ENGLISH
12 ނޮވެމްބަރު 2025
މަޖިލީހުގެ ރައީސް، އިންޓަރޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސްގައި ތަޤްރީރުކުރައްވައިފި
12 ނޮވެމްބަރު 2025
|
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ސްޕީކާރސް ކޮންފަރެންސްގައި ތަޤްރީރުކުރައްވަނީ. ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله، ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސް (އައި.އެސް.ސީ) ގައި ތަޤްރީރުކުރައްވައިފިއެވެ.
މި ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން، މަޖިލީހުގެ ރައީސް ވަނީ ސުލްހަވެރިކަމާއި ސަލާމަތީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީ ދެމެހެއްޓުމަށްޓަކައި މަލްޓިލެޓަރަލް ޕާލިމެންޓަރީ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް ގޮވާލައްވާފައެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހާއި އެ ޤައުމުގެ ރައްޔިތުން ދެއްވި މެހެމާންދާރީއަށް އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރައްވައި، މި ކޮންފަރެންސް ބޭއްވުމަށް ޕާކިސްތާނުން އިސްނަގައި ކުރި މަސައްކަތަށް ތަޢުރީފުކުރައްވާފައިވެއެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ، ސުލްޙައާއި ސަލާމަތާއި ތަރައްޤީއަކީ ވަކި ލަނޑުދަނޑިތަކެއް ނޫންކަމަށާއި، އެއީ ވަކިނުކުރެވޭ ހަގީގަތްތަކެއްކަމަށެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކާއި، ތެދުނޫން މަޢުލޫމާތު ފެތުރުމާއި، އިޤްތިޞާދީ ނުތަނަވަސްކަމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަކީ ގުޅިފައިވާ މައްސަލަތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، އެއް ސަރަޙައްދެއްގައި ދިމާވާ މުސީބާތެއްގެ އަސަރު އެ ސަރަހައްދުގެ އެހެން ޤައުމުތަކަށް ވަރަށް އަވަހަށް ފޯރާނެކަން ފާހަގަކުރެއްވިއެވެ. އަދި، މަލްޓިލެޓަރަލިޒަމާއި، ހެޔޮވެރިކަމާއި، އަދި އިންސާފުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަޤްވާމީ ނިޒާމަށް ދިވެހިރާއްޖެއިން އަޙައްމިއްޔަތުކަން ދެއްވާނެކަން ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވަމުންދާ ތަކުލީފާއި ގޮންޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ޤާނޫނު ހަދާ މަޖިލިސްތަކުގެ އިސްވެރިންނަށް އޯގާތެރިކަމާއި ޒިންމާދާރުކަމާއެކު އަމަލު ކުރެއްވުމަށް އިލްތިމާސްކުރެއްވިއެވެ.
"ބިރުވެރިކަމާއި އަނިޔާވެރިކަމުގެ މައްޗަށް އަމާން ދުނިޔެއެއް ބިނާ ނުކުރެވޭނެ. އަމާން ދުނިޔެއެއް ބިނާކުރެވޭނީ އުއްމީދާއި އިންސާފާއި އިންސާނީ އެއްބައިވަންތަކަމުގެ މައްޗަށް" - ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله
ޓެރަރިޒަމާއި، ކަނޑުގެ އަމާންކަން ނެތުމާއި، ސައިބަރ ރިސްކުތައް ފަދަ ނުރައްކާތަކާ ދެކޮޅަށް ޤާނޫނު ހަދާ މަޖިލިސްތަކުން ހަރުކަށި ފިޔަވަޅުތަކެއް އަޅަންވެސް މަޖިލީހުގެ ރައީސް ގޮވާލައްވާފައިވެއެވެ. އަދި، ޕާލިމެންޓަރީ ޑިޕްލޮމެސީއާއި ޤާނޫނު ހަދާ މަޖިލިސްތަކުގެ އެއްބާރުލުން އިތުރުކުރުމަށް، ސިއޯލް ޑެކްލެރޭޝަންގެ މައްޗަށް ބިނާކޮށް އިސްލާމްއާބާދު ޑެކްލެރޭޝަން އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުން އެހީތެރިވުން ފޯރުކޮށްދޭނެކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވާފައިވެއެވެ.
ސާރކް އަދި އޯ.އައި.ސީ ފަދަ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޒަމާނުއްސުރެ އޮތް އެކުވެރިކަން އިތުރަށް ބަދަހިވެފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، އެ ގުޅުން ދެމެހެއްޓުމަށާއި، އިންސާފުވެރިކަމާއި، އަދުލުވެރިކަމާއެކު ތަރައްޤީ ގެނައުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުން ވަރަށް މުހިންމު ދައުރެއް އަދާކުރާކަން މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުاللهގެ ތަޤްރީރު ނިންމަވައިލެއްވީ، ޕާކިސްތާނާއި އައި.އެސް.ސީގެ މެންބަރު ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކާ ގުޅިގެން ހުރިހާ ޤައުމުތަކުގެ ރައްޔިތުންނަށް ހަމަޖެހުމާއި އިންސާފާއި ތަނަވަސްކަން، އަދި ކުރިއެރުމަށް ދިވެހިރާއްޖެއިންދޭ އަޙައްމިއްޔަތުކަން ފާހަގަކުރައްވަމުންނެވެ.