ENGLISH
13 ޖުލައި 2025
ހުރިހާ ކަނޑަކަށް ގަދަކަމަށް ބުނާ އެމްޑީޕީން ކުޅުދުއްފުށީ ބާއްވަން އުޅުނު ޖަލްސާއަށް މިވީ ކިހިނެއް؟
13 ޖުލައި 2025
|
ރައީސް ސޯލިހު އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރެއްވުން، ފޮޓޯ: އެމްޑީޕީ
އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ޒަމާންވީ ޕާޓީއެވެ. ކަނޑު ގަދަވިޔަސް މޫސުން ބަނަވިޔަސް ވިއްސާރައާގައި ގަދަވަޔާއެކު ބޮޑެތި ކޮޅިގަނޑުތައް ކުރިމަތިވިޔަސް ނުފެތޭނެ މަޑުނުޖެހޭނެ އޮޑިއެއްގެ ގޮތުގައި އެ ޕާޓީގެ އިސްވެރިން އަބަދުވެސް ސިފަކުރައްވާ އެމްޑީޕީއަކީ ގަދަ އައްވާއި ވިއްސާރައިގެ ތެރޭ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ތާރީހެއް އޮތް ޕާޓީއެކެވެ. އެމްޑީޕީއަށް 20 އަހަރު ފުރުމާ ދިމާކޮށް ޕާޓީ މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނެސް އައު ހިއްވަރަކާއެކު ހިންގައިގަންނަން ފަށައިގަތުމުގެ ގޮތުން އެ ޕާޓީގެ ބޮޑު ޖަލްސާއެއް ކުޅުދުއްފުށީގައި ބާއްވަން ނިންމައި އިއުލާނުކުރިއެވެ.
މުޅިން ތަފާތު ގޮތަަކަށް ބާއްވަން ނިންމި މި ޖަލްސާއަކީ އެމްޑީޕީ އޭގެ އަސްލަށް ރުޖޫއަވުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރެވުނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އަގަމަތީ މަސްދޯނިފަހަަރުގައި ކަނޑު ހުރަސްކޮށް ދަތުރުކޮށް، އެ ދަތުރުތަކުގެ ތެރެއިން ބޮޑެތި ސިޔާސީ ހަރަކާތްތައް ހިންގުމަަކީ އެމްޑީޕީގެ ތާރީހުގެ ބައެކެވެ. އެ ޕާޓީ އުފެދިގެން އައި ދުވަސްވަރު އެ ޕާޓީން ވަރަށް ގިނައިން މިފަދަ ހަރަކާތްތައް ރޭވިއެވެ. އައްޑޫ ސިޓީން ފުރައިގެން މާލެއަށް އަނގަމަތީ މަސް ދޯންޏެއްގައި ދަތުރެއް ކުރިއެވެ. އުތުރުގެ ރަށްރަށުން ބޮޑެތި ދޯނިފަހަރާއި ބޯޓުފަހަރުގައި މީހުން މާލެއަށް ގެނައެވެ.
މިފަހަރު ކުޅުދުއްފުށީ ޖަލްސާ ރޭވީ މާލެއިން މީހުން ކަނޑު މަގުން އެ ރަށަށް ދާ ގޮތަށެވެ. ލިސްޓެއް ހަދައި ބޯޑިން ޕާހެއް ޕްރިންޓުކޮށް އެ ޕާސް ދޫކޮށްގެންނެވެ. ވަރަށް ބޮޑަށް އިޝްތިހާރުކުރިއެވެ. ސޯޝަލް މީޑިޔާގައި ދަތުރުގެ ވާހަކަތައް ކޮންމެ ދުވަހަކު އެތައް ފަހަރަކު ޕޯސްޓުކުރަމުން އައެވެ.
ޖޫން ޖުލައިގެ ކޮޅިގަނޑާއި މޫސުން ބަނަވުމާއި ވިއްސާރަވުމަކީ ދިވެހިންނަށް އައު ކަންކަމެއް ނޫނެވެ. އެންމެން ދަންނަ ކަންކަމެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން އަންނަނީ މޫސުމަށް އަންނަ ބަދަލުތައް ކުރިއާލައި އަންގަމުންނެވެ. އެހެންކަމުން މޫސުމަށް ނުބަލައި އެއްވެސް ބަޔަކު ކަންކަން ނުރާވައެވެ. ކައިވެނި ޕާޓީތަކާއި ސަރުކާރުގެ ހަފުލާތަކާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުގެ ހަރަކާތްތައް ތާވަލުކޮށް ތަރުތީބުކުރަނީ މޫސުން ލަފާކުރާ ގޮތަށް ރިއާޔަތްކޮށްގެންނެވެ. އެމްޑީޕީ ފަދަ ޕާޓީއަކުން މޫސުމަށް ނުބަލައި ކަންކަން ރާވާނެ ކަމަށް ގަބޫލުކުރަން ދަތިވަނީ މިހެންވެއެވެ.
ނަމަވެސް މިފަހަރު އެމްޑީޕީން ބުނީ ޖަލްސާއަށް ފުރައިގެން މާލެއިން ދެވޭ ވަރަށްވުރެ ކަނޑު ގަދަވެއްޖެ ކަމަށެވެ. ކުޅުދުއްފުށީގައި ތާޒާ ވައިގެ ފިނިކަން އިހުސާސްވާ ގޮތަށް ހުޅުވާލެވިފައިވާ ތަނެއްގައި ޖަލްސާ ބޭއްވޭ ވަރަށްވުރެ ވިއްސާރަ ކަމަށެވެ. މޫސުން މިފަހަރު މިވީ މި ހަރަކާތަށް އޮތް ބޮޑު ހުރަހަކަށެވެ. ފެންނަ ފެނުމަށް މޫސުން ގޯސްވުމަކީ ހަރަކާތް ފަސްކުރަން ދައްކާ ދެކޮޅުނުޖެހޭ ބަހަނާއެކެވެ. އަސްލު ހަގީގީ މައްސަލައަކީ މުޅިން އެހެން ކަމެކެވެ.
މި ހިޔާލެއް ސިކުނޑިއަށް އައިސްގެން އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާ ވާހަކަދައްކައިލީމެވެ. ޕާޓީގެ ހަރަކާތްތެރިކަމެއް ނެތުމާއި، ޕާޓީގެ އެތެރޭގެ ކޯޅުންތައް ބޮޑުވުމުގެ މާޔޫސްކަމުގައި އެއްފަރާތުގައި ތިއްބެވި ބޭފުޅުން ވަރަށް ފަސޭހައިން ކަންކަން އޮތް ގޮތް ވިދާޅުވެދެއްވާތީ ވީ ގޮތާއި ވަމުންދާ ގޮތް ސާފުވާނެ މިންވަރަށް މައުލޫމާތު ލިބިއްޖެއެވެ.
އެ ބޭފުޅުން ވިދާޅުވި ގޮތުގައި ކަނޑުގަދަވުމާއި މޫސުން ގޯސްވުން ބަހަނާއަކަށް ދެއްކި ނަމަވެސް އަސްލު މައްސަލައަކީ ވާދަވެރިކަން ބޮޑުވުމެވެ. ކޮންމެ ކަމެއްގައިވެސް ބޮޑު ފައިދާއެއް ލިބޭނީ ކާކަށްތޯ ކުރެވޭ ސުވާލުގެ ތެރޭގައި ޕާޓީގެ ހަރަކާތްތައް ތާށިވަނީއެވެ. މި ޖަލްސާއެއް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުއްވީ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ. ނަމަވެސް ފައްޔާޒު ހިމެނިވަޑައގަންނަވާހެން ޕާޓީގެ ލީޑާޝިޕުގެ ބޭފުޅުންނާއި ގައުމީ މަޖިލީހުގެ މެންބަރުންނާއި ޕާޓީގެ ދުވަސްވީ ގިނަ ބޭފުޅުން ކަނޑު މަގުން މި ދަތުރުކުރައްވަން ތައްޔާރުވެވަޑައިގެން ތިއްބަވަނިކޮށް މާ ކުރިން ވައިގެ މަގުން ގިނިކަންޏާ ކުޅުދުއްފުއްޓަށް ވަޑައިގަތީ ކުރީގެ ރައީސް އަދި ޕާޓީގެ އެޑްވައިޒަރު އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ރިޔާސީ އިންތިހާބުގެ ވާދަވެރިކަން އެއްފަރާތްކުރުމަށް ޕާޓީގެ އެހެނިހެން ވެރިންނަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން އެމަނިކުފާނުގެ ޅިޔަނުންނާއި ކޮއްކޮއިންނާއި އެހެނިހެން އާއިލީ ބޭފުޅުން ކުރީ ސަފަށް ނެރުއްވައިގެން އިންތިހާބަށް ސިއްރު ކެމްޕެއިނެއް ކުރައްވަމުންގެންދަވާ ސޯލިހު މާކުރިން ކުޅުދުއްފުއްޓަށް ވަޑައިގަތުމާއެކު މި ހަރަކާތަކީ ސޯލިހުގެ ކެމްޕެއިނަށް ބާރުދޭ ހަރަކާތަކަށް ހައްދަވައި މުޅި ޖަލްސާއާއި، ޖަލްސާ ވަށައިގެން ހިންގުމަށް ރޭވި ހުރިހާ ކަމެއް އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމުން ހައިޖެކުކޮށްފާނެ ކަމުގެ ބިރު ދެން ތިއްބެވި ބޭފުޅުންނަށް ބޮޑުވީއެވެ.
އެހެންކަމުން ފައްޔާޒާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެހެން ލީޑަރުން ފަހަަތަށް ފިޔަވަޅެއް އަޅުއްވައި ޖަލްސާ ފަސްކުރެއްވީއެވެ. ވަކިން ކުޅުދުއްފުއްޓަށް ވަޑައިގެން ހުންނެވި ސޯލިހު ގިނިކަންޏާ އެ ސިޓީއަށް ދޫކޮށްލައްވައި އެމަނިކުފާނު ކަންކުރައްވާ ގޮތެއް ބައްލަވަން އެހެން ބޭފުޅުން ދުރުގައި ދުރުމި އަޅުއްވަައިގެން ތިއްބަވަން ގަސްތުކުރެއްވީއެވެ.
ސޯލިހު ކަންކުރެއްވި ގޮތަށް ބަލާއިރު އެމަނިކުފާނު ޕާޓީގެ ޓިކެޓު ހޯއްދެވުމަށް ފައިނެންގެވުމުން އެހެން ބޭފުޅުން ރުހިވަޑައިނުގަތަސް އެހުންނެވީ ކައިވަތެއްހައި މިންވެސް ފަހަތަަށް ޖެހިވަޑައިގަންނަވާ ގޮތަކަށް ނޫނެވެ. މިއަދު ކުޅުދުއްފުށީގައި ތިބި އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. ކުރެއްވި މަޝްވަރާގެ ތަފުސީލެއް އަދި ނޭނގެއެވެ. ނަމަވެސް ޕާޓީގެ ރިޔާސީ ޓިކެޓަށް ކަޅިއަޅުއްވާ ހުރިހާ ބޭފުޅުން އެ ވާހަކަފުޅުތައް ހޯއްދަވާނެއެވެ. ބައްލަވާނެއެވެ.
އެމްޑީޕީގެ ހަރަކާތްތެރިކަން ކުޑަވެގެން، ރަނގަޅު ބުރަދަންހުރި ސިޔާސީ މަސައްކަތެއް ނުކުރެވިގެން ކުރީގެ ރައީސް އަދި އެ ޕާޓީ ހިންގެވުމުގައި އެންމެ ގިނަ ދުވަހު އެންމެ ބޮޑެތި މަސައްކަތްކުރެއްވުމަށްފަހު، ޕާޓީ ރޫޅައިލެއްވުމުގެ އަޒުމުގައި ނުކުމެވަޑައިގެންނެވި ރައީސް މުޙައްމަދު ނަޝީދު އަނބުރާ ޕާޓީއަށް ގެންނަވައިފިއެވެ. ނަމަވެސް ހަރަކާތްތެރިކަން ނެތިވެ، މަގުބޫލުކަން ކުޑަވުމަށް މެދުވެރިވި ހަގީގީ ސަބަބުކަމުގައިވާ ލީޑަރުންގެ ކޯޅުން ބޮޑުވުމުގެ މައްސަލަ އެ ފިޔަވަޅުން ހައްލެއް ނުވެއެވެ. ފެންނަ ފެނުމަށް އެ މައްސަލަ އިތުރަށްވާނީ ގޯހެވެ.
މިއަދުގެ އެމްޑީޕީއަކީ އިއްޔެގެ އެމްޑީޕީއެއް ނޫނެވެ. މީގެ 20 އަހަރު ކުރިން ނުވަތަ ދިހަ ވަރަކަށް އަހަރުކުރިން މާލޭގެ މަގުތައް ފުރާލައި، ބޮޑެތި ރަށްރަށުން އޮޑިފަހަރުގައި ކަނޑު މައްޗަށް ސަޕޯޓަަަރުން ނެރެ، ޕާޓީގެ ދިދަތަކުގެ ރީނދޫ ކުލައިން ކަނޑުމަތި ޖަރީކޮށް، ފޯރިގަދަ ސިޔާސީ ލަވަތަކުގެ އަޑުން ޖައްވު ފުރައިލި އެމްޑީޕީއަކީ މާޒީއެވެ. ލީޑަރުންގެ ކޯޅުމާއި ޕާޓީއަށް ވެރިކަން ލިބުމުން ގައުމު ހިންގަން ނޭނގުމުން ރައްޔިތުންގެ ފަރާތުން އަމާޒުވަމުންދާ ނުރުހުމާއެކު މިއަދުގެ އެމްޑީޕީއަކީ ހަގީގަތުގައިވެސް ގަދަ ކަނޑުގައި ދަތުރުކުރެވޭ ވަރަށްވުރެ ފީވެފައި އޮތް އޮޑިއެކެވެ. ވަކި މިސްރާބެއް ނެތުމުން ދަތުރަށް ފުރަން ނޭނގި ބަނދަރުގައި އޮތުން ނޫން ގޮތެއް އެ އޮޑިއަކަށް ނެތެވެ. ކުޅުދުއްފުށީ ޖަލްސާ ކެންސަލްވުން ބުނެދެނީ އެމްޑީޕީ އޮތް ނިކަމެތި ޟަޢީފު ބަލިކަށި ހާލަތެވެ.