ENGLISH

06 ނޮވެމްބަރު 2025

Advertisement

މިނިސްޓަރު ޚަލީލް ޤަޠަރުގެ ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރާއި ބައްދަލުކުރައްވައިފި

06 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

މިނިސްޓަރު ޚަލީލް ޤަޠަރުގެ ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރާއި ބައްދަލުކުރެއްވުން --

ޚާރިޖީ ވަޒީރު ޑރ.ޢަބްދުالله ޚަލީލް ޤަޠަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަދި ކެބިނެޓް ވަޒީރު ސުލްޠާން ބިން ސާދު ބިން ސުލްޠާން އަލް މުރައިކީ އާ ބައްދަލުކުރައްވައިފި އެވެ.

ޚާރިޖީ ވުޒާރާގައި މިއަދު މެންދުރު ބޭއްވުނު މި ބައްދަލުވުމުގައި، ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް، ޤަޠަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒަށް މަރްޙަބާ ދަންނަވައި، ދިވެހިރާއްޖޭއަށް ޤަތަރުގެ ސަރުކާރުން ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، ޝުކުރުއަދާ ކުރެއްވި އެވެ. އަދި އިސްލާމްދީނުގެ މަތިވެރި އަސާސްތަކާއި، އެއްގޮތް ޘަޤާފަތެއްގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ޒަމާންވީ އަޙްވަންތަ ގުޅުމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުވާލައްވައި، ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވި އެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އިޤްތިޞާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، މަތީ ތަޢުލީމް ހާސިލްކުރުމުގެ ފުރުސަތުތަކާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދީ ދެ ޤައުމުގެ މަޞްލަޙަތު ކުރިއެރުވުމަށާއި ދިވެހިރާއްޖެއާއި ޤަޠަރާއި ދެމެދު ފަރުދުންގެ ފެންވަރުގައި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު ވަނީ ބައިނަލްއަޤްވާމީ މަސްރަހުގައި އަދި ވަކީން ހާއްސަކޮށް ޢައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޤަތަރުން އަދާކުރެއްވި އިސް ދައުރު ފާހަގަކުރައްވައި، ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާކަން ހާމަކުރައްވާފަ އެވެ.

މި ބައްދަލުވުން ނިންމަވާލެއްވީ ދިވެހިރާއްޖެއާއި ޤަތަރާއި ދެމެދު އޮތް ޒަމާންވީ ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަކޮށް ދެ ޤައުމުގެ ރައްޔިތުންނަށްވެސް ފައިދާކުރުވަނިވި ގުޅުމަކަށް ހެދުމުގެ ޔަޤީންކަން އައުކުރައްވަމުންނެވެ. މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި ޤަތަރާއި ދެމެދު އޮތް ޒަމާންވީގުޅުން ރަމްޒުކޮށްދޭ، އަދި މި ގުޅުން ދަމަހައްޓަން ދެ ޤައުމުންވެސް ދެއްވާ އަހައްމިޔަތު ހާމަވެގެންދިޔަ މުހިންމު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޚަލީލްގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، ސެކްރެޓަރީ ޑރ. ހާލާ ޙަމީދު، އެމްބެސެޑަރ އެޓް ލާޖް ޢަބްދުﷲ ޙަމީދު، އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ އަދި ޑެޕިއުޓީ ޑެސްކް އޮފިސަރ ފާތިމަތު ލަޔާނާ އިހުސާން ބައިވެރިވެވަޑައިގެންނެވި އެވެ.

ކިޔުންތެރިންގެ ހިޔާލު