ENGLISH

12 ނޮވެމްބަރު 2025

Advertisement

"ޓްރޭޑްމާކު ގާނޫނަކީ ގައުމީ ޖީޑީޕީގައި ކްރިއޭޓިވް އިކޮނޮމީގެ ހިއްސާ އިތުރުކުރުމުުގެ މިސްރާބަށް އެޅޭ ފިޔަވަޅެއް"

12 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް

ރޭ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވި ޓްރޭޑްމާކުގެ ގާނޫނަކީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގައި ކްރިއޭޓިވް އިކޮނޮމީގެ ހިއްސާ އިތުރުކުރުމުގެ މަަގުގައި އެޅުނު ރަނގަޅު ފިޔަވަަޅެއް ކަމުގައި އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

މި ބިލުން ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާޙައުލެއް ޤާއިމުކުރުމަށްޓަކައި ޓްރޭޑްމާރކް ރަޖިސްޓްރީކޮށްދިނުމާއި ގުޅޭ ނިޒާމެއް ޤާއިމްކޮށް، ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅި، ރަޖިސްޓްރީކުރެވޭ ޓްރޭޑްމާރކާ ގުޅިގެން ޓްރޭޑްމާރކްގެ ވެރިފަރާތްތަކަށް ލިބިދޭ ޙައްޤުތަކުގެ ދާއިރާ ބަޔާންކުރެވި، ޓްރޭޑްމާރކްގެ ޙައްޤަކަށް އަރައިގަންނަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް ބަޔާންކުރުމާއި އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކޮށްދީފައިވެއެވެ.

ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާރކެއްގެ ޙައްޤަކަށް އަރައިގަންނަ ޙާލަތެއްގައި އެޅޭނެ ޤާނޫނީ ފިޔަވަޅުތައްވެސް މި ބިލުގައި ހިމަނާފައިވެއެވެ. އެގޮތުން، ޓްރޭޑްމާރކްގެ ޙައްޤަކަށް އަރައިގަންނަ ޙާލަތެއްގައި އެޅޭ މަދަނީ ފިޔަވަޅުތަކާއި، ޓްރޭޑްމާރކްގެ ޙައްޤަކަށް އަރައިގަންނަ ކަމަށް ޝައްކުކުރެވޭ މުދަލެއް އިމްޕޯޓްކުރެވޭ ޙާލަތުގައި އެޅޭނެ ފިޔަވަޅުތަކާއި، މާރކް ކައުންޓަރފީޓްކުރުމުގެ ކުށާއި އަދަބުތައް މި ބިލުގައި ބަޔާންކޮށް، ކޯޓުތަކާއި ތަންފީޒީ އިދާރާތަކުގެ ދައުރު ބަޔާންކޮށްފައިވެއެވެ.

މި ބިލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާރކްތައް، މި ބިލަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި މި ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓްރީކުރުމަށް ހުށަހެޅުމަށް ލާޒިމްކޮށްފައިވެއެވެ. އަދި، ބިލުގެ ދަށުން ހަދަންޖެހޭ އެންމެހާ ގަވާއިދުތައް މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ހަދާ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ.

އެ ބިލު ރޭ ރައީސް ތަސްދީގުކުރެއްވުމާއެކު، އެ ބިލު ގާނޫނަކަށްވުމާއެކު ދިވެހި ސަރުކާރުގެ ގެޒެޓުގައި ރޭ ޝާއިއުކޮށްފައިވެއެވެ. 

ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން ރައީސަށް މަރުހަބާ ވިދާޅުވެ އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ މިއީ ރާއްޖޭގެ ފިކުރީ މުދަލާ ގުޅުންހުރި އޮނިގަނޑު ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން ހާސިލުކުރެވުނު މުހިއްމު ކާމިޔާބެއް ކަމަށެވެ. 

އަދި އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހު އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފެދުމާއެކު އެޅިގެންދަނީ އީޖާދުކުރުމާއި އުފެއްދުންތެރިކަމަށާއި އިގުތިސާދު ސިންދަފާތުކުރުމުގެ މިސްރާބަށް އެޅިގެންދާ ވަރުގަދަ ބިންގަލެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. 

އޭނާ އިތުރަށް ވިދާޅުވީ މި ފެށެނީ ދިވެހިރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގައި ކްރިއޭޓިވް އިކޮނޮމީގެ ހިއްސާ 15 އިންސައްތައަށް އިތުރުކުރުމަށް ސަރުކާރުން ގެންގުޅޭ ވަރުގަދަ އަމާޒު ހާސިލުކުރުމުގެ ރާސްތާގައި އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަަށެވެ. 

އަދި މި ގާނޫނާއެކު ދިވެހި އުފެއްދުންތެރިކަމާއި ހުނަރުވެރިކަމާއި ބްރޭންޑުތައް ހިމާޔަތްކުރެވިފައިވާ މުސްތަގުބަލު އޮތީ އަތުޖެހޭ ހިސާބުގައިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު