ،" ސަލީމު ވިދާޅުވިއެވެ. 

ސަލީމު އިތުރަށް ވިދާޅުވީ ކަންކަން ހިންގަންޖެހޭ ގޮތަށް ކަންކަން ކުރާނަމަ ރާއްޖެ އޮންނާނީ ވަރަށް ތަނަވަސްކޮށް ކަމަށެވެ. އޭނާ ފާހަގަކުރެއްވީ ކުރީ ސަރުކާރުތަކުން އަމަލުކޮށްފަައިވާ ގޮތުގެ ސަބަބުން އަންނަ އަހަރުވެސް ދަރަނި އަދާކުރުމަށްް 10 ބިލިއަނެއްހައި ރުފިޔާ ހޭދަކުރަންޖެހޭ ކަމެވެ. އެއާއެކު ސަލީމު ވިދާޅުވީ ކުރިއަަށް އޮތް ތަނުގައި ދައުލަތަށް އަހަރެއްގެ ތެރޭގައި ދަރަނި ނެގޭނެ ވަކި މިންވަރެއް ކަނޑައަޅަންޖެހޭ ކަމަށެވެ. 

އިތުރަށް ސަލީމު ވިދާޅުވީ އާސަންދަ ފަދަ ހިދުމަތްތަކަކީ ތަނަވަސްމީހުންނަށް ދޭންޖެހޭ އެއްޗެއް ނޫން ކަމަށެވެ. ރާއްޖޭގައި އާސަންދައާއި އެންސްޕާއިން ދޭ އެހީއާއި، މުސްކުޅިންނަށް ދޭ އިނާޔަތްތައްވެސް ކިތަންމެ ތަނަވަސް ބަޔަކަށްވެސް ދެމުންދާ ކަމަށެވެ. އެފަދަ އެހީއަކީ ތަނަވަސް މީހުންނަށް ދޭންޖެހޭ އެއްޗެއް ނޫންކަމަށާއި، އެ ފައިސާ ދޭންވީ ނިކަމެތިންނަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

"އަަޅުގަނޑުމެން ވިސްނައިލަންޖެހޭ މުއްސަނދިން އަތުން ނަގާ ޒަކާތް ވީހާވެސް ބޮޑަށް ނެގޭތޯ މަސައްކަތްކުރަން،" ޒަކާތުގެ މުހިއްމުކަން ފާހަގަކުރައްވަމުން ސަލީމު ވިދާޅުވިއެވެ. 

ސަލީމުވަނީ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް އެ ލިބޭ އާމްދަނީގެ ތެރެއިން ފަގީރުންނަށް އެހީތެރިކަންދީ އެ މީހުންގެ ހުރިހާ މުހުތާދުތަކެއް ފުއްދައިދެވޭނެ ކަމުގައި ފާހަަގަކުރައްވައި، ޚަލީފާ އުމަރު ބިން ޢަބްދުލް އަޒީޒުގެ ޒަމާނުގައި އިސްލާމީ ދައުލަތުން ޒަކާތުގެ ތެރެއިން ކަންކަން ކުރެވިގެންދިޔަ ގޮތް ވިދާޅުވެދެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު