ENGLISH
16 އޮކްޓޯބަރު 2025
ކަސްޓަމްސްއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރަނީ
16 އޮކްޓޯބަރު 2025
|
ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރަން ފަށަން އެ އިދާރާއިން ނިންމާފައިވޭ
މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް އެކި ކަންކަމާ ގުޅިގެން ދައްކަންޖެހޭ ފައިސާ ނުދައްކާ ކުންފުނިތަކާއި ފަރުދުންގެ ނަންތައް ހާމަކުރުމާ ގުޅޭ އުސޫލެއް އެކުލަވައިލައި، އެ އިދާރާއިން މިއަދު ގެޒެޓުކޮށްފިއެވެ.
މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އައު އުސޫލަކީ ކަސްޓަމްސް ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން އެކުލަވައިލި އުސޫލެކެެވެ. އެ އުސޫލުގައި ބުނެފައިވަނީ ކަސްޓަމްސްއިން އާއްމުކުރާނީ އެ އިދާރާއަށް ދައްކަަންޖެހޭ ފައިސާގެ އަދަދު 10،000 އަށްވުރެ މަތިވުމުންނެވެ. އަދި ނަން ހާމަކުރުމުގެ ކުރިން ގިނަ މަރުހަލާތަކެއް ފުރިހަމަކުރާނެ ކަމުގައި އުސޫލުގައި ބުނެފައިވެއެވެ.
އެގޮތުން އެންމެ ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ލިޔުމުން ފައިސާ ދައްކަން އަންގާނެއެވެ. ފައިސާ ދައްކަން އަންގާ ލިޔުން ހަވާލުކުރެވޭނެ ގޮތްތައް ކަމަށް ބުނެފައިވަނީ ސީދާ ގޮތެއްގައި ލިއުން ހަވާލުކުރުމާއި ދީފައިވާ އެޑްރެހަށް ލިއުން ފޮނުވުމާއި ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ލިއުން ފޮނުވުމާއި އީމެލަށް ފޮނުވުން ނުވަތަ ދާއިމީ އެޑްރެހަށް ލިއުން ފޮނުވުމެވެ.
މި އުސޫލުން އަމަލުކުރުމަށްފަހު ފައިސާ ނުދައްކައިފިނަމަ އެ ފަރާތަކާ ގުޅޭ ގޮތުން އަންނަނިވި މައުލޫމާތު ކަސްޓަމްސްއިން ހާމަކުރާނެއެވެ.
ހ. ފައިސާ ދައްކަން ޖެހޭ ފަރާތުގެ ފުރިހަމަ ނަން
ށ. ކަސްޓަމްސްގައި ރަޖިސްޓްރީކޮށްފައިވާ ރަޖިސްޓްރީ ނަންބަރު، އަމިއްލަ ފަރާތެއް ނަމަ ނަމާއި ދާއިމީ އެޑްރެސް
ނ. ވިޔަފާރި ރަޖިސްޓްރީ ނަންބަރު، ގާނޫނީ ޝަހުސެއް ނަމަ އެ ފަރާތުގެ ރަޖިސްޓްރީ ނަންބަރު
ރ. ނަން ހާމަކުރާއިރު އެހާތަނަށް ނުދައްކާ ހުރި ފައިސާގެ އަދަދު
ބ. ފައިސާގެ ބާވަތް
އެ އުސޫލުގެ ދަށުން ފައިސާ ނުދައްކައިގެން ހާމަކުރާ މައުލޫމާތު އާއްމުކުރާނީ ސަރުކާރުގެ ގެޒެޓައި، ކަސްޓަމްސްގެ ވެބްސައިޓާއި، މީސްމީޑިޔާ ހޭންޑްލްތަކުގައެވެ.
އަދި އެގޮތަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާނީ ލިޔުމުން ފައިސާ ދައްކަން އެންގުމަށްފަހު، ބަހާލައިގެން ފައިސާ ދައްކަން އެއްބަސްވުމަށް ފުރުސަތު ދިނުމަށްފަހު އެއިން އެއްވެސް މަރުހަލާއެއްގައި ފައިސާ ނުދެއްކުމުންނެވެ. މިއިން ކޮންމެ މަރުހަލާއެއްގެ މެދުގައި 15 ދުވަހުގެ މުހުލަތެއް ދޭނެެކަމަށް އުސޫލުގައި ބުނެފައިވެއެވެ.
ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ މަޝްރޫއުތައް ހިންގާ ކުންފުނިތަކާއި ފައިސާ ދައްކަން ޖެހިފައި ވަނިކޮށް ނިޔާވާ މީހުން މި އުސޫލުން އިސްތިސްނާވާނެއެވެ.