ENGLISH

03 ޖުލައި 2025

Advertisement

ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ބީއެމްއެލް އިން ޕާލޭ މޯލްޑިވްސް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

03 ޖުލައި 2025

|

މުޙައްމަދު އަދުހަމް

ބީއެމްއެލް އިން ޕާލޭ މޯލްޑިވްސް އާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތިމާވެށި ރައްކާތެރިކުރުމުގެ އާ ޕްރޮގްރާމް، އީއެންވީ ޕީއޯއެސްގެ ދަށުން ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ޕާލޭ މޯލްޑިވްސްއާއެކު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އީއެންވީ ޕީއޯއެސްގެ ދަށުން، ބީއެމްއެލްގެ ކާޑު މެޝިންތަކުން ކުރެވޭ ކޮންމެ މުޢާމަލާތަކަށް، ކަސްޓަމަރު އަދި ވިޔަފާރިވެރިން އަތުން އެއްވެސް އަދަދެއް ނެގުމެއްނެތި، ބޭންކުގެ އާމްދަނީން ވަކި މިންވަރެއް ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް ހޭދަކުރަން ވަނީ ނިންމައިފައެވެ.

އެހެންކަމުން އީއެންވީ ޕޮސް މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ މުޢާމަލާތަކުން ކަސްޓަމަރުންނަށް ސީދާގޮތުން ރާއްޖޭގެ ނާޒުކު ތިމާވެށްޓާއި ކަނޑުފަރުގެ ދިރުންތައް އަންނަން އޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދެވޭނެއެވެ.

އީއެންވީ ޕީއޯއެސްގެ ދަށުން، ޕާލޭގެ "އެވޮއިޑް. އިންޓަރސެޕްޓް. ރީޑިޒައިން" ސްޓްރެޓެޖީގެ ތެރެއިން، ޕްލާސްޓިކް ކުނި ޖަރުމަނާއި ޓައިވާން އަދި މެލޭޝިއާއަށް ރީސައިކަލް ކުރުމަށް ފޮނުވުމުގެ މަސައްކަތުގައި ބޭންކުން ޕާލޭއަށް އެހީތެރިވެދޭނެއެވެ.

"ކަނޑަކީ ދިވެހިންގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާ ތަނެއް، އެހެންނަމަވެސް ޕްލާސްޓިކް ކުނީގެ ސަބަބުން ކަނޑުގެ ދިރުންތަކާއި ވަސީލަތްތަކަށް ނުރައްކާވަމުންދާ މިންވަރު ދަނީ އިތުރުވަމުން. އެހެންކަމުން، ކަނޑުތައް ރައްކާތެރިކުރުމަށާއި، ޕްލާސްޓިކްގެ ބޭނުން މަދުކުރުމަށާއި، ތަކެތި އުފެއްދުމުގެ ކުރިމަގު ބަދަލުކުރުމަށް ޕާލޭއިން ކުރާ މަސައްކަތަށް އެހީތެރިވެ، ބަދަލެއް ގެނައުމަށް ޕާލޭއާއެކު މަސައްކަތްކުރުމަށް ލިބުނު ފުރުސަތާމެދު އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވަން. މި ބައިވެރިވުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، އަޅުގަނޑުމެންގެ އައު ބޭންކް ކާޑުތައް ރާއްޖެއިން ބޭރުކުރާ ޕްލާސްޓިކުން ތައްޔާރުކުރާ ޕާލޭ އޯޝަން ޕްލާސްޓިކް® އިން އުފެއްދުމަށް ވެސް އަޅުގަނޑުމެން މި ދަނީ ތައްޔާރުވަމުން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކަނޑުގެ ވެށްޓަށް މުހިންމު ބަދަލެއް ގެނައުމަށާއި، ކަނޑަށް އަޅާ ޕްލާސްޓިކް އިންޓަރސެޕްޓް ކުރުމަށް ޕާލޭއިން ކުރާ މަސައްކަތް ފުޅާކުރުމަށް ބީއެމްއެލްއާއެކު މަސައްކަތްކުރުމަށް ލިބުނު ފުރުސަތާމެދު އަޅުގަނޑުމެން ވަރަށް އުފާކުރަން." ޕާލޭ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރ ޝާހީނާ ޢަލީ ވިދާޅުވިއެވެ.

ޝާހީނާ އިތުރަށް ވިދާޅުވީ، މި ބައިވެރިވުމަކީ ރާއްޖެ ދެމެހެއްޓެނިވި ނެޓް-ޒީރޯ މުސްތަގުބަލަކާ ދިމާއަށް ގެންދިއުމުގެ ހަރަކާތަށް ބާރުލިބިގެންދާނެ ކަމެއްކަން ޔަގީން ކަމަށެވެ.

އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ތިމާވެށި ރައްކާތެރިކުރުމަށް ބީއެމްއެލްއިން ގެންގުޅޭ ދިގު މުއްދަތުގެ އަމާޒުގެ ދަށުން، ކަސްޓަމަރުންދުވަހުން ދުވަހަށް ކުރާ މުޢާމަލާތްތަކުގައި އީއެންވީ ޕީއޯއެސް ޓާމިނަލްތައް ބޭނުންކޮށްގެން ފެހި މުސްތަގުބަލަކަށް މަގު ތަނަވަސްކޮށްދޭނެ ޕްރޮގްރާމެކެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައަކާއި އޭޓީއެމް އަދި ޑިޖިޓަލް ބޭންކިންގ ޚިދުމަތްތަކާއެކު، ބީއެމްއެލް އަކީ ރާއްޖޭގެ މާލީ ނިޒާމުގެ މުހިއްމު އިދާރާއެކެވެ.

ކިޔުންތެރިންގެ ހިޔާލު