ENGLISH
04 ޖުލައި 2025
މިދިޔަ ވެރިކަމުގައި އެމްއެމްޕީއާރުސީއަށް 203 މިލިއަން ރުފިޔާގެ ގެއްލުން، ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކުރިއަށް
04 ޖުލައި 2025
|
ލިވަޕޫލްގެ ސީނިއާ މެނޭޖްމަންޓް ޓީމުގެ މެމްބަރުން ރާއްޖެ ކުރި ޒިޔާރަތުގެ ތެރެއިން. އެމްއެމްޕީއާރުސީ ހަމަމަގަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން. ފޮޓޯ: އެމްއެމްޕިއާރުސީ
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މާލީ ހާލަތު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެންމެ ފަހުން އާއްމުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެއްކަމަކީ އެ ކުންފުނީގެ މާލީ ހާލަތު ދަށްވެފައިވާ ވާހަކައެވެ. އެގޮތުން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން 27 މިލިއަން ރުފިޔާގެ ދަރަންޏަކާ އެކު އެމްއެމްޕީއާރުސީ އޮތީ ބަނގުރޫޓުވުމުގެ ތުންފަތްމަތީގައެވެ.
ރިޕޯޓާ ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިއުމާއެކު، އެމްއެމްޕީއާރުސީން ވަނީ އެކަމުގެ ހަގީގަތް ސާފުކޮށްދީފައެވެ. އެ ކުންފުނިން އާއްމުކުރި ބަޔާނުގައި ވަނީ އެމްއެމްޕީއާރުސީ އެ ހާލަތަށް ދިޔަ ގޮތުގެ ތަފްސީލު ހިމަނައިފައެވެ.
އެ ކުންފުނީގެ ބަޔާނުގައި ބުނީ މަޖިލީހުގެ ކޮމިޓީން އާއްމުކުރި ބަޔާނަކީ މިދިޔަ ހަ އަހަރުގެ މާލީ ހިސާބުތައް ކަމަށެވެ. މިދިޔަ ހަ އަހަރަށް ބަލާއިރު ރިޕޯޓުން ފާހަގަވީ މިދިޔަ ވެރިކަމުގައި އެމްއެމްޕީއާރުސީއަށް ކުރިމަތިވި ބޮޑު ގެއްލުމެވެ. އެގޮތުން މިދިޔަ ވެރިކަމުގެ ހަތަރު އަހަރަށް ބަލާއިރު 203 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ގެއްލުމުގެ އަދަދުތަކަށް ބަލާއިރު، 2020 ވަނަ އަހަރު އެމްއެމްޕީއާރުސީއަށް ވަނީ 1.6 މިލިއަން ރުފިޔާގެ ގެއްލުން ވެފައެވެ. ޖެހިގެން އައި 2021 ވަނަ އަހަރު 141 މިލިއަން ރުފިޔާގެ ގެއްލުންވިއިރު، 2022 ވަނަ އަހަރު 42 މިލިއަން ރުފިޔާގެ ގެއްލުމެއް އެކުންފުންޏަށް ވަނީ ލިބިފައެވެ. އޭގެފަހުން 2023 ވަނަ އަހަރު އެ ކުންފުނި ނިންމާލީ 17.9 މިލިއަން ރުފިޔާގެ ގެއްލުމުގައެވެ.
ކުންފުނިން ނެރުނު ބަޔާނާ ހަވާލާދޭއިރު، އެމްއެމްޕީއާރުސީ އަށް މިދިޔަ ވެރިކަމުގައި، ބޮޑު ގެއްލުމެއް ވަނީ ކުރިމަތިވެފައެވެ. އެ ދަރަނިން އަރައިގަތުމަށް މިދިޔަ އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް އެކުންފުނިން ވަނީ ކޮށްފައެވެ. އަދި މިހާރުވެސް ޚަރަދު ކުޑަކުރުމުގެ ގޮތުން އެމްއެމްޕީއާރުސީން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިއަހަރު ރާއްޖެ ޒިޔާރަތްކުރި އެއްމިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާކިޔުން. ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް ވަނީ ބޮޑުތަނުން އިތުރުވެފަ. ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
އެމްއެމްޕީއާރުސީން ބުނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ކުންފުނި ހިންގުން އިސްލާހުކޮށް، ހިންގުން ހަރުދަނާކުރުމަށް ކުރި މަސައްކަތާއެކު ޚަރަދުތަކުގެ 10 އިންސަތަ ކުޑަކުރެވިފައިވާ ކަމަށެވެ. އޭގެއިތުރުން ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނާޝިޕްތަކުގެ ރިވިއުއެއް ހަދައި ޕަބްލިކް ރިލޭޝަންސް އެޖެންސީތަކުގެ އަދަދު 21 އިން 6 އަށް މިހާރު ވަނީ މަދުކޮށްފައެވެ. އެ ނިންމުމާއެކު ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވިފައިވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މީގެކުރިން ކުންފުނީގެ ބަޖެޓުގެ 80 އިންސައްތަ ޓްރޭޑްޝޯތަކަށް ބޭނުންކުރަމުން ދިޔައިރު، މިހާރު އެ ޚަރަދު ރީސްޓްރަކްޗަރކޮށް 34 އިންސައްތަ ވަނީ ދަށްކޮށްފައެވެ. އެއާއެކު މިހާރު އެ ޚަރަދުން ދެ މިލިއަން ރުފިޔާ ސަލާމަތްކުރެވެއެވެ.
ޚަރަދު ކުޑަކުރުމުގެ މަސައްކަތްތަކާއެކު، ކުންފުންޏަށް އާމްދަނީ ހޯދޭނެ މަގުތައް ވެސް އެމްއެމްޕީއާރުސީން އަންނަނީ ފަހިކުރަމުންނެވެ. އެގޮތުން، އެ ކުންފުނީގެ ސްޓްރެޓެޖިކް މާކެޓިން ޕްލޭންގެ ދަށުން 21 އަށް ވުރެ ގިނަ ކެމްޕޭން މިހާރުވެސް ދަނީ ހިންގަމުންނެވެ. އެގޮތުން، ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާއެކު ޑޮލާ-ޓު-ޑޮލާ ޕާޓްނާޝިޕްތަކުގެ ތެރެއިން 10 މިލިއަން ރުފިޔާ ހޯދާފައިވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ފަތުރުވެރިކަމުގެ ކެމްޕޭންތަކާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް ވެސް މިދިޔަ އަހަރުތަކާ އަޅާބަލާއިރު ބޮޑުތަނުން ވަނީ އިތުރުވެފައެވެ. އެގޮތުން އަވައްޓެރި އިންޑިއާގެ މާކެޓަށް ބަލާއިރު، މިއަހަރު އެ މާކެޓަށް ހަތަރު އިންސައްތައިގެ ކުރިއެރުން ވަނީ އައިސްފައެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ ނިސްބަތް ވަނީ 9.1 އިންސައްތަ މަތިވެފައެވެ. މިއަހަރުގެ އޭޕްރީލް، މެއި އަދި ޖޫން މަހުގެ ތަފާސްހިސާބަށް ބަލާއިރު ވެސް ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތުން ބޮޑު ކުރިއެރުމެއް ހޯދިއެވެ. އެގޮތުން އޭޕްރީލް މަހު 17.8 އިންސައްތައިގެ ކުރިއެރުމެއް ލިބުނުއިރު މެއި މަހު ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތް 13.1 އިންސައްތައަށް އުފުލުނެވެ. އަދި، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ޖޫން މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 15 އިންސައްތަ އިތުރުވެފައެވެ.
އެމްއެމްޕީއާރުސީގެ ކުރިއަށް އޮތް އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރު އޮޑިޓްކޮށްފައިވާ މާލީ ބަޔާން ހުށަހަޅާއިރު، ކުންފުނި ހިންގުމަށް ގެނެސްފައިވާ މާލީ އިސްލާހުތަކާއި ބްރޭންޑިން ދާއިރާގައި ކުންފުނިން ގެންގުޅޭ އާ ރޭވުންތައް ހިއްސާކުރާނެކަމަށް ވަނީ ބުނެފައެވެ.