ENGLISH

12 ނޮވެމްބަރު 2025

Advertisement

އުންމީދަކީ 2026 ވަނަ އަހަރުގެ ބަޖެޓުން ރާއްޖޭގެ ދޮރާށިތަކުގެ ރައްކާތެރިކަން ކަށަވަރުވުން: ޝުޖާ

12 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާ، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އުންމީދުކުރައްވަނީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުން ރާއްޖޭގެ ދޮރާށިތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވި އެ ދޮރާށިތަކުގައި ކޮރަޕްޝަނަށް ހުޅުވިފައި ހުރި ހުރިހާ މަގެއް ބަންދުކުރެވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާމެދު ބަހުސްކުރައްވަމުން މިއަދު ޝުޖާ ވިދާޅުވީ މި ބަޖެޓުގައި އެންމެ ބޮޑު ހޭދައެއް ކުރުމަށް ކަނޑައަޅާފައިވަނީ ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމުކުރުމަށް ކަމުގައެވެ. 

"އެގޮތުން އިންސާނުން ބޭނުންނުކޮށް ޑިޖިޓަލީ ހުރިހާ ހިދުމަތްތައް ދެވޭ ގޮތަށް ހުރިހާ މުއައްސަސާތަކެއް ބަދަލުވެގެންދިޔައީމާ އަަޅުގަނޑުމެންނަަށް ވައްކަމާއި ކޮރަޕްޝަނުން މިރާއްޖެ ސަލާމަތްކުރެވޭނެ.،" ޑިޖިޓަލައިޒްކުރުމުން ސަރުކާރުގެ ހިންގުމަށް އަންނާނެ ރަނގަޅު ބަދަލުތައް ފާހަގަކުރައްވަމުން ޝުޖާ ވިދާޅުވިއެވެ. 

މިސާލެއްގެ ގޮތުން ޝުޖާ ފާހަގަކުރެއްވީ ބިދޭސީ މަސައްކަަތްތެރިން ރާއްޖެއަށް ގެނައުމާއި، އެމީހުންނަށް ދޫކުރާ ވޯކް ވިސާތައް ދޫކުރުން ފަދަ ކަންކަމުގައި ހިނގަމުން އައި ކޮރަޕްޝަނުގެ ޝަކުވާއަކީ ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރިތަކުން އަބަދުވެސް ކުރަމުން އައި ޝަކުވާއެއް ކަމަށެވެ. ފާއިތުވި ހަފުތާގައި ބިދޭސީ މަސައްކަތްތެރިންގެ ވިސާއާ ގުޅުންހުރި ހިދުމަތްތަައް ޑިޖިޓަލައިޒްކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. 

ޝުޖާ ވިދާޅުވީ ބޭނުންފުޅުވަނީ ރާއްޖޭގެ މައި ހުރިހާ ދޮރާއްޓެއް "ސެކުއާ" ކުރައްވަން ކަމަށެވެ. އެމްޕީއެލްގެ ގޭޓުގައި ސްކޭނަރެއް އަދި މިހާތަނަށް ބެހެއްޓިފައިނުވާކަން ފާހަގަކުރައްވަމުން ޝުޖާ ވިދާޅުވީ އުންމީދަކީ 2026 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން މިފަދަ ދޮރާށިތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވިގެންދިއުން ކަމަށެވެ. 

"(އުންމީދުކުރަނީ) ދިވެހިރާއްޖޭގެ އާމްދަނީ ވަންނަ ދޮރާށިތަކުން ވައްކަންކުރުމަށް (ހުޅުވިފައި) ހުރި ދޮރުތައް ބަންދުކުރެވި، ދިވެހިރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް ފަހި ފުރުސަތުތަކެއް މި ބަޖެޓުން ހުޅުވިގެންދާނެ ކަމަށް،" ޝުޖާ ވިދާޅުވިއެވެ. 

ޝުޖާ އިތުރަށް ވިދާޅުވީ މި ބަޖެޓުގެ ތެރެއިން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް 2026 ވަނަ އަހަރުގެ ބަޖެޓުން ހާސިލުވާނެ ކަމަށާއި، ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ގާއިމުކުރުމަށް ބަޖެޓުން ޖާގަ ލިބޭ ކަމަށެވެ. 

2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ލިބޭ އުންމީދަކީ އަމަލީ ގޮތުން ކަންކަން ރަނގަޅު ކުރެވިގެންދާނެ ކަމުގެ އުންމީދުކަމަށް ވިދާޅުވެ ޝުޖާ ފާހަގަކުރެއްވީ އޭނާގެ ދާއިރާގައި ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. އެގޮތުން ޝުޖާ ވިދާޅުވީ ތަކަންދޫގެ ކަރަންޓުގެ މައްސަލައަކީ ކުރިންވެސް އެގޮތަށް އޮތް މައްސަލައެއް ކަމަށާއި، އެ މައްސަލައަށް ފާއިތުވި ފަސް އަހަރު އޮތީ އަޅައިނުލެވި ކަމަށެވެ. އުންމީދުކުރައްވަނީ ސަރުކާރު ކުންފުނިތަކަށް ދައުލަތުން މާލީ އެހީ ދީގެން ނަމަވެސް މިފަދަަ މައްސަލަތައް ހައްލުކުރެވިގެންދިއުން ކަމަށް ޝުޖާ ވިދާޅުވިއެވެ. 

އޭނާގެ ދާއިރާގެ އެކި ރަށްރަށުގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކަށް އަލިއަޅުވައިލެއްވުމަށްފަހު ޝުޖާ ވިދާޅުވީ ބަޖެޓު ފޮތް ބުނަނީ ބާރަށު ދާއިރާގައި ފެށިފައި ހުރި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް އޮތް އަހަރުގެ ތެރޭގައި ހަލުއި ދުވެލީގައި ކުރިއަށްގެންދެވި ނިމިގެންދާނެ ކަމަށް ކަމުގައެވެ. 

ކިޔުންތެރިންގެ ހިޔާލު