ENGLISH
12 ނޮވެމްބަރު 2025
އަަށް މަސް ކުރިން ފެށުނު މޫދު ވިނަ އާލާކުރުމުގެ މަޝްރޫއު ކާމިޔާބު؛ ދެން އޮތީ އެކްސްޕޯޓުކުރުން
12 ނޮވެމްބަރު 2025
|
ފްލޯޓިން އޭކާަސްއިން އާލާކުރި މޫދުވިނަ މިނިސްޓަރު ޝިޔާމް ބައްލަވައިލައްވަނީ، ފޮޓޯ: އެކްސް
ދިވެހިރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުގެ މަންފާ ލިބޭ މިންވަރު އިތުރުކުރުމަށްޓަކަައި ކަނޑުފަޅުގެ ވަސީލަތްތައް ބޭނުންކުރެވޭނެ އިތުރު އައު ގޮތްތައް ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ މުހިއްމު އަމާޒެކެވެ. އެ އަމާޒު ހާސިލުކުރުމަށްޓަކައި ކަނޑުގެ ވަސީލަތްތަކުން ފައިދާ ހޯދުމަށް ހިންގޭ ހުރިހާ މަޝްރޫއަކަށް ސަރުކާރުން ދަނީ އެއްބާރުލުން ދެމުންނެވެ.
މިގޮތުން ރާއްޖޭގެ ކަނޑުގައި މޫދު ވިނަ އާލާކޮށް ރާއްޖެއިން ބޭރުކޮށްގެން އެއިން މަންފާ ހޯދުމަކީ ސަރުކާރުން އިސްކަންދޭ ސިޔާސަތެކެވެ. އެކަމަށްޓަކައި، މޫދު ވިނަ އާލާކުރުމުގެ މަސައްކަތްކުރަން ފަށާ ފަރާތްތަކަށް ސަރުކާރުން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ.
އަމިއްލަ ކުންފުންޏެއް ކަމުގައިވާ ފްލޯޓިން އޭކާސް ޕްރައިވެޓް ލިމިޓެޑްއިިން މޫދު ވިނަ އާލާކުރުމުގެ މަސައްކަތް ބ.ފެހެންދޫގައި ފެށީ މީގެ އަށް މަސްދުވަސް ކުރިންނެވެ. އެ މަސައްކަތް ފަށައި އެ ކުންފުނިން މިހާރުވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.
އެގޮތުން ފެހެންދޫގައި އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ އަދާހަމަ މައުލޫމާތު ހާމަކުރައްވަމުން މަސްވެރިކަމާއި ކަނޑގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު އެކްސްގައި ކުރެއްވި ޕޯސްޓެއްގަައި ވިދާޅުވީ އެ މަޝްރޫއު ކާމިޔާބުކަމާއެކު ތަންފީޒުކުރެވިފައިވާތީ އެ ކުންފުންޏާއި، އެ ކުންފުނީގެ ޓީމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
ކާމިޔާބުކަމާއެކު ރާއްޖޭގައި މޫދުވިނަ އާލާކޮށް، އެކްސްޕޯޓުކުރުމަށް މިހާރު ތައްޔާރުވެފައިވާކަަން ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ މިއީ ރާއްޖޭގެ ނޫ އިގުތިސާދު ސިންދަފާތުކުރެއްވުމަށާއި، ދެމެހެއްޓެނެވި ކަނޑުގެ ސިނާއަތްތައް ތައާރަފުކުރެއްވުމަށް ރައީސް ޑރ.މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމުގެ ދަތުރުގައި ގިރާކުރެވުނު މުހިއްމު މަގުފާހަގައެއް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އައު އީޖާދީ ކުރިއެރުންތައް ހޯދުމަށާއި ކަނޑުގެ މައްޗަށް ބަރޯސާވާ ދިރިއުޅުންތައް ތިޔާނގިކުރުމަށް ފްލޯޓިން އޭކާސް ކުންފުނިން ކުރަމުންދާ މަސައްކަތުގައި އިތުރު ކާމިޔާބުތަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ކަނޑުގެ ވަސީލަތްތައް ބޭނުންކުުރެވޭނެ ގޮތްތަައް ފަހިކޮށް، މެރިކަލްޗާ ފަދަ ދާއިރާތައް ތަރައްގީކުރުމަކީ ރައީސް ޑރ.މުޢިއްޒުގެ މުހިއްމު ސިޔާސަތަކެވެ. އެކަމަށްޓަކައި މަސްވެރިކަމުގެ ވުޒާރާގެ މެންޑޭޓުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް މެނޭޖުކުރުން ރައީސް ހިމެނުއްވިއެވެ. އަދި އެ މިނިސްޓްރީން އަންނަނީ ކަނޑުގެ ވަސީލަތްތަކުން އިގުތިސާދީ މަންފާ ހޯދޭނެ ގޮތަށް ސަރުކާރުގެ ސިޔާސަތު ބައްޓަންކޮށް އަމިއްލަ ވިޔަފާރިތަކަށް ކަނޑުގެ ވަސީލަތްތަކާ ގުޅުންހުރި އެކި ސިނާއަތްތަކުގައި އިންވެސްޓުކުރުމަށް މަގުފަހިކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ.